މަސްވެރިންނަށް އަޅާނުލުމާއި ބާކީކުރުން ނިމުމަކަށް ގެނެސްދިނީ މި ސަރުކާރުންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުުގެ ގޮތުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރައީސް ވިދާޅުވީ، ދިވެހި އިގުތިސާދު ހަރުދަނާކޮށް ކުރިއެރުވުމުގައި ދިވެހި އިގުތިސާދުގެ ލޭނާރު ކަމުގައިވާ މަސްވެރިކަމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ.

"އެތައް އަހަރެއް ވަންދެން އަޅާނުލާ ނިކަމެތިކޮށްލާފައި އޮތް މަސްވެރިކަމުގެ ސިނާއަތަކީ އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނާ ހަމައަށް ފޯރުކޮށްދިން އެންމެ ވަރުގަދަ ސިނާއަތު، މި އަޅާ ނުލުމާ ބާކީ ކުރުން ނިމުމަކަށް ގެނައީ މި ސަރުކާރުން، އެގޮތުން، މަސްވެރިންނާ ގާތުން މަސްވެރިންގެ އަޑު އަހައިގެން މަސްވެރިކަމުގެ ސިނާއަތަށް އުޖާލާކަން ގެނެސްދިނުމުގައި އިރާދަކުރެއްވިއްޔާ މި ސަރުކާރުން ސާބިތުކަމާއެކު ކުރިޔަށްދާނަން،"

ރައީސް ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރޯމަސް ރައްކާކުރާނެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ ކުޑަވުން ކަމަށެވެ.

"މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ގދ. ތިނަދޫ ސިޓީ، ޅ. ފެލިވަރު، މ. މުލައް، ގއ. ކޫއްޑޫ، އައްޑޫ ހުޅުދޫ، ހއ. އިހަވަންދޫ، ގދ. ފިޔޯރީ އަދި ފ. ނިލަންދޫގައި ކޯލްޑް ސްޓޯރޭޖް ގާއިމުކުރުމަށް ހިންގާ މަޝްރޫއުތައް، އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް 15 މަސް ދުވަސް ތެރޭގައި ނިންމާ ހަވާލު ކުރާނަން،"

އޭގެ އިތުރުން މަސްވެރިންނަށް ބޭނުންވާ އައިސް ފޯރުކޮށްދިނުމަށް ގއ. ދެއްވަދޫ، ށ. ފުނަދޫ، ދ. މީދޫ އަދި ބަނޑިދޫގައި އާ އައިސް ޕްލާންޓް ގާއިމުކޮށް ހިދުމަތް ދޭން ފަށާފައިވާކަމަށާއި، މ. ވޭވަށާއި ލ. މާބައިދޫގެ އައިސް ޕްލާންޓްތަކުގެ މަސައްކަތް މިއަހަރުގެ މެދު ތެރޭގައި، ނިމި ހިދުމަތް ދޭން ފެށޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަދި ހއ. ދިއްދޫ، އއ. ރަސްދޫ، ގދ. ރަތަފަންދޫ، ހދ. ކުޅުދުއްފުށި ގއ. ވިލިނގިލި، ގއ. ނިލަންދޫ، ކ. ގާފަރު، ދ. ހުޅުދެލި، ށ. ކޮމަންޑޫ، ޅ. ނައިފަރު، ލ. މާވަށް އަދި ލ. ހިތަދޫގައި އައިސް ޕްލާންޓްތައް ބިނާކުރުމުގެ މަސައްކަތްތައް ނިންމައި އިރާދަކުރެއްވިއްޔާ މިއަހަރު ތެރޭގައި ހިދުމަތް ދޭން ފަށާނަން،"

މަސްވެރި އުޅަނދު ފަހަރުގައި ރެފްރިޖެރޭޓަޑްސީ ވޯޓާ ނުވަތަ އާރުއެސްޑަބްލިއު، ނިޒާމް ހަރުކުރުމަށް ބާރު އެޅުމުގެ ގޮތުން މިހާތަނަށް 45 ފަރާތެއްގެ ފެސިލިޓީ އެޕްރޫވްވެ، 25 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށާއި، އިތުރު 200 މަސްދޯންޏަށް އަމާޒުކޮށް އެސްއެމްއީ ޑިޖިޓަލްއިން އާރުއެސްޑަބްލިޔު ފައިނޭންސިން އެޕްލިކޭޝަނަށް ހުޅުވުލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.