ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިއުލާން ކުރެއްވި، ވަތަނީ ހިދުމަތަށް ގާނޫނީ ބާރު ދިނުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ވަތަނީ ހިދުމަތުގެ ބިލާއެކު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ޖަލްސާތައް މާދަމާ ފަށާނެއެވެ.
މިއަހަރަަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވެވުމަށްފަހު މާދަމާ ބާއްވާ ޖަލްސާއާއެކު ރައްޔިތުންގެ މަޖިލީހުގެ އާއްމު ޖަލްސާތައް ފެށިގެންދާނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެންމެ ފުރަތަމަ ކަމަކަށް އެޖެންޑާ ކޮށްފައި ވަނީ، އިލެކްޝަން ކޮމިޝަނަށް މެންބަރަކު އައްޔަން ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ބެހޭ ދާއިމީ ކޮމިޓީއަށް ފޮނުވުމެވެ.
ދެން އޮތީ ފޮރިން ސާވިސްގެ ގާނޫނުގެ ދަށުން ރިޕަބްލިކް އޮފް ސާބިޔާއަށާއި މޯލްޓާއަށް ރާއްޖޭން ކަނޑައަޅާ ނޮން ރެސިިޑެންޑް ސަފީރު ހަމަޖެއްސުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމެވެ.
އެއަށްފަހު އޮތީ ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ފަރުހަތު މުހައްމަދު މަޖިލީހަށް ހުށަހަޅުއްވާ ވަތަނީ ހިދުމަތުގެ ބިލްގެ ތައާރަފް ކުރުމެވެ.
ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުމުގެ ބޭނުމެއް ކަމަށް ބިލްގައި ވަނީ، ދައުލަތުގެ ޔުނީފޯމް އެޅި ހިދުމަތްތަކަށް ހާއްސަކޮށް، އަދި އެނޫންވެސް މަސައްކަތުގެ އެކި ދާއިރާތަކުގައި ހިދުމަތް ކުރަން އެދޭ ޒުވާނުންނަށް އެ ފުރުސަތު ފަހިކޮށްދީ، ޒުވާނުން ބާރުވެރި ކުރުވައި ގައުމަށާއި މުޖުތަމައަށް ފައިދާހުރި ޒުވާން ޖީލެއް ބިނާ ކުރުމުގެ ގޮތުން މަސައްކަތުގެ ދާއިރާތަކުގައި ހިދުމަތް ކުރުމަށް ބޭނުންވާ ޒުވާނުންގެ ކިބައިގައި ޖިސްމާނީ، ފަންނީ އަދި ފިކުރީ ގާބިލްކަން އަށަގެންނެވުމަށްޓަކައި ވަތަނީ ހިދުމަތުގެ ޕްރޮގްރާކެއް ތައާރަފްކޮށް ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން އެ ޕްރޮގްރާމް ހިންގުން ކަމަށެވެ.
އަދި އެ ޕްރޮގްރާމްގެ މައިގަނޑު އަސާސްތައް ކަނޑައަޅައި ޕްރޮގްރާމްގައި ބައިވެރިވުމާއި ޕްރޮގްރާމްގެ ދަށުން ތައުލީމާއި ތަމްރީނާއި ތަޖުރިމާ ފޯރުކޮށް ދިނުމުގެ އުސޫލުތަކާއި ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންނަށް ލިބިގެންދާނޭ ފުރުސަތުތައް ބަޔާންކޮށް އެނޫންވެސް ޕްރޮގްރާމް ހިންގައި ތަންފީޒު ކުރުމުގެ ހަމަތައް ބަޔާން ކުރުން ކަމަށްވެސް ބިލްގައި ބުނެފައިވެއެވެ.
މިދިޔަ އަހަރު ފެށި މި ޕްރޮގްރާމްގެ ފުރަތަކަ ބުރު މިހާރު ވަނީ ކުރިއަށް ގެންގޮސްފައެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް