ފަހި ފްލެޓުތަކުގެ ތިރިއަށާއި އެކި ތަންތަނަށް ކުނި އެޅި މީހުން ޖޫރިމަނާ ކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ފަށައިފިއެވެ.
އެފްޑީސީ ފްލެޓްތަކުގެ ތިރިއަށް ކަރުދާސް ފޮށިތަކާއި ކުނިތައް އަޅާލައި މުޅި ސަރަހައްދު ގޮނޑުކޮށްލާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
އެފްޑީސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ހައުސިން ޔުނިޓު ތަކުގެ އާންމު ސަރަހައްދުތަކާއި އިމާރާތްތަކުގެ ގްރައުންޑް ފްލޯ ހިމެނޭހެން، ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް ބައެއް ފަރާތްތަކުން ކުނި އުކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ކުނި އުކާލުމުގައި ހަމަޖެހިފައިވާ އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެންމެހާ ފަރާތްތަކަށް ނަސޭހަތްތެރިވާ ކަމަށާއި ގަވާއިދާ ހިލާފަށް ކުނި އުކާ ފަރާތްތަކާމެދު ފިޔަވަޅު އަޅައި، އެފްޑީސީއިން ކަނޑައަޅާ އުސޫލެއްގެ ދަށުން ޖޫރިމަނާ ކުރަމުންދާނެ ކަމަށެވެ.
ޖޫރިމަނާ ތަންފީޒުކުރަން ފަށާފައިވާ އިރު، އުސޫލާ ހިލާފުވި ބައެއް ފަރާތްތަކާ މެދު ފިޔަވަޅު އަޅައި މިހާރު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
އުސޫލުން ބޭރުން ކުނި ޖަމާކުރުމުގެ ސަބަބުން، ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެ، އާންމު ސިއްހަތާއި ސަލާމަތަށް ނުރައްކާވާ ފަދަ ހާލަތްތައް މެދުވެރިވަމުންދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
މިއީ މި ކޯޕަރޭޝަނުން ކަނޑައަޅައި އާންމުކޮށްފައިވާ ކުނި އުކާލުމުގެ ގަވައިދާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށެވެ.
އިމާރާތްތަކުގެ ކޮރިޑޯތަކާއި، ހިނގާ މަގުތަކުގެ އިތުރުން ޓަވަރުތަކުގެ ބޭރު ސަރަހައްދުތަކަށް ކުނި އެޅުމާއި ކުނި ޖަމާކުރުމަކީ މަނާ ކަމެއް ކަމަށާއި ގޭބީސީތަކުން އުފެދޭ ކުނި އުކާލަންވާނީ ހަމައެކަނި ގްރައުންޑް ފްލޯގައި ހުންނަ "ގާބޭޖް ރޫމް" ތަކުގައި އެކަމަށް ހާއްސަކޮށްފައިވާ ކުނިވަށިތަކަށް ކަމަށެވެ. ޔުނިޓުތަކަށް އަލަށް ބަދަލުވާ އިރު އުފެދޭ ފޮށިގަނޑާއި ފުޅިމަދު އަދި އެ ނޫންވެސް ތަކެތި އުސޫލުތަކާ އެއްގޮތަށް އުކާލުމަކީ އެ ޔުނިޓެއްގެ ވެރިފަރާތުގެ ޒިންމާއެއް ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އަމާން ޓަވަރުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށް، ސާފުތާހިރު މާހައުލެއް ދެމެހެއްޓުމަށްޓަކައި، އެ ސަރަހައްދުގައި ޖަމާވެފައިވާ ކުނިތައް ނެގުމުގެ މަސައްކަތް އެފްޑީސީ އާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓަޑް (ވެމްކޯ) ގުޅިގެން ހުއްޓުމެއް ނެތި ދަނީ ކުރަމުންނެވެ.
މި މަސައްކަތުގެ ދަށުން އާމާން އުދަރެސް އަދި ދޯދިގެ ޖުމްލަ 32 ޓަވަރު ސާފުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އާއިޝަތު މާހާ
ފަހި ދިރިއުޅުން ކޯޕަރޭޝަން
ފަހި ދިރިއުޅުން ކޯޕަރޭޝަން
ފަހި ދިރިއުޅުން ކޯޕަރޭޝަން
ފަހި ދިރިއުޅުން ކޯޕަރޭޝަން