އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ބޭއްވި މައުލޫމާތު ދިނުމާބެހޭ ބައްދަލުވުމަކަށް ހާޒިރު ނުވެގެން އިސްލާމިކް މިނިސްޓްރީ ޖޫރިމަނާކޮށްފިއެވެ.

މައުލޫމާތު ހޯދުމަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ބޭއްވި މި ބައްދަލުވުމަށް ހާޒިރު ނުވެގެން އައިކޮމް އިން އިސްލާމިކް މިނިސްޓްރީ މިއަދު ޖޫރިމަނާ ކުރީ 700 ރުފިޔާ އިންނެވެ.

އެކަމާ ގުޅިގެން އައިކޮމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މައުލޫމާތު ހޯދުމަށް ހުށަހެޅި ދެ ހުށަހެޅުމަކަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ނުދީގެން ދެ ޝަކުވާއެއް އެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ ޝަކުވާތައް ބަލަން މިދިޔަ އަންގާރަ ދުވަހު ބައްދަލުވުމެއް ތާވަލު ކުރުމުން އެ އަޑުއެހުން ފަސްކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީން އެދުމުން އެ ބައްދަލުވުން އިއްޔެއަށް ތާވަލުކުރި ކަމަށް ވެސް ބުނެފައިވެއެވެ.

އެ ބައްދަލުވުމަށް ވެސް ހާޒިރުވެވެން ނެތް ކަމަށް މިނިސްޓްރީން ބުނުމުން މިއަދަށް އެ ބައްދަލުވުން ތާވަލުކުރި ކަމަށް ވެސް ބުނެފައިވެއެވެ.

ނަމަވެސް ސަބަބެއް ނާންގައި މިއަދަށް ތާވަލުކުރި ބައްދަލުވުމަށް ވެސް އިސްލާމިކް މިނިސްޓްރީން ހާޒިރުވެފައެއް ނުވެއެވެ. އެހެންކަމުން ބައްދަލުވުން ކެންސަލްކުރަން ޖެހުނެވެ.

އައިކޮމްއިން ބުނީ އެއީ އިންފޮމޭޝަން ކޮމިޝަނަރުގެ ގާނޫނީ ވާޖިބު އަދާކުރަން އެޅުނު ހުރަހެއް ކަމަށެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވާއިދު ބުނާގޮތުން، އައިކޮމް އިން ބާއްވާ ބައްދަލުވުމަށް މަގުބޫލު ސަބަބަކާ ހުރެ ހާޒިރުވެވެން ނެތް ނަމަ، އެ ބައްދަލުވުން ފެށުމުގެ އެއް ގަޑިއިރު ކުރިން އަންގަން ޖެހެއެވެ.

ނަމަވެސް، އިސްލާމިކް މިނިސްޓްރީ ޖޫރިމަނާކުރީ އެއާ ހިލާފުވެފައިވާތީ ކަމަށްވެސް އައިކޮމް އިން ވަނީ ބުނެފައެވެ.