އަހަރެއްހާ ދުވަސް ތެރޭގައި މަސްވެރިންނަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެގޮތުން މިއަދު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ، މަސްވެރިންނަށް ދޭންޖެހޭ ފައިސާ، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 10 އިން ފެށިގެން، 48 ގަޑިއިރު ތެރޭގައި ދެމުން އަންނަ ކަމަށެވެ.
"މިގޮތުން 2024 ޑިސެމްބަރު 10 އިން ފެށިގެން މެދުނުކެނޑި 3 ފެބްރުއަރީ 2026 ގެ ނިޔަލަށް 1,016,329,376 ރުފިޔާ ވަނީ ދޫކުރެވިފައި،"
އެމަނިކުފާނު ވިދާޅުވީ، މަސްވެރިންނަށް ދިމާވާ އެންމެ ބޮޑު އެއް ދައްޗަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ހެޔޮ އަގުގައި ތެޔޮ ލިބުމުގައި ހުރި ދަތިކަން ކަމަށެވެ. މިކަން ހައްލު ކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭނޭ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އެ ކުންފުނީގެ ފުރަތަމަ ފިއުލް ސްކިޑް ރ. ދުވާފަރުގައި މިދިޔަ ޑިސެމްބަރު މަހުގެ 13 ގައި ހުޅުވާފައިވާ ކަމަށާއި، ކުރިޔަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެސްޓީއޯގެ ފިއުލް ސްކިޑްތައް ހުޅުވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކާއި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
"ކަޅުބިލަމަހުގެ މަސްވެރިންނެކޭ އެއްގޮތަށް، ބޮޑު ކަންނެލި މަސްވެރިންނަށް ވެސް، އަގު ހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމަށް ބޭނުންވާ އިންތިޒާމުތައް މިދަނީ ހަމަޖައްސަމުން، ބޮޑު ކަންނެލި މަސްވެރިންނަށް ރަނގަޅު މަންފާއެއް ލިބޭނީ ކަންނެލި އެކްސްޕޯޓުކުރާ ކުންފުނިތަކަށް ބޭނުންވާ ޒަމާނީ ޕެކިން ފެސިލިޓީއެއް ގާއިމުކޮށްގެން ކަމަށް ވާތީ، ހުޅުމާލޭގައި މިފަދަ ފެސިލިޓީއެއް އެޅުމުގެ އަމަލީ މަސައްކަތް މި އަހަރު، އިރާދަކުރެއްވިއްޔާ ފަށާނަން،"
އެކަމަށްޓަކައި ހުޅުމާލޭގައި ގާއިމުކުރަން ހަމަޖެހިފައިވާ 100 ޓަނުގެ ޕެކިން ފެސިލިޓީ އެޅުމަށް ބޭނުންވާ 25,000 އަކަފޫޓުގެ ބިމުގެ އެއްބަސްވުމުގައި ސޮއިކޮށް، މިފެސިލިޓީގެ އަމަލީ މަސައްކަތް މި އަހަރުގެ މެދުތެރޭގައި ފެށިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
އަދި، ސަރުކާރުން ބޮޑުކަންނެލި ގަތުމަށް ކުރަން ޖެހޭ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، ސަރުކާރުގެ އަމާޒަކީ ބޮޑު ކަންނެލި މަސްވެރިކަން ތަރައްގީކޮށް ބޮޑުކަންނެލި މަސްވެރިކަމުން ލިބޭ އިގުތިސާދީ ނަފާ އިހުނަށްވުރެ އިތުރުކުރުން ކަމަށްވެސް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު