ހޮންގް ކޮންގައި ކުރިއަށްދިޔަ ފިރިހެން ނެޓްބޯޅައިގެ، އޭޝިއާ ކަޕްގައި ޖަޕާން ބަލިކޮށް، ރާއްޖޭން ލޯ މެޑަލް ހޯދައިފިއެވެ.

މިއީ ރާއްޖޭގެ ފިރިހެން ނެޓްބޯޅަ ޓީމުން، ޓީމެއްގެ ގޮތުގައި ވާދަކުރަމުންދާ ފުރަތަމަ މުބާރާތެވެ. މިފަހަރުގެ މުބާރާތުގައި ވާދަކުރާނީ މުބާރާތް އިންތިޒާމުކުރާ ހޮން ކޮންގާއި ޖަޕާނާއި ރާއްޖޭގެ އިތުރުން މެލޭޝިއާއެވެ. މިއީ މި ބައްރުގައި ފިރިހެން ޑިވިޝަނަށް އަމާޒުކޮށް ނެޓްބޯޅަ މުބާރާތެއް ބޭއްވި ފުރަތަމަ ފަހަރެވެ. އެހެންކަމުން މުބާރާތުން ލޯ މެޑަލް ލިބުމަކީ ބޮޑު ކާމިޔާބީއެކެވެ.

މުބާރާތުގައި ރާއްޖޭގެ މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، މެލޭޝިއާ އަތުން ފުރަތަމަ މެޗުގައި 62-11 އިން ބަލިވިއެވެ. ދެވަނަ މެޗުގައި، ހޮންގް ކޮންގް އަތުން 74-16 އިން ބަލިވިއެވެ. ތިންވަނައަށް ކުޅުނު މެޗުގައި، ޖަޕާން އަތުން 24-18 އިން މޮޅުވިއިރު، ތިންވަނަ ހޮވި މެޗުން ޖަޕާންގެ މައްޗަށް ކުރިހޯދީ، 28-21 އިންނެވެ.

ފުރުމުގެ ކުރިން ޓީމުގެ ކޯޗު އީމާ އަބްދުއް ސައްތާރު "ޕީއެސްއެމް"އަށް ބުނީ ވާދަވެރި ޓީމުތަކުގެ ފެންވަރާއިމެދު އެއްޗެއް ބުނަން އަދި ދަތިކަމަށެވެ. މުބާރާތަށް ދާން ރާއްޖޭން ފަރިތަކުރީ އައުޓްޑޯގައިކަމަށް ވިޔަސް މުބާރާތުގެ އެއް މެޗު ފިޔަވާ ދެން ބާކީ މެޗުތައް އިންޑޯގައި ކުޅެންޖެހުމަކީވެސް ޓީމަށް ދިމާވާނެ ޗެލެންޖެއް ކަމަށް ކޯޗު އީމާ ފާހަގަކުރިއެވެ.