އޮންލައިންކޮށް ޕެޓިޝަން ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން އިލެކްޓްރޯނިކް ޕެޓިޝަން ޕޯޓަލް (އީ ޕެޓިޝަން ޕޯޓަލް) އެއް ތައާރަފްކޮށްފިއެވެ.
އެ ޕޯޓަލް ތައާރަފް ކޮށްފައިވަނީ މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނިކޮލަސް ލޯ ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ރައްޔިތުންގެ އަބްދުއްރަހީމް ވިދާޅުވީ، "އީ-ޕެޓިޝަން ޕޯޓަލް ތަޢާރަފު ކުރެވިގެން ދިއުމަކީ، ޒަމާނީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި، ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ރައްޔިތުންގެ ބައިވެރިވުން އިތުރަށް ފުޅާކުރުމުގައި އެޅުނު މުހިންމު ފިޔަވަޅެއް" ކަމަށެވެ. އަދި މިއީ، ރައްޔިތުންނާއި ރައްޔިތުންގެ މަޖިލީހާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށްދޭނެ މުހިންމު ވަސީލަތެއް ކަމަށެވެ.
އެ ޕޯޓަލް އާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނީ މި ޕޯޓަލްއަކީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމަށާއި ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ރައްޔިތުންގެ ބައިވެރިވުން ހަރުދަނާ ކުރުމަށް އެޅުނު ތާރީހީ ފިޔަވަޅެއް ކަމަށެވެ.
މީގެކުރިން މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅަން ބޭނުންނަމަ ޖެހޭނީ މަޖިލީހުގެ މެންބަރަކު މެދުވެރިކޮށް އެ ޕެޓިޝަނެއް ހުށަހަޅާށެވެ.
މި ޕޯޓަލް މެދުވެރިކޮށް ރައްޔިތުންނަށް އޮންލައިންކޮށް ޕެޓިޝަން ހުށަހެޅުމާއި ހުށަހަޅާފައިވާ ޕެޓިޝަންތަކުގެ މަސައްކަތް މަޖިލީހުގައި ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ މައުލޫމާތު ލިބުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
މި ޕޯޓަލްގައި ސޮއިކުރުމާއި ސޮއިކުރާ ފަރާތްތަކުގެ ސައްހަކަން ކަށަވަރު ކުރާނީ 'އީ-ފާސް' މެދުވެރިކޮށެވެ.
އެ ޕޯޓަލް އާ ގުޅޭގޮތުން މަޖިލީހުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ:
- ޕެޓިޝަނެއް ހުށަހެޅުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބަރޯސާވުން ކުޑަކުރެވި، ރާއްޖޭ ކޮންމެ ހިސާބެއްގައި ހުންނަ ރައްޔިތަކަށް ވެސް ފަސޭހަކަމާއެކު ޕެޓިޝަން ހުށަހެޅޭނެ ކަމަށް
- ޕެޓިޝަނަކަށް ސޮއި ލިބޭ މިންވަރަށް ބަލައި، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން އެޅުމަށް ލާޒިމުވާ ފިޔަވަޅުތައް މި ނިޒާމުގެ ތެރެއިން ތައާރަފްކޮށްފައިވާ ކަމަށް
މި ޕޯޓަލް އާއެކު ދެކުނު އޭޝިއާ އަދި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން ގާނޫނު ހަދާ މަޖިލީހަކުން އިލެކްޓްރޯނިކް ޕެޓިޝަން ނިޒާމެއް ގާއިމުކޮށްފައިވާ މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ވަނީ ހިމެނިފައެވެ. މި ސަރަހައްދުން މިފަދަ ނިޒާމެއް މިހާތަނަށް ގާއިމުކޮށްފައިވަނީ ޕާކިސްތާނާއި ތައިލެންޑުގައެވެ.
އާއިޝަތު މާހާ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް