ކެންސަރު ދުވަހާ ގުޅުވައިގެން ޓްރީޓޮޕް ހޮސްޕިޓަލާއި ކެންސާ ސޮސައިޓީ ގުޅިގެން ކެންސަރުން ރައްކާތެރިވެ ތިބުމަށް ހޭލުންތެރިކަން އިތުރުކުރުމަށް ހާއްސަ ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.
ދުނިޔޭގެ ކެންސަރު ދުވަހަކީ ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހެވެ.
އާޓިފިޝަލް ބީޗުގައި މިއަދު ކުރިއަށްގެންދިޔަ ހޭލުންތެރިކުރުވުމުގެ ހަރަކާތުގައި ޓްރީޓޮޕާއި ކެންސާ ސޮސައިޓީގެ އިތުރުން ވިލާ ކޮލެޖު، ހޯޕް ޖަމިއްޔާ، މާސްޓާ ޑެންޓަލް ކެއާ، ހުޅުމާލެ ހޮސްޕިޓަލް، ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) އަދި ދިރިތިފަރުވާއިން ބައިވެރިވިއެވެ.
އެ ހަރަކާތުގައި ޓްރީޓޮޕް ހޮސްޕިޓަލްގެ އޮންކޮލޮޖިސްޓް ސްޕެޝަލިސްޓް ޑރ. މުހައްމަދު އަމްރު "ވަން"އަށް ވިދާޅުވީ މިއަދު ޓްރީޓޮޕް ސްޓޯލުގައި ކުރިއަށްގެންދިޔައީ ކެންސަރު ފަރުވާގައި ރާއްޖޭގައި ކުރިއަށްގެންދެވިދާނެ ފަރުވާތަކާ ގުޅޭ މައުލޫމާތުތައް ދިނުން ކަމަށެވެ.
"ކެންސަރު ޖެހެން ދިމާވާ ސަބަބުތައް. ކެންސަރަކީ ރާއްޖޭގައި އާންމުވަމުން އަންނަ ބައްޔެއް. އަހަރުން އަހަރަށް އެބަ އިތުރުވޭ ޑައިގްނޯސިސްތައް، އަދި ފެސިލިޓީޒްތައްވެސް އިތުރުވަމުންދަނީ. ކީމޯ ޔުނިޓުގައި 150 ޓު 200 ޕޭޝަންޓްސް ފާއިތުވި ދެ އަހަރެއްތެރޭގައި ކީމޯ ތެރަޕީ ނަގާފައިވާނެ. ކީމޯ ތެރަޕީގެ އިރުތަށް ކެންސާ ސާޖަރީގައިވެސް ޓްރީޓޮޕްގެ ޑޮކަޓަރުން އުޅުއްވާ،" ޑރ. އަމްރު ވިދާޅުވިއެވެ.
އޭގެ ތެރޭގައި އުރަމަތީގެ ކެންސަރާއި ކަރުންމަތީގެ ކެންސަރުގެ ސާޖަރީތައް އެ ހޮސްޕިޓަލުން ކުރިއަށްގެންދާ ކަމަށެވެ. އެ ބަލީގެ ފަރުވާގެ ކުރީކޮޅުގައި ބަލި ދެނެގަނެވިއްޖެ ނަމަ، ފަރުވާ ހޯދިދާނެ ކަމަށް ޑރ. އަމްރު ވިދާޅުވިއެވެ.
ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން، ޓްރީޓޮޕުން ބަލަނީ ރާއްޖެއަށްވެސް ބަލީގެ އެންމެ އެކަށޭނަ ކޮލިޓީ ބޭސް ބަލިމީހުންނަށް ފޯރުކޮށްދިނުމަށް ކަމަށްވެސް ޑރ. އަމްރު ފާހަގަކުރެއްވިއެވެ.
"ބޭރު ގައުމުތަކުން ލިބޭ ސްޓޭންޑަޑް ޓްރީޓްމަންޓްސްތައް ޓްރީޓޮޕް ހޮސްޕިޓަލުންވެސް ލިބިލައްވާނެ. ވަރަށް ގިނަ ޕާމަސީއާ ޕްރޮކިއުމަންޓްގައިވެސް ރިކުއެސްޓްކުރަން، ބޭހުގެ ބްރޭންޑްތަކާ އެންމެ އެކަށީގެންވާ ސީދާ ސޯސްއިން ގެންނަން. ތާޑް ޕާޓީއެއް ކަހަލަ ތަނަކުން ނުގެނެސް، ހަމަ މެނިއުފެކްޗާ ކައިރިން ގެންނަން މަސައްކަތްތަކެއް ކުރޭ. ކޮލިޓީ އޮފް މެޑިކޭޝަން މެެއިންޓެއިންވާނެ. އެ ޔަގީކަން އަރުވަން،" ޑރ. އަމްރު ވިދާޅުވިއެވެ.
ޑރ. އަމްރު އިތުރަށް ވިދާޅުވީ 30 ޕަސެންޓާއި 40 ޕަސެންޓުގެ ކެންސަރު ބައްޔަކީ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައި ހުންނަ ކަންކަމަށްވުމުން ގަވައިދުން ކަސްރަތުކުރުމާއި ރަނގަޅު ކާނާ ބޭނުންކުރުމާއި ސޮސެޖު ފަދަ ތަކެތި، ކެއުމުގައި ބޭނުންނުކުރުން މުހިންމު ކަމަށެވެ.
އެ ހަރަކާތުގައި ޓްރީޓޮޕް ހޮސްޕިޓަލްގެ ކޮންސަލްޓަންޓް އޯޓޯރައިނޯލަރަންގޮލޮޖިސްޓް (ޓްރީޓޮޕް ހޮސްޕިޓަލްގެ ކެންސަރު ޑިޕާޓްމަންޓުގެ ހެޑް) ޑރ. ރާޖޭޝް އަރްވިންދް ވަލަންދް "ވަން"އަށް ވިދާޅުވީ ދިވެހިންގެ ދާއިމީ ދުފުމުގެ ސަބަބުންވެސް ރާއްޖެއިން އަނގައިގެ ކެންސަރު ބަލި ފެންނަ ކަމަށާއި އެކަން އާދަކުރުމަކީ ނޭނގި ނަމަވެސް ކެންސަރު ބައްޔަށް ހުށަހެޅިދާނެ ސަބަބެއް ކަމަށެވެ.
"2014 ޑަބްލިޔުއެޗްއޯއިން ބުނެފައި އެބައޮތް، ދާއިމީކޮށް ދުފުމަކީ ކެންސަރަށް މަގުފަހިވާ ކަމެއްކަމަށް. އެެހެންކަމަށްވުމުން އަޅުގަނޑަށް ދައްކަން އަންނަ މީހުންނަށް ދުފުން ހުއްޓުވުމަށް ބާރު އަޅަން. ދުފުމާއި ދުންފަތުގެ އިސްތިއުމާލުކުރުމާއި ރަލާއި މަސްތުވާތަކެތި ބޭނުންކުރުމުން މާ އަވަހަށް ކެންސަރަށް މަގުފަހިވޭ. އެހެންވީމަ މިކަންކަން ހުއްޓުމަކީ ސިއްހަތަށް މުހިންމު ކަމެއް،" ޑރ. ރާޖޭޝް ވިދާޅުވިއެވެ.
ޑރ. ރާޖޭޝް އިތުރަށް ވިދާޅުވީ ރާއްޖޭގައި ބަލިމީހުން ގަވައިދުން ޑޮކްޓަރަށް ދެއްކުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ. އަދި ދުފުމާއި އަނގައިގެ ތެރެއަށް ދާއިމީކޮށް ދުންފަތް ލުމުން ދުހުހެލިވުމަށް ޑރ. ރާޖޭޝް ނަސޭހަތްތެރިވިއެވެ.
އުންމީދަކީ ސަރުކާރުން، ރާއްޖޭގައި ތިބި ކެންސަރު ބަލިމީހުންނަށް، ވަކިން ކެންސަރަށް ފަރުވާކުރާ ހޮސްޕިޓަލެއް ގާއިމުކޮށްދިނުން ކަމަށް ޑރ. ރާޖޭޝް ވިދާޅުވިއެވެ.
މިއަހަރަށް ކަނޑައަޅާފައިވައިވާ ކެންސަރު ދުވަހުގެ ޝިއާރަކީ "ޔުނައިޓެޑް ބައި ޔުނިކް" އެވެ.
ފާތިމަތު ލިއުޝާ
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް