އިރާނާއި އެމެރިކާއިން ނިއުކްލިއާ މަޝްވަރާ މިއަދުގެ ވަގުތެއްގައި އޮމާންގައި ބޭއްވުމަށް ނިންމައިފިއެވެ.

އިރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރައްޗީ ވިދާޅުވެފައިވާ ގޮތުގައި އޮމާން ގަޑިން މިއަދު ހެނދުނު 10:00 ގައި އެގައުމުގެ މަސްކަޓްގައި އެމެރިކާއާއެކު މަޝްވަރާ ބޭއްވުމަށް ވަނީ ނިންމައިފައެވެ.

އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ ނޫސްތަކުން ވަނީ އެގައުމުން ވެސް އެ މަޝްވަރާގައި ބައިވެރިވުމަށް ނިންމާފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.

ދެ ގައުމުން ނިއުކްލިއާ މައްސަލައިގައި މަޝްވަރާއަށް ދިޔަ ނަމަވެސް، އެ މަޝްވަރާގެ އިތުރު މައުލޫމާތު އެއްވެސް ފަރާތަކުން ހިއްސާކޮށްފައެއް ނުވެއެވެ.

އެެމެރިކާއާއި އިރާނުން އޮމާންގައި ނިއުކްލިއާ މަޝްވަރާކުރުމަށް ނިންމާފައިވާ އިރު، އެމެރިކާއިން ވަނީ އިރާނަށް އިންޒާރުދީ ބިރުދެއްކުމުގެ ނިޔަތުގައި މެދުއިރުމައްޗަށް އެމެރިކާގެ ސިފައިން ޖަމާކޮށްފައެވެ.

އެމެރިކާއިން އެގައުމުގެ ސިފައިން މެދުއިރުމައްޗަށް ޖަމާކޮށް އެގައުމުން ވަނީ އިރާނަށް އޮތްގޮތަކީ ނިއުކްލިއާ މައްސަލައިގައި މަޝްވަރާކޮށް އެއްބަސްވުމަކަށް އައުން ކަމަށް ބުނެފައެވެ.

އެމެރިކާއިން އިންޒާރު ދިން ނަމަވެސް އިރާނުން ބުނީ މަޝްވަރާތަކަށް ދާނީ ދެގައުމުން ވެސް އެއްބަސްވާ ކަންކަމާ ގުޅޭގޮތަށް މަޝްވަރާ ކުރާނެކަމުގެ ޔަގީންކަން ދިނުމުން ކަމަށެވެ.

މެދުއިރުމަތީގެ މަޝްރަހު ހޫނުވެފައިވާ އިރު، އިރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ ހާމަނާއި މިދިޔަ އާދިއްތަ ދުވަހު ވަނީ އެމެރިކާއިން ހަމަލާއެއް ދިނުމަކީ މުޅި މެދުއިރުމައްޗާ ދެކޮޅަށް ދޭނެ ހަމަލާއެެއްއެއް ކަމަށް ވިދާޅުވެފައެވެ.