ފެނަކަ ކޯޕަރޭޝަންގައި ހިންގި ކޮރަޕްޝަން މައްސަލައެއްގައި ހަތަރު އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލާފައިވާ، އެތަނުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވަގުތީގޮތުން ގޭބަންދަށް ބަދަލުކޮށްފިއެވެ.

ދެހާސް އަށާރަ ވަނަ އަހަރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މަސައްކަތް ފުރިހަމަ ކޮށްފައި ނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށް ވާ ފައިސާ ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑަށް 2019 ވަނަ އަހަރު ދޫކޮށް، އެ ކުންފުންޏަށް ނާޖާއިޒު މަންފާ ހޯދައިދީފައިވާ މައްސަލައިގައި ކުރިމިނަލް ކޯޓުގައި ސައީދުގެ މައްޗަށް ދައުލަތުން ދައުވާކުރީ 26 ޑިސެމްބަރު 2024 ގައެވެ.

މި މައްސަލައިގައި ކުރިމިނަލް ކޯޓުން ސައީދުގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މިދިޔަ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އެ ހުކުމް އޭނާގެ މައްޗަށް އިއްވާފައިވަނީ ދައުލަތުން އޭނާގެ މައްޗަށް ކޮށްފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމާ ގުޅިގެންނެވެ.

ނަމަވެސް ސައީދު ވަގުތީގޮތުން ގޭބަންދަށް ބަދަލު ކުރި މައްސަލައިގައި ކަރެކްޝަން ސާވިސް އިން ބުނެފައި ވަނީ ސައީދު ވަގުތީގޮތުން އިއްޔެ ގޭބަންދަށް ބަދަލުކުރީ ސިއްހީ ހާލަތުގެ ސަބަބުން ކަމަށެވެ.

ސައީދު ގޭބަންދަށް ބަދަލު ކުރިއިރު، އޭނާގެ މައްޗަށްކުރި ހަތަރު އަހަރު ދުވަހުގެ ޖަލު ހުކުމް ވަނީ އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.