މޯލްޑިވްސް އިމިގްރޭޝަންގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުޅުދުއްފުށި ސިޓީގައި ގާއިމުކޮށްފައިވާ އާ އޮފީސް ހުޅުވައިފިއެވެ.

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ޕާސްޕޯޓުގެ ހިދުމަތް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ސިޔާސަތެކެވެ.

ކުޅުދުއްފުށީގައި އިމިގްރޭޝަންގެ އާ އޮފީސް ހުޅުވުމަށް އެ ސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އާ އޮފީސް ހުޅުއްވައިދެއްވީ ޑެޕިއުޓީ ކޮންޓްރޯލަރު އަހުމަދު އަޝްފާނެވެ.

އިމިގްރޭޝަނުން ބުނީ އެ އާ އޮފީހާއެކު، އޮފިސަރުންނަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބި، މަސައްކަތުގެ މާހައުލަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށެވެ. އަދި އެ ސަރަހައްދުގައި އިމިގްރޭޝަންގެ ހިދުމަތްތައް ފޯރުކޮށްދިނުމުން ރައްޔިތުންނަށް އިތުރު ލުއިފަސޭހަތަކެއް ވެސް މަގުފަހިވެގެންދާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީކާޑާއި ޕާސްޕޯޓުގެ ހިދުމަތް ގާއިމުކޮށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ވަނީ ނިންމައިފައެވެ. ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީކާޑާއި ޕާސްޕޯޓުގެ ހިދުމަތް ގާއިމުކޮށް ނިމުން ފާހަގަކޮށްފައިވަނީ، އދ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މަހިބަދޫގައި އެ ދުވަހު ބޭއްވި ޖަލްސާގައެވެ.