ރައީސް ޑރ. މުހައްމަދު މުއިއްޒު، ރިޔާސީ ބަޔާން އިއްވަމުން ދަނިކޮށް، މަޖިލީހުގައި އަޑުގަދަކޮށް، ރިޔާސީ ބަޔާން އިއްވުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) ދަތިކުރުމުން، ނަން އިއްވުމަށްފަހު، ތަޅުމުން ބޭރުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަކީ މިއަހަރަށް މަޖިލިސް ހުޅުވުމުގެ ގޮތުން، ގާނޫނުގައިވާގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާއެކެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާގެ ގޮތުގައި ބޭއްވި މި ޖަލްސާގައި އެމްޑީޕީ މެންބަރުން އިހްތިޖާޖު ކުރަން ފެށީ ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަވަން ފެށިތާ ވަކި ހިސާބަކުންނެވެ.
އެ އިހުތިޖާޖަށް ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ފުރަތަމަކޮޅު ފުރުސަތު ދެއްވި ނަމަވެސް، އެމްޑީޕީގެ މެންބަރުން ނަން އިއްވަން ފެއްޓެވީ ރައީސް މުއިއްޒު ވާހަކަފުޅު މެދުކަނޑާލެއްވުމުންނެވެ.
އެމްޑީޕީ މެންބަރުން އަޑުގަދަކޮށް އިހުތިޖާޖު ކުރަމުން ގެންދިޔައީ، ކަށިގަނޑު ވެސް ފުމެމުންނެވެ. އަދި ރައީސް މުއިއްޒު ހައްދަވަނީ އިތުރުފުޅުކަމަށް ވިދާޅުވެ، ރައީސް މުއިއްޒުގެ އިސްތިއުފާއަށް ވެސް ގޮވަމުންދިޔައެވެ.
އޭގެ ފަހުން ރައީސް މުއިއްޒު ވާހަކަފުޅުދައްކަވަން ހުންނެވި ޕޯޑިއަމްގެ ކުރިމައްޗަށްވާގޮތަށް ކޮންމެވެސް ވަރަކަށް ކައިރިއަށް ޖެހި، ޕޯސްޓަރު ހިފައިގެން ތިބެ އެމްޑީޕީގެ ބައެއް މެންބަރުން އިހުތިޖާޖު ކުރަން ފެށިއެވެ. އެއާއެކު، ރައީސް މުއިއްޒުގެ ވާހަކަފުޅު މެދުކަނޑާލައްވައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުްރަހީމްއަށް އިޝާރާތެއް ކުރެއްވިއެވެ.
އެގޮތަށް ރައީސް މުއިއްޒު ކަންތައް ކުރެއްވުމުން، މަޖިލިސް ރައީސް އަބްދުއްރަހީމް ވަނީ މަޖިލިސް ގަވައިދުގައިވާ ގޮތަށް ތިން ފަހަރަކަށް މީކާއިލް އާއި ފިއްޓެގެ ނަން އިއްވައިފައެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް