ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ވިލާތުގެ އެންމެ ބޮޑު އެއް ޓުއާ އޮޕަރޭޓަރު ކަމަށްވާ ޖަރުމަންގެ ޑާޓުއާ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ވީއެމްސީން މައުލޫމާތުދޭ ގޮތުގައި އެ އެއްބަސްވުމަކީ ޖަރުމަނުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށް ވިލާތުގެ ބާޒާރުގައި ރާއްޖޭގެ މަގުބޫލުކަން އިތުރަށް ހަރުދަނާކުރުމަށް ޑާޓުއާ އާއެކު ވެވުނު އެއްބަސްވުމެކެވެ.
އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޖަރުމަނަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިއްޔެ ބާލިންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ވިޒިޓް މޯލްޑިވްސްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޯޕަރޭޝަނުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީއެވެ. އަދި ޑާޓުއާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އިންޑިއަން އޯޝަން އެންޑް އޭޝިއާ ޑިރެކްޓަރު ޔޯން ކްރައުސާ އެވެ.
ވީއެމްސީން ނެރުނު ބަޔާނެއްގައި ބުނީ އެ އެއްބަސްވުމުގެ ދަށުން ޖަރުމަނުވިލާތުން ރާއްޖެއަށް އަހަރަކު މަދުވެގެން 100,000 ފަތުރުވެރިން ގެނައުމަށާއި، ޖެހިގެން އަންނަ އަހަރު އެ އަދަދު 200,000 އަށްވުރެ މައްޗަށް ޖެއްސުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތްކުރާނެ ކަމަށެވެ. އަދި އެއީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު ބާޒާރެއްގެ ގޮތުގައި ޖަރުމަނު އޮތް އޮތުން އިތުރަށް ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
އެ އެއްބަސްވުމުގެ ދަށުން ރާއްޖެއަކީ ފަތުރުވެރިން އެންމެ އިސްކަންދޭ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމަށްޓަކައި ދެ ފަރާތުން ގުޅިގެން ހަރަކާތްތަކާއި ޕްރޮމޯޝަންތައް ކުރިއަށްގެންދާނެ ކަމަށެވެ. އަދި ޖަރުމަނުގެ ފަތުރުވެރިންގެ ޝައުގުވެރިކަމާއި ސީޒަނަލް ޑިމާންޑަށް ބިނާކޮށް ގުޅިފައިވާ ޕްރޮމޯޝަނަލް ކެމްޕޭންތަކާއި ޓްރޭޑް އެންގޭޖްމަންޓް ޕްރޮގްރާމްތައް ހިންގުމަށް ރޭވިފައިވާ ކަމަށް ވެސް ވީއެމްސީން ބުންޏެވެ.
އޭގެ އިތުރުން ރާއްޖެ އިޝްތިހާރުކުރުމަށް އެކުލަވާލާ ސްޓްރެޓެޖީތައް ހަރުދަނާކުރުމަށްޓަކައި ޑާޓުއާ އިން ފަންނީ ލަފަޔާއި މާކެޓް އެކްސްޕަޓީޒް ފޯރުކޮށްދޭނެ ކަމަށާއި އަދި ދެ ފަރާތުގެ ދެމެދުގައި ފަތުރުވެރިކަމާ ގުޅޭ މުހިންމު ތަފާސްހިސާބުތަކާއި އަދި ބާޒާރުގެ ފަންނީ ތަސައްވުރު (މާކެޓް އިންޓެލިޖެންސް) ހިއްސާކުރުމަށްވެސް އެއްބަސްވެފައިވާ ކަމަށް ވީއެމްސީން ބުންޏެވެ.
އެ އެއްބަސްވުމުގެ ދަށުން ދެ ފަރާތުން ގުޅިގެން ޓްރޭޑް އިވެންޓްތަކާއި ސޭލްސް އެކްޓިވޭޝަންތައް ކުރިއަށްގެންދުމަށް ހަމަޖެހިފައިވެއެވެ. އޭގެ މައިގަނޑު މަގުސަދަކީ ޖަރުމަނުގެ ޓްރެވަލް ޓްރޭޑް ދާއިރާއާ އޮންނަ ގުޅުން ބަދަހިކޮށް، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުން ކަމަށް ވީއެމްސީން ބުންޏެވެ.
ޑާޓުއާ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރަމުން އަންނަ އަދި ރާއްޖޭގައި ރިސޯޓް އިންވެސްޓްމަންޓްތައް ވެސް ގެންގުޅޭ ކުންފުންޏެކެވެ.
ޖަރުމަނުވިލާތުގެ ޑާޓުއާ ބެހިގެންވަނީ ޑާޓުއާ އައިޓީއެސް އަދި މެއިރެސް ވެލްޓްރެއިސެން ޓުއާ އޮޕަރޭޓަރުންގެ މައްޗަށެވެ. އެއީ ޑާޓުއާ ގްރޫޕުގެ ބައެކެވެ. ރީވީ ގްރޫޕުގެ ފަތުރުވެރިކަމާ ބެހޭ ގޮފި ކަމަށްވާ ޑާޓުއާ ގްރޫޕުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިކަމުގެ ހިދުމަތްދޭ މަގުބޫލު ބްރޭންޑްތަކާއި ޓްރެވަލް އެޖެންސީތައް އަދި ޑެސްޓިނޭޝަން ސާވިސްތައް ހިންގަމުންދެއެވެ.
ވީއެމްސީން ގަބޫލުކުރާގޮތުގައި އެ އެއްބަސްވުމަކީ ރާއްޖެއަށް އެންމެ މުހިންމު ބާޒާރުތަކުގައި ހަރަކާތްތެރިވާ ބޮޑެތި ޓުއާ އޮޕަރޭޓަރުންނާއެކު އޮންނަ ގުޅުން ބަދަހިކޮށް ދިގު މުއްދަތަކަށް ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމަށް އެ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން