ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކޮށްފައިވާ 4000 ހައުސިން ޔުނިޓުތަކުގެ ޕްލެޓުތައް ކައިރީ ކުނި ބެހެއްޓުމުގެ މައްސަލަ ބޮޑުވެފައިވަނިކޮށް، އެ ކޯޕަރޭޝަނުން އެ ފްލެޓުތަކުގެ ކައިރީގައި 32 ޑަސްބިން ބަހައްޓައިފިއެވެ.

އެފްޑީސީން މިއަދު ބުނީ އެ ޓަވަރުތައް ކައިރީ އެ ތަންތަނުން ނެރޭ އާންމު ކުނީގެ ގޮތުގައި އުކާލާ ކުނިތައް އެޅުމަށް ޑަސްބިން ބަހައްޓާފައިވާ ކަމަށެވެ.

"އެ އިމާރާތާއި، ދިރިއުޅޭ މާހައުލުގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި، ކުނި އުކާލުމުގައި ހަމަޖެހިފައިވާ އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެންމެހާ ފަރާތްތަކަށް ނަސޭހަތްތެރިވަން،" އެފްޑީސީން ބުންޏެވެ.

އެފްޑީސީ ފްލެޓްތަކުގެ ތިރިއަށް ކަރުދާސް ފޮށިތަކާއި ކުނިތައް އަޅާލައި މުޅި ސަރަހައްދު ގޮނޑުކޮށްލާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވެފައިވާ އިރު، އެ މައްސަލައިގައި އެފްޑީސީން މިދިޔަ އަންގާރަ ދުވަހު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ "އަމާން ޓަވަރު" ތަކުގެ އާންމު ސަރަހައްދުތަކާއި، އިމާރާތްތަކުގެ ގްރައުންޑް ފްލޯ ހިމެނޭހެން، ކަނޑައެޅިފައިވާ އުސޫލުން ބޭރުން ކުނި ޖަމާކުރުމުގެ ސަބަބުން، ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެ، އާންމު ސިއްހަތާއި ސަލާމަތަށް ނުރައްކާވާ ފަދަ ހާލަތްތައް މެދުވެރިވަމުންދާކަމުގެ ޝަކުވާ އެ ކޯޕަރޭޝަނަށް ލިބޭ ކަަމަށެވެ.

12 ފެބްރުއަރީ 2026: ފަހި ދިރިއުޅުން ކޯޕްރޭޝަނުން އަމާން ޓަވަރުތައް ކައިރީ ބަހައްޓާފައިވާ ޑަސްބިން --- ފޮޓޯ/ އެފްޑީސީ

"މިއީ މި ކޯޕަރޭޝަނުން ކަނޑައަޅައި އާންމުކޮށްފައިވާ ކުނި އުކާލުމުގެ ގަވައިދާ ކަނޑައެޅިގެން ހިލާފު ކަމެއްކަން ތަކުރާރުކޮށް ފާހަގަކުރަން. އިމާރާތްތަކުގެ ކޮރިޑޯތަކާއި، ހިނގާ މަގުތަކުގެ އިތުރުން ޓަވަރުތަކުގެ ބޭރު ސަރަހައްދުތަކަށް ކުނި އެޅުމާއި ކުނި ޖަމާކުރުމަކީ މަނާކަމެއް. ގޭބީސީތަކުން އުފެދޭ ކުނި އުކާލަންވާނީ ހަމައެކަނި ގްރައުންޑް ފްލޯގައި ހުންނަ 'ގާބޭޖް ރޫމް' ތަކުގައި އެކަމަށް ހާއްސަކޮށްފައިވާ ކުނިވަށިތަކަށް،" އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

އޭގެ އިތުރުން އެފްޑީސީން ބުނެފައިވަނީ ޔުނިޓުތަކަށް އަލަށް ބަދަލުވާއިރު އުފެދޭ ފޮށިގަނޑާއި، ފުޅިމަދު އަދި އެ ނޫންވެސް ތަކެތި އުސޫލުތަކާ އެއްގޮތަށް އުކާލުމަކީ އެ ޔުނިޓެއްގެ ވެރިފަރާތުގެ ޒިންމާއެއް ކަމަށެވެ. އެހެންކަމުން ކުނި އުކާލުމަށް ކަނޑައެޅިފައިވާ ގަވައިދާ ހިލާފަށް ކުނި އުކަމުންދާ ނަމަ އެކަން ހުއްޓުމަށް އެފްޑީސީން ވަނީ އެދިފައެވެ.

އަދި ގަވައިދާ ހިލާފަށް ކުނި އުކަމުންދާނަމަ މިމަހުން ފެށިގެން އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އަޅައި ޖޫރިމަނާކުރާނެ ކަމަށާއި ކުނި އުކާލުމުގައި މާހައުލުގެ ސާފުތާހިރުކަމަށް ފަރުވާތެރިވުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށް އެފްޑީސީން ބުނެފައިވެއެވެ.