ތެލެސީމިއާ ހޮސްޕިޓަލުގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ތެލެސީމިއާ ހުންނަ ފަރާތްތަކަށް ސަރުކާރުން އަޅާލަންޖެހޭ ވަރަށް އަޅާނުލާ ކުރިން އޮތް އޮތުން މި ސަރުކާރުން ނިމުމަކަށް ގެނެސް، ހައްލު ކުރަންޖެހިފައި ހުރި ކަންކަން ހައްލު ކުރަން ވާނީ ފަށާފައި ކަމަށެވެ.

އެގޮތުން ހުޅުމާލޭގެ އޮރެންޖް ހިޔާގައި ތެލެސީމިއާ ސެންޓަރު ހިންގުމަށްޓަކައި ބޭނުންވާނެ ހުރިހާ މަސައްކަތެއްކޮށް، ހަލާކުވެ ވީރާނާވަމުން ދިޔަ ތެލަސީމިއާ ސެންޓަރު އޮރެންޖް ހިޔާއަށް ބަދަލު ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

"އަދި އެތަނުގެ ހިންގުން މާލެސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއާ ވަނީ ހަވާލުކުރެވިފައި. މިހާރު އެކުދިންނަށް ކުރިން ނުލިބޭ އެންޑޮކްރޮނޮލޮޖީ، އިންޓާނަލް މެޑިސިން، ހިމަޓޮލޮޖީ ފަދަ ސްޕެޝަލިސްޓް އެކި ހިދުމަތްތައް ދަނީ ލިބެމުން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ތެލެސީމިއާ ހޮސްޕިޓަލް ގާއިމުކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށެވެ. އަދި ތެލަސީމިއާ ކުދިންނަށް ކޮންމެހެން ބޭނުންވާ އަދި ކުރިން ރާއްޖޭން ބޭރުން ނޫނީ ނުލިބޭ ހިދުމަތެއްކަމުގައިވާ އެމްއާރްއައި ޓީޓޫ ސްޓާގެ ހިދުމަތްވެސް، މިހާރު ހުޅުމާލޭ ހޮސްޕިޓަލުން ލިބޭނެ ކަމަށެވެ.

"މިހާތަނަށް 28 ފަރާތަކަށް މި ހިދުމަތް ދެވިފައިވޭ. މީގެ އިތުރުން ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހަދައިދޭން މި ސަރުކާރުން ފެށި ޕްރޮގްރާމްގެ ދަށުން، މިދިޔަ އަހަރު އިތުރު ދިހަ ކުދިން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ވަނީ ފޮނުވިފައި. 17 ނޮވެންބަރު 2023 އިން ފެށިގެން މިހާތަނަށް ޖުމުލަ 24 ކުދިންނަށް ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތު ވަނީ ދެވިފައި." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތެލެސީމިއާ ކުދިންނަށް 2000 ރުފިޔާގެ އެލަވަންސެއް މި އަހަރުން ފެށިގެން ދިނުމަށްވެސް ނިންމާފައިވާ ކަމަށާއި ތެލަސީމިއާގެ ބާވަތްތައް ސިއްހީ މިންގަނޑަކުން ތަހުލީލު ކުރުމުގައި ލޭގައި ހިމެނޭ ހީމޮގްލޯބިންގެ 27 ބާވަތެއްގެ މިއުޓޭޝަނެއް ދެނެގަތުމަށް ހަދާ އޮޓަމޭޓެޑް ޑީއެންއޭ ތަހްލީލުކުރާ ލެބޯރެޓަރީ ގާއިމުކޮށް ފުރަތަމަ ފަހަރަށް ސަރުކާރުގެ ހޮސްޕިޓަލެއްގައި ހިދުމަތްދޭން މިހާރު ވަނީ ތައްޔާރުވެފައި ކަމަށެވެ.

"މި ހިދުމަތުގެ ސަބަބުން މީގެ ކުރީން ދެނެނުގަނެވޭ ލޭގެ މިއުޓޭޝަންތައް ދެނެގަނެ، ތަހުލީލުތަކުގެ ފެންވަރު ރަނގަޅުކޮށް އެއާ ގުޅިގެން ދެވޭ ލޭގެ ފަރުވާގެ ފެންވަރު އިތުރަށް މަތިކުރެވިގެންދާނެ." ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މި ހިދުމަތް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ މޯލްޑިވިއަން ބްލަޑް ސާވިސަސް މެދުވެރިކޮށް ފޯރުކޮށްދޭން ފަށާނެ ކަމަށެވެ.