ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން ދިހަ ރިސޯޓެއް ތަރައްގީކޮށް ރާއްޖޭގެ ކޮންމެ ރައްޔިތަކީ އެ ރިސޯޓުތަކުގެ ހިއްސާދާރަކަށް ހަދައި ރައްޔިތުންގެ އެކައުންޓަށް ޑޮލަރު ލެވޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތު ރަސްމީކޮށް ފެށިގެން އައީ މީގެ 54 އަހަރު ކުރިން 1972 ވަނަ އަހަރުގައި ކަމަށާއި ނަމަވެސް މި ސިނާއަތަށް ބައި ގަރުނަށް ވުރެ ގިނަ ދުވަސް ވީއިރުވެސް މި ދާއިރާއިން ދިވެހި ހުރިހާ ރައްޔިތުންގެ ޖީބަށް ސީދާ ގޮތެއްގައި އެންމެ ލާރިއެއް ވެސް ލިބޭނެ އެއްވެސް މަގެއް، އެއްވެސް ސަރުކާރަކުން ފަހިކޮށްދީފައެއް ނެތް ކަމަށެވެ.
"އެކަމަކު ހަގީގަތުގައި މި ސިނާއަތަކީ ރާއްޖޭގެ އިގުތިސޯދުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ ސިނާއަތް. މިއީ ރާއްޖޭގެ ގުދުރަތީ ރީތިކަންކަމުގައިވާ ރީތި ގޮޑުދޮށްތަކާއި ފަޅުތަކާއި ފަރުތަކާއި ރަށްތައް ފަދަ ގުދުރަތީ އެސެޓްތައް ދިގު މުއްދަތަށް އެންމެ ބޮޑަށް ބޭނުންކުރަމުންދާ، އަދި މަދު ހާލަތެއްގައި މެނުވީ، އިއާދަނުކުރެވޭނޭ ބޮޑު ބަދަލުތަކެއް، އެ އެސެޓްތަކަށް ގެނެސްފައިވާ އަދި ގެންނަމުންދާ ސިނާއަތް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ގުދުރަތީ އެސެޓްތަކުގެ ހަގީގީ ވެރިންކަމުގައިވާ ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް ސީދާ އާމްދަނީއެއް ލިބޭނޭ މަގެއް، ނިޒާމީ ގޮތެއްގައި ހަމަޖެހިގެން ދިޔުމަކީ އެންމެ އަދުލުވެރި ގޮތްކަމުގައި އެ މަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށެވެ.
އެހެންކަމުން އެކަމާ މެދު ކެބިނެޓުގައި މަޝްވަރާކޮށް، ސަރުކާރުން މިހާރު ނިންމާފައިވަނީ، ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިޔަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން ދިހަ ރިސޯޓު ތަރައްގީކޮށް އެ ރިސޯޓުތަކުން ލިބޭ ފައިދާގެ ބޮޑުބައެއް، ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޖަމާކުރުން ކަމަށެވެ.
"ރާއްޖޭގެ ކޮންމެ ރައްޔިތަކީ، މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރެވޭ ހުރިހާ ރިސޯޓެއްގެ ހިއްސާދާރެއްކަމުގައި ހަމަހަމަ ކަމާއެކު، ގާނޫނަކުން ކަނޑައަޅާ ހަމަޖައްސަން. ނަތީޖާއެއްގެ ގޮތުން މި މަޝްރޫއު ދަށުން ތަރައްގީ ކުރާ ރިސޯޓުތަކުން ލިބޭ ފައިދާ ދިވެހި ރައްޔިތެއްކަމުގެ އައިޑީކާޑު އޮތް ކޮންމެ ރައްޔިތަކަށް ހަމަހަމަކަމާއެކު އަހަރުން އަހަރަށް ލިބި، ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދިވެހި ފަތުރުވެރިކަމުގެ ސީދާ ހިއްސާދާރަކަށް ދިވެހި ކޮންމެ ރައްޔިތަކުވެ، ދިވެހި ކޮންމެ ރައްޔިތަކަށް ސީދާ ގޮތުން މާލީ މަންފާ އިރާދަކުރެއްވިއްޔާ ޖަމާވާން ފަށާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އަންދާޒާ ކުރެވެނީ މި އިންވެސްޓްމަންޓުން ރައްޔިތުންގެ އެކައުންޓަށް ފައިސާ ޖަމާވާން ފަށާނީ 2030 އަހަރުން ފެށިގެން ކަމަށާއި ހިސާބު ހަދާލާ އިރު، އެވްރެޖުކޮށް ކޮންމެ ރައްޔިތެއްގެ އެކައުންޓަށް، އަހަރަކު މަދުވެގެން، 400 އެމެރިކާ ޑޮލަރު ޖަމާވެގެންދާނެ ކަމަށެވެ.
"މިސާލަކަށް ފަސް މެންބަރުންގެ އާއިލާއެއްގައި ނަމަ، އެ އާއިލާގެ ކޮންމެ މެންބަރެއް، މަދުވެގެން ދިހަ ރިސޯޓުގެ ޝެއާ ހޯލްޑަރަކަށް ވުމުގެ އިތުރުން، އެ އާއިލާއަށް އަހަރަކު މަދުވެގެން އިރާދަކުރެއްވިއްޔާ 2000 އެމެރިކާ ޑޮލަރު ލިބިގެންދާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެކަންކަން ހަގީގަތަކަށް ހެދުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ވަރަށް ހަލުވި ދުވެލީގައި ކުރިއަށް ގެންދަވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު