އެ މަނިކުފާނުގެ ފަރާތްޕުޅުން ދެންވެސް ފެންނާނީ ފަރަގުނުކޮށް އަދުލު އިންސާފު ގާއިމުކުރާ މަންޒަރުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ މި ސަރުކާރު ކުރިޔަށް ދާނީ މި ސަރުކާރު ވެރިކަމަށް އައުމަށް ޓަކައި، ރައްޔިތުންނަށްވީ ވައުދުގެ މަތީގައި ކަމަށާއި އެ ރައްޔިތުން މި ސަރުކާރަށް ކުރި އިތުބާރުގެ މަތީގައި ކަމަށެވެ.
ރައީސް ވިދާޅުވީ، އެކަން ބިނާވެފައި އޮތީ އިސްލާމީ ތަރަހައިގެ މައްޗަށް ކަމަށާއި ދިވެހި ގައުމިއްޔަތުގެ ބިންގަލުގެ މައްޗަށް ކަމަށެވެ.
"ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަމުގެ މައްޗަށް. ޒަމާނީ އިލްމީ ހޭލުންތެރިކަމާއި އުފެއްދުންތެރިކަމުގެ މައްޗަށް. ރައްޔިތުންނަށް ލިބޭ ފުދުންތެރިކަމާއި ދިރިއުޅުމުގެ ފަސޭހަކަމާއި އަމާންކަމާއި ހަމަހަމަކަމާއި އިތުބާރާއި ހިތްފަސޭހަކަމުގެ މައްޗަށް" ރައީސް ވިދާޅުވިއެވެ.
މި ގައުމުގައި ހަގީގީ މާނައިގައި ސިޔާސީ ގޮތުން ހަމަޖެހުން ގާއިމުކުރެވިއްޖެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ކުރިއަށް އޮތް ދުވަސް ތަކުގައިވެސް މި ސަރުކާރުގެ ކިބައިން ފެންނާނީ މި ސިޔާސަތު ތަންފީޒު ކުރާތަން ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ދެން ވެސް ފެނިވަޑައިގަންނަވާނީ، ދިވެހި އެއްވެސް ރައްޔިތަކު ފަރަގުނުކޮށް އަދުލު ގާއިމުކުރާތަން ވިސްނުމާއި އިލްމުގެ ގޮތުންނާއި އިމާރާތްކުރުމާއި ބިނާވެށީގެ ގޮތުން ދިވެހި ގައުމާއި ދިވެހި ރާއްޖެ އާ އުސްމިންތަކަކަށް ވާސިލުކުރާތަން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި ސަރުކާރު އަބަދުވެސް އޮންނާނީ ރައްޔިތުންގެ ފަޅީގައި ރައްޔިތުންނާއެކުގައި ކަމަށާއި އެ މަނިކުފާނާއި މުޅި ސަރުކާރުގެ ހަކަތައާއި ހިތްވަރު ރެޔާއި ދުވާލު ގުރުބާން ކުރާނީ ރައްޔިތުންނަށް ތަރައްގީއާއި ހަމަޖެހުމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ކަމަށެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު