ފިރިމީހާ ނުވަތަ އަނބިމީހާގެ ގޯއްޗެއް އޮތަސް، ގޯއްޗަށް ކުރިމަތިލެވޭ ގޮތަށް ހުޅުވާލާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސް ތަޅުމުގައި މިއަދު އިއްވެވި މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް އެހެން ވިދާޅުވެފައިވާ އިރު، މިހާރު ހުޅުވާލާފައިވާ ސްކީމަށް އަނބިމީހާ ނުވަތަ ފިރިމީހާގެ މާލެ ސަރަހައްދުގައި ގޯއްޗެއް އޮތް ނަމަ، އެމީހެއްގެ ޝަރުތު ހަމައެއް ނުވެއެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުން ވެސް ވަނީ ފާޅުކޮށްފައެވެ.

ރައީސް ވިދާޅުވީ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން "އާއިލީ ބޯހިޔާވަހިކަމުގެ" ނަމުގައި އާ ޕްރޮގްރާމެއް ފަށައި، އެ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ގޮތުގައި، މާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ރަސްމާލެއިން 15000 ގޯތި އަދި ހުޅުމާލެއާއި ވިލިމާލެއިން ތިން ކޮޓަރީގެ 7900 ފްލެޓް ދޫކުރުމާ ބެހޭ އުސޫލު އިއުލާންކޮށް އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް ހުޅުވާލެވިފައިވާނެ ކަމަށެވެ.

"އެއްވެސް ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދެވޭ އާއިލީ ބޯހިޔާވަހިކަމުގެ ޕްރޮގްރާމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު ގޯތި ގެދޮރުގެ ތަނަވަސްކަން ހޯދުމުގެ ފުރުސަތު ހުރިހާ ރައްޔިތުންނަށް ފަހިކޮށްދިނުމުގެ ގޮތުން، ވަކި ކެޓެގަރީ އެއްގެ ގޮތުގައި ތިމާގެ އަނބިމީހާގެ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ގޯއްޗަށް އެދި ކުރިމަތި ލެވޭ ގޮތަށް ވަރަށް އަވަހަށް ހުޅުވާލެވޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 2022 ވަނަ އަހަރު ހުޅުވާލެވުނު ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ފަރާތްތަކުން މިހާރު ލިބިފައިވާ ގޯތި، ޖޮއިންޓްކޮށް އެ ގޯތި ލިބިފައިވާ ހުރިހާ ފަރާތްތައް އެ ގޯތި އެއްކޮށް ދޫކޮށްލަން އެއްބަސްވާނަމަ، ޖޮއިންޓްކޮށް ލިބުނު ކޮންމެ މީހަކަށް ގޯއްޗެއް ލިބޭ ގޮތަށް ވަކި ކެޓެގަރީއެއް ހުޅުވާލަންވެސް ނިންމާފައިވާ ކަމަށެވެ. އަދި 15000 ގޯތީގެ ތެރެއިން އެ ދެ ކެޓެގަރީން ކޮންމެ ކެޓެގަރީއަކަށް 1000 ގޯތި ކަނޑައަޅާފައިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރަސްމާލޭގެ ބިން ހިއްކުން ވަރަށް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށާއި ސަރުކާރުގެ އަމާޒަކީ މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ރަސްމާލޭގެ ބިން ހިއްކައި ނިންމުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.