ހިތަދޫ ވިޔަފާރި ބަނދަރުގައި ކާބޯތަކެއްޗާއި އަސާސީ މުދާ ޑިއުޓީ ފްރީކޮށް ބަހައްޓައި، ބޮންޑެޑް ޒޯންގެ ހިދުމަތް ގާއިމްކުރުމުގެ އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އާ ދެމެދު މިއަދު ސޮއިކޮށްފިއެވެ.

އައްޑޫ ހައި ސްކޫލްގައި މިއަދު ހަވީރު އޮތް ރަސްމިއްޔާތެއްގައި އިކޮނިމިކް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ސައީދެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކުޓިވް އޮފިސަރު، ޑީސީޕީ (ރިޓަޔާޑް) މުހައްމަދު ރިޝްވާނެވެ.

އައްޑޫ ސިޓީގައި ކާބޯތަކެއްޗާއި އަސާސީ މުދާ ޑިއުޓީ ފްރީކޮށް ބެހެއްޓުމުގެ ހިދުމަތް މި ހިނގާ ފެބްރުވަރީ މަހުގެ ތެރޭގައި ހިތަދޫ ވިޔަފާރި ބަނދަރުގައި ފަށާނެ ކަމަށް މި އަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، އެމްޕީއެލްއާއެކު މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ހިތަދޫ ވިޔަފާރި ބަނދަރުގައި ކާބޯތަކެއްޗާއި އަސާސީ މުދާ އަދި އެހެނިހެން ބާވަތްތަކުގެ މުދާ ޑިއުޓީ ފްރީކޮށް ބެހެއްޓޭނެ ބޮންޑެޑް ސަރަހައްދެއް ގާއިމު ކުރުމުގެ އިތުރުން ރާއްޖޭގެ ދެކުނުގެ ސަރަހައްދުގައި ހިމެނޭ ރިޒޯޓްތަކަށް އަމާޒުކޮށްގެން ބޮންޑެޑް ވެއާހައުސްގެ ހިދުމަތުގެ އިތުރުން، އިމާރާތްކުރުމަށް ބޭނުންވާ ހިލަ އަދި ހިލަވެލި ފަދަ ބާވަތްތައް ގެނެސް ބަލްކްކޮށް ރައްކާކުރުމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދެއް ގާއިމްކުރުން ހިމެނޭ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖޭގެ ސަރަހައްދީ ބަނދަރުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތެއްގައި ހިފޭނީ މިފަދަ ހިދުމަތްތައް ފޯރުކޮށްދީގެން ކަމަށެވެ.

"ބައިނަލްއަގުވަމީ ހިދުމަތް ދޭ ޕޯޓް (އުތުރާއި ދެކުނުގައި) އޮތްއިރު، މިއީ ހަމައެކަނި ސެޓަލައިޓް ދެ ޕޯޓްގައި އޮވެގެނެއް ވިޔަފާރިއެއް ނުއުފެދޭނެ. އެތަންތާ ވިޔަފާރި އުފެދޭނީ ވިޔަފާރި އުފެދޭ ގޮތަށް ކަންތައްތަކެއް ކޮށްގެން،" ސައީދު ވިދާޅުވިއެވެ.

އެމްޕީއެލްގެ ސީއީއޯ ރިޝްވާން ވިދާޅުވީ ސަރަހައްދީ ބަނދަރުތަކުގައި ގިނަ ހިދުމަތްތަކެއް ގާއިމުކުރެވުމަކީ މާލޭ ވިޔަފާރި ބަނދަރަށްވެސް ލިބޭނެ ލުޔެއް ކަމަށެވެ.

ރިޝްވާން ވިދާޅުވީ މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވި ގޮތަށް 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހު މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ އިރު، ސަރަހައްދީ ބަނދަރުގެ ހިދުމަތްތައް ފުޅާކުރުމަކީ ވެސް މުހިންމު ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން އެންމެނަށްވެސް ލިބޭނެ އުފަލަކާއި ހިތްހަމަޖެހުމަކަށްވާނެ އަތޮޅުތެރެއަށް މި އަންނަ ކާގޯގެ އަގު ހެޔޮކުރެވި، އޭގެ ސަބަބުން ގިނަގުނަ މަންފާތަކެއް ރައްޔިތުންނަށް ފޯރުކޮށްދެވުމުން،" ރިޝްވާން ވިދާޅުވިއެވެ.

މި ހިދުމަތްތަކަކީ ދެކުނުގެ ސަރަހައްދުތަކުގެ ތަރައްގީގައިވެސް އައްޑޫ ސިޓީން އަދާކުރާ އިސް ދައުރު ފުޅާވެގެން ދިއުމަށް މަގުފަހިވުމުގެ އިތުރުން، ސަރުކާރުން ދެމެހެއްޓެނިވި ތަރައްގީ ފުޑް ސެކިއުރިޓީ، އަދި ވިޔަފާރީގެ ހަރަކާތްތައް މުޅި ރާއްޖެއަށް ފުޅާކުރުމަށް ދެއްވާ އިސްކަން ރަމްޒުކޮށްދޭ މުހިންމު މަޝްރޫއެއް ކަމަށް އިކޮނޮޮމިކް މިނިސްޓްރީން ބުންޏެވެ.