މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވައިގެ ދަތުރުފަތުރުގެ (އޭވިއޭޝަން ދާއިރާ) ސިނާއަތަށް ހާއްސަކޮށްގެން "ވެލާނާ އެވޯޑްސް"ގެ ނަމުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އެވޯޑެއް ތައާރަފުކޮށްފިއެވެ.

އެމްއޭސީއެލް އިން މިއަދު ބުނީ އެ އެވޯޑަކީ ދަތުރުފަތުރުގެ ގުޅުންތައް ވަރުގަދަ ކުރުމަށާއި ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށާއި އަދި ދަތުރުވެރިންނާއި ވިޔަފާރިވެރިންގެ މެދުގައި މަގުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ ޕާޓްނަރުން ކުރާ އަގު ހުރި މަސައްކަތް ފާހަގަކޮށް، އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ކޮންމެ އަހަރަކު ދޭން ކަނޑައަޅާފައިވާ އެވޯޑެއް ކަަމަށެވެ.

"3 ދާއިރާއަކުން 22 އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފައި. އެވޯޑް ދިނުމަށް ހަމަޖެހިފައިވާ މައިގަނޑު ކެޓަގަރީތަކުގެ ތެރޭގައި ހިމެނެނީ ފަސެންޖާ އެވޯޑްސް، ކާގޯ އެވޯޑްސް އަދި ލައުންޖް އެވޯޑްސް. އޭގެ އިތުރުން އަހަރުގެ އެއާލައިން ފާހަގަކޮށް ހާއްސަ އެވޯޑެއްވެސް ދޭން ވަނީ ނިންމައިފައި،" އެމްއޭސީއެލުން ބުންޏެވެ.

މި އަހަރުގެ އެވޯޑް ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ކަމަށްވެސް އެމްއޭސީއެލުން ބުންޏެވެ.