މޯލްޑިވްސް މެރިން އެކްސްޕޯ 2026 ގެ އޮފިޝަލް އިންޝުއަރަންސް ޕާޓްނަރެއްގެ ގޮތުން އެލައިޑް އިންޝުއަރެންސްއިން ބައިވެރިއްޖެއެވެ.

އެލައިޑުން މިއަދު ބުނީ އެ އެކްސްޕޯގައި މެރިން އިންޑަސްޓްރީއަށް ހާއްސަކޮށް، މެރިން ހަލް ޕްރޮމޯޝަނަކާއި މިދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް ހިއްސާކޮށްފައިވާ ކަމަށެވެ.

އެކުންފުނިން 2014 ވަނަ އަހަރުން ފެށިގެން މެރިން އެކްސްޕޯގައި ބައިވެރިވަމުންދާ ކަމަށާއި އެލައިޑުން ދެކޭގޮތުގައި މި އެކްސްޕޯގައި ބައިވެރިވުމުގެ މައިގަނޑު މަގުސަދަކީ ޑައިވް ސްކޫލްތަކާއި ވޯޓާ ސްޕޯޓްސް ސެންޓަރުތަކާއި އުޅަނދުފަހަރު ބަންނަ ފަރާތްތަކުގެ އިތުރުން މި ދާއިރާގެ އެކި ވިޔަފާރިތަކަށް ބޭނުންވާ އިންޝުއަރެންސް ޕްރޮޑަކްޓްތަކުގެ މައުލޫމާތު އެ ފަރާތްތަކާ ހިއްސާކޮށް، މިކަމުގެ މުހިންމުކަށް މި ފަރާތްތަކައް އަންގައިދިނުން ކަމަށެވެ.

މީގެ އިތުރުން އެލައިޑްގެ އިސްލާމިކް ވިންޑޯ، އެލައިޑް ތަކާފުލް ޕްލޭންތަކުގެ މައުލޫމާތު ވެސް މިއެކްސްޕޯގައި ފޯރުކޮށްދީފައިވާ ކަމަށެވެ.

މެރިން އެކްސްޕޯއާ ދިމާކޮށް އެލައިޑުން ވަނީ މެރިން ހަލް އިންޝުއަރަންސް ނުވަތަ މެރިން ހަލް ތަކާފުލް އަލަށް ނަގާ ފަރާތްތަކަށް އަމާޒުކޮށްގެން ހާއްސަ ޕްރޮމޯޝަނެއް ވެސް ހިންގައިފައެވެ. އެ ޕްރޮމޯޝަނުގެ ދަށުން ގުރުއަތުން ހޮވުނު ތިން ފަރާތަކަށް، 8,000 ރުފިޔާގެ ޑިސްކައުންޓް ވައުޗާއެއް ވަނީ ހަވާލުކޮށްފައެވެ.

މެރިން އެކްސްޕޯ އާއި ކުރިއަށްދިޔަ މި ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވާފައިވަނީ، އެކްސްޕޯ ނިންމުމަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

މިޕްރޮމޯޝަންގެ އިތުރުން ވެސް އެލައިޑުގެ ސްޓޯލަށް ޒިޔާރަތް ކޮށް، ސްޓޯލުގައި ކުރިއަށްގެންދިޔަ އިތުރު ހަރަކާތްތަކުގައި ބައިވެރިވި ފަރާތްތަކަށް އެލައިޑުން ވަނީ ހާއްސަ ހަދިޔާތަކެއް ވެސް ދީފައެވެ.