ދިވެހިރާއްޖޭގެ އިގުތިސާދު ކުރިއަރުވައި ތަރައްގީކުރުމުގެ ގޮތުން، ދެމެހެއްޓެނިވި ވިޔަފާރީގެ އުސޫލުން، އަސާސީ ތަކެތި ހެޔޮ އަގުގައި މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ދެމެހެއްޓެނިވި ލޮޖިސްޓިކްސް ނެޓްވޯކެއްގެ ހިދުމަތްދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ފަރުމާކޮށްފައިވާ "މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސް" ގެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ "މޯލްޑިވްސް މެރިން އެކްސްޕޯ 2026" ގެ ތެރެއިން އެ ހިދުމަތް އިއްޔެ ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.

އެމްޕީއެލުން ބުނީ މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސްގެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކުރުމުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދަލާއި ކާޑުގެ ބާވަތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ގުދަންތަކަށް ދަތިކަމެއް ނެތި ފޯރުކޮށްދިނުން ކަމަށެވެ.

އޭގެ އިތުރުން އަސާސީ މުދާލާއި އަދި ސަރުކާރުން ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައް ސަރަހައްދީ ގުދަންތަކާ ހަމައަށް ފޯރުކޮށްދިނުމަށްޓަކައި، ޝެޑިއުލްކޮށްގެން ކުރާ ދަތުރުތަކާއި، ކޯލްޑް-ޗެއިން ކެޕޭސިޓީ އިތުރަށް ހަރުދަނާ ކުރުން ހިމެނޭ ކަމަށް އެމްޕީއެލުން ބުންޏެވެ.

5 ފެބްރުއަރީ 2026، އެމްޕީއެލުން "މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސް" ހިދުމަތް އިފްތިތާހުކުރުން -- ފޮޓޯ/ އެމްޕީއެލް

މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސް އަކީ ރާއްޖެއަށް އިމްޕޯޓް އަދި އެކްސްޕޯޓް ކުރާ މުދަލުގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކަށް މުދާ އުފުލުމާއި، ގުދަންކުރުމާއި، އަދި މުދާ ފޯރުކޮށްދިނުމުގެ ހުރިހާ މަރުހަލާއެއް އެއް ވިއުގައަކުން ގުޅާލުމަށް އެމްޕީއެލުން ފަރުމާކޮށްފައިވާ ހަރުދަނާ ނިޒާމެކެވެ. އެއާއެކު، ރާއްޖޭގައި މުދާ އުފުލުމުގައި ދިމާވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދައި، ވިޔަފާރިވެރިންނާއި އާންމު ރައްޔިތުންނަށް ލުއިފަސޭހަ ފުރުސަތުތަކެއް ފަހިވެގެންދެއެވެ.

ސަރުކާރުން އެކުލަވާލި ލޮޖިސްޓިކް ނެޓްވޯކް (*ANCHOR) ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެމްޕީއެލްއާ ހަވާލުކުރީ 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައެވެ. އެގޮތުން، އެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް، އެމްޕީއެލުން ފޯރުކޮށްދެމުންދިޔަ ލޮޖިސްޓިކްސްގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް، އެ ކުންފުނިން ފޯރުކޮށްދޭ ވަކި ހިދުމަތެއްގެ ގޮތުގައި "މޯލްޑިވްސް ނެޝަނަލް ލޮޖިސްޓިކްސް" ވަނީ ކަނޑައަޅައިފައެވެ.

އެ ހިދުމަތުގެ ދަށުން އެމްޕީއެލުން އަލަށް ފޯރުކޮށްދިނުމަށް ތައްޔާރުވަމުންދާ ހިދުމަތްތަކުގެ ތެރޭގައި "ޑޮމެސްޓިކް ޓްރާންސްޝިޕްމަންޓް" ގެ ހިދުމަތް ހިމެނެއެވެ. އެގޮތުން މާލޭ ވިޔަފާރި ބަނދަރަށް އަންނަ ޓްރާންސްޝިޕް ކޮންޓޭނަރުތައް، އެމްޕީއެލްގެ އުޅަނދުތަކުން ސަރަހައްދީ ބަނދަރުތަކަށް (ހިތަދޫ ޕޯޓް އަދި ކުޅުދުއްފުށީ ޕޯޓަށް) ސީދާ ފޮނުވައިދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

އެމްޕީއެލުން ބުނީ މިއީ ވިޔަފާރިވެރިންނަށް މުދާ ގެންދިއުމުގެ މަރުހަލާތަކުގައި ހިނގާ އިތުރު ހަރަދުތައް ސަލާމަތްވެ، މުދާ އަވަހަށް ލިބޭނެ ހަރަދު ކުޑަވާނެ ނިޒާމެއް ކަމަށާއި އެކަމުގެ ސަބަބުން ސަރަހައްދީ ބަނދަރުތަކުގެ ދައުރު މިހާރަށްވުރެ ފުޅާވެ، އިގުތިސާދީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.

އެކަމާ ގުޅިގެން އެމްޕީއެލްގެ ޗީފް ލޮޖިސްޓިކްސް އޮފިސަރު އަހުމަދު ނާޒިމް ވިދާޅުވި ގޮތުގައި، އެ ހިދުމަތުގެ ސަބަބުން ވިޔަފާރިވެރިންނަށް ލިބޭނެ އެންމެ ބޮޑު ފަސޭހަކަމަކީ ޝެޑިއުލްކުރެވިފައިވާ ދަތުރުތަކެއްގެ ތެރެއިން މުދާ ޑެލިވާކުރުމުގެ ހިދުމަތް ލިބުމެވެ.

"ރަށްރަށަށް މުދާ ފޯރުކޮށްދިނުމުގައި އެ ސަރަހައްދަކާ އެންމެ ގާތް ބަނަދަރަށް މުދާ ފޯރުކޮށްދިނުމުގައި އިތުރު ޕާޓީއެއްގެ އެހީއަކާ ނުލައި އެމްޕީއެލުން އެ ހިދުމަތް ފޯރުކޮށްދޭނެ. އަދި އެމްޕީއެލްގެ ފެރީ ނިޒާމްގެ ދަށުން ކަނޑައެޅިފައިވާ ދުވަހަށް މުދާ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި އިތުރު ލޭންޑިން ކްރާފްޓެއް ބަނުމަށް މިހާރު ހަވާލުކޮށްފައިވާ ކަމަށާއި، ކުރިއަށް އޮތް އަށް މަސް ދުވަހުގެ ތެރޭގައި އެ އުޅަނދު އޮޕަރޭޝަނަށް ނެރެވޭނެ ކަމަށެވެ.

5 ފެބްރުއަރީ 2026، އެމްޕީއެލުން "މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސް" ހިދުމަތް އިފްތިތާހުކުރުން -- ފޮޓޯ/ އެމްޕީއެލް

އޭގެ އިތުރުން އަލަށް ތައާރަފުކުރާ ހިދުމަތްތަކުގެ ތެރޭގައި ކޮމާޝަލް ވެއާ ހައުސިން ހިމެނެއެވެ. ތިލަފުށީގައި ގާއިމުކުރާ އެ ގުދަންތަކަކީ، ކްލިއަރެންސް ނިމިފައިވާ ވިޔަފާރި މުދާ ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ހާއްސަކޮށް ފަރުމާކުރެވިފައިވާ ތަންތަނެވެ.

ނާޒިމް ވިދާޅުވީ އެމްޕީއެލުން މިހާރުވެސް ދެމުންގެންދާ "ޕްރޮޖެކްޓް ކާގޯ ހޭންޑްލިން" ހިދުމަތުން ފާއިތުވި ހަ މަސްދުވަހު ރަނގަޅު އާމްދަނީއެއް ލިބިފައިވާ ކަމަށެވެ.

އަދި ލޮޖިސްޓިކްސް ސާވިސްގެ ތެރެއިން ބޭރުން އަންނަ ބޮޑެތި އުޅަނދުފަހަރުތަކަށް އަމާޒުކޮށްގެންދޭ "ސްޓީވްޑޯރިން" ހިދުމަތާއި، ބޮންޑެޑް ވެއާ ހައުސް އަދި "ސީ-ޓު-އެއާ ކާގޯ" ގެ ހިދުމަތްތައްވެސް ދަނީ ފޯރުކޮށްދެމުންނެވެ. އަދި އެ ހިދުމަތްތައް ދުވަހުން ދުވަހަށް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ނާޒިމް ފާހަގަކުރެއްވިއެވެ.

އެގޮތުން ސީ-ޓު-އެއާ ކާގޯގެ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން، މާލޭ ވިޔަފާރި ބަނދަރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް އެލްސީއެލް މުދާ ހަލުވިކަމާއި ފަސޭހަކަމާއެކު އުފުލައިދިނުމަށް ފަރުމާކުރެވިފައިވާ އާ ހިދުމަތެއް ވަނީ ތައާރަފްކޮށްފައެވެ. އޭގެ އިތުރުން، ބޭނުންވެއްޖެ ހާލަތެއްގައި ބޮންޑަޑް ގުދަނުގައި މުދާ ބެހެއްޓުމުގެ ފުރުސަތުވެސް އެ ހިދުމަތުގެ ދަށުން ލިބިގެންދާނެއެވެ.

އެ ހުރިހާ ލޮޖިސްޓިކްސް ހިދުމަތްތަކެއް އެއް ވިއުގައަކުން ގުޅާލައި، މިއަހަރު ނިމުމުގެ ކުރިން މެދުކެނޑުމެއްނެތި ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދެވޭނެ ނިޒާމު ގާއިމުކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ.