މާލޭ ހުޅަނގު ފަރާތުގައި ހުންނަ ސުނާމީ ބިނާ ކައިރީ އަޅާފައިވާ ކަނޑުއުޅަނދުތައް ނެގުމަށް ފުލުހުން އަންގައިފިއެވެ.
ސުނާމީ ބިނާއަކީ 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގެ ގިނަ ވާހަކަތަކެއް ސިފަކޮށްދޭގޮތަށް ފަރުމާކޮށްފައިވާ މޮނިއުމަންޓެކެވެ.
ފުލުހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައިވާގޮތުން އެ ސަރަހައްދުން އުޅަނދުތައް ނަގަނީ މާލޭ ސްކޭޕިން މަޝްރޫއުގެ ތެރެއިން ސުނާމީ ބިނާ މައިޒާން ތަރައްގީކުރުމުގެ މަސައްކަތަށެވެ.
ފުލުހުން ވަނީ ހުސްކުރަންވާ ސަރަހައްދު އާންމުންނަށް ސާފުވާނޭ ގޮތަށް ޗާޓުގައި ރަތްކުލައިން ހައިލައިޓްކޮށްފައެވެ.
"ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް މިއަދުގެ 18:00ގެ ކުރިން އެ ސަރަހައްދުން ނަންގަވައި ހުސްކޮށްދެއްވުން އެދެމެވެ. އެފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު ދަންނަވަމެވެ. އަދި މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދެމެވެ..،" ފުލުހުންގެ ޕޯސްޓުގައިވެއެވެ.
އެ މައިޒާނުގެ ބައެއް ތަންތަން ހަލާކުވެފައިވާ އިރު، އެ ސަރަހައްދުގެ ތޮށިގަނޑާވީ ފަޅިން ވޯކްވޭ ހަދާފައިވާ ތަންތަނުގެ ގާތައް ވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އަދި ބައެއް ތަންތަން ވެލިގަނޑު ފެންނަ އިރު، ސުނާމީ ބިނާގައިވެސް ވަނީ ވަރަށް ބޮޑަށް ދަބަރު ޖަހައިފައެވެ.
ރާއްޖޭގައި 30 އަހަރުގެ ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ހެދި ސުނާމީ ބިނާއަކީ 84 ދަގަނޑު ރޮޑް ވަށްކޮށް އަތުރާލައިގެން ހަދާފައިވާ ބިނާއެކެވެ. އެންމެ ފުރަތަމަ އެ ބިނާ ހުރީ މާލޭ ރާޅުގަނޑު ސަރަހައްދުގައެވެ.
އެ ބިނާގެ ކޮންމެ ހޮޅިއެއް ނިސްބަތްވަނީ ސުނާމީ ކާރިސާގައި ނިޔާވި ދިވެހިންނަށެވެ. އެކި ސައިޒުގެ ހޮޅި ބޭނުންކޮށްގެން ފަރުމާކޮށްފައި ވުމުން، އެކަމުން ދައްކުވައިދެނީ އެ ހާދިސާގައި ދުނިޔެ ދޫކޮށް ދިޔައީ އެކި އުމުރުފުރައިގެ މީހުން ކަމެވެ.
އެ ބިނާ ވަށައިގެން އަތުރާފައިވާ އެލުމިނިއަމް 20 ބޯޅައިން ދައްކައިދެނީ ރާއްޖޭގެ ޖަޒީރާ ރަށްތައް އެކުލެވިގެންވާ އަތޮޅުތަކެވެ.
ފާތިމަތު ލިއުޝާ
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް