މިއަންނަ މާޗު މަހުން ފެށިގެން ކޮންމެ ހޯމަ ދުވަހަކު ނޫސްވެރިންނާ ބައްދަލުކުރައްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ މީޑިއާއާ އެކު ބާއްވަމުން އަންނަ ގާތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މީޑިއާއާ ސީދާ އެ މަނިކުފާނު ބާއްވަވާ ބައްދަލުވުންތައް އިތުރުކުރައްވާނެ ކަމަށެވެ.
އެގޮތުން، އަންނަ މަހުން ފެށިގެން ކޮންމެ ހޯމަ ދުވަހެއްގެ ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ އެ މަނިކުފާނު ބައްދަލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"މީޑިއާއަށް ސީދާ އަޅުގަނޑު މައުލޫމާތު ދިނުމުގެ ގޮތުން މި އަހަރުގެ މާޗް މަހުން ފެށިގެން، އާއްމު އުސޫލެއްގެ މަތިން، އިރާދަކުރެއްވިއްޔާ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ އަޅުގަނޑު ބައްދަލު ކުރާނަން ދަތުރެއް ކުރަން ޖެހުން ނުވަތަ ބަންދު ދުވަހަކާ ދިމާވުން، ނުވަތަ އެ ނޫންވެސް މި ޝެޑިޔުލަށް ބަދަލު އަންނަ ފަދަ ކަމެއް މެދުވެރި ނުވާހާ ހިނދަކު އިރާދަކުރެއްވިއްޔާ މިކަން މިގޮތުގައި ކުރުމުގައި ދެމި ހުންނާނެ ވާހަކަ ދަންނަވަން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކެބިނެޓްގެ ކޮންމެ މިނިސްޓަރަކު ވެސް ހަފުތާއަކު އެއްފަހަރު އެއް ގަޑިއިރަށް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ.
ރައީސް ވަނީ ދައުލަތުގެ ބަޖެޓުން ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް މީޑިއާތަކަށް ފައިސާ ދޫކޮށްފައިވާކަންވެސް ފާހަގަކުރައްވައިފައެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ބޮޑެތި ކުލީގައި އޮފީސްތައް ހިނގަން ޖެހިފައިވާތީ މީޑިއާތަކަށް ކުރިމަތިވެފައިވާ މާލީ ދަތި ހާލަތުން އަރައިގަތުމަށް، ވަރަށް ކުޑަ އަގެއްގައި އޮފީސް އަދި ސްޓޫޑިއޯ ނެގޭނެ މީޑިއާ ވިލެޖު ބޭނުންކުރުމުގެ ފުރުސަތު މި އަހަރުގެ މެދެއްހާ ހިސާބުގައި ހުޅުވާލާނެ ކަމަށެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު