ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް އަމާޒުކޮށްގެން، ކޮންމެ ރީލޯޑަކާއެކު ހިލޭ ޑޭޓާ އާއި އަގުހުރި އިނާމުތަކެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް އިއުލާންކޮށްފިއެވެ.

ދިރާގުން ބުނީ އެ ޕްރޮމޯޝަނުގެ ދަށުން، ކޮންމެ ރީލޯޑަކަށް 20 ޖީބީއާ ހަމައަށް ބޯނަސް ޑޭޓާ ލިބޭނެ ކަމަށެވެ.

އޭގެ އިތުރުން ދިރާގުއެޕް މެދުވެރިކޮށް ރީލޯޑް ކުރާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ދުވަހަކު ނަގާ ގުރުއަތުން ހޮވޭ ތިން ނަސީބުވެރިއަކަށް 1 ޓީބީގެ ޑޭޓާ، ނުވަތަ 10 ޑޮލަރުގެ ސްޕޮޓިފައި ގިފްޓް ކާޑެއް، ނުވަތަ 25 ޑޮލަރުގެ އެމެޒޯން ގިފްޓް ކާޑެއް ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެގޮތުން ގުރުއަތުން ހޮވޭ ފަރާތްތަކަށް ލިބޭ 1 ޓީބީ ޑޭޓާ 28 ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ އެ ޕްރޮމޯޝަންގެ މުއްދަތުގައި ރީލޯޑް ކުރާ ހުރިހާ ކަސްޓަމަރުންނަށް ވެސް ބޯނަސް ޑޭޓާ އެކްޓިވޭޓް ކުރުމަށް ބޭނުންވާ އެސްއެމްއެސް ލިބޭނެ ކަމަށާއި އެގޮތުން މެސެޖު ލިބޭތާ ތިން ދުވަހުގެ ތެރޭގައި ބޯނަސް ޑޭޓާ ކްލެއިމް ކުރެވޭނެ ކަމަށެވެ.

އޭގެ އިތުރުން ކޮންމެ ދުވަހަކު ހޮވޭ ނަސީބުވެރިންނަށް ލިބޭ ގިފްޓް ކާޑުތައް ތިން މަސް ދުވަހުގެ ތެރޭގައި ރިޑީމްކޮށް ބޭނުންކުރެވޭނެ ކަމަށާއި އެ ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ 16 ގެ ނިޔަލަށް އެއް ހަފުތާގެ މުއްދަތަށް ކަމަށް ދިރާގުން ބުންޏެވެ.

އެ ޕްރޮމޯޝަނަކީ ދިރާގުގެ ހުރިހާ ޕްރިޕެއިޑް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމުގައި އިތުރު ލުއިފަސޭހަތަކާއި ފައިދާތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި ދިރާގުން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.