މޮރިޝަސްއަށް ފޯޅަވަހި ދޫކޮށްލަން އިނގިރޭސި ވިލާތުން ނިންމުމުން ދިވެހި ސަރުކާރުން ދެ ސިޓީއެއް، އިނގިރޭސި ވިލާތަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން ހުށަހަޅުއްވަމުން ރައީސް ވިދާޅުވީ، ފޯޅަވައްސަކީ އިސްތިއުމާރީ އެއްވެސް ބާރެއް މި ސަރަހައްދަށާއި ދިވެހި މާކަނޑަށް ފޭބުމުގެ އެތައް ގަރުނެއް ކުރިއްސުރެ ވެސް، ދިވެހީން އެތަނެއް ދަންނަ ތަނެއް ކަމަށެވެ. ރައީސް ވިދާޅުވީ ފޯޅައްވަސަކީ ދިވެހި ކާބަފައިން ދިވެހި ބަހުން އެ ތަނަށް ނަން ކިޔަމުން އަންނަ، ރާއްޖޭގެ ގުދުރަތީ ސަރަހައްދުގައި އޮތް ތަނެއް ކަމަށާއި ދިވެހި ނެވިކަމާއި ކަނޑުވެރިކަމުގެ ތެރޭން ލިޔެވިފައިވާ ފޮތްތަކުގައި އެ ތަނުގެ ވާހަކަ ބަޔާންކޮށްފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ދިވެހި ދައުލަތުގެ ރަސްމީ ލިޔުންތަކުގައި ދިވެހި ރަސްކަމުގެ ފަރާތުން ރާއްޖޭގެ ސިޔާދަތީ އިމުގެ ތެރޭގައި ފޯޅަވަހި ހިމަނާފައިވާކަން ތާރީހުން ކަަށަވަރުވާކަމަށް ރައީސް ވިދާޅުވިއެވެ. އެ ކަންކަމާއެކު ފޯޅަވަހީގެ އަތޮޅުތަކަކީ އޭރު ވެސް މިހާރު ވެސް، ދިވެހި މަސްވެރީން ދުވަހުން ދުވަހަށް ފަސޭހަކަމާއެކު އެ ސަރަހައްދަށް މަހަށް ނިކުމެ ތިބޭ، ޒަމާނުއްސުރެ ދިވެހީންގެ ކަނޑުވެރިކަމާއި މަސްވެރި ސަގާފަތުގެ ދިރިއުޅުމުގެ ބައެއްކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންކަމުން ފޯޅަވައްސާއި ދިވެހިރާއްޖެއާ ދެމެދު ސިޔާދަތީ ގުޅުންތަކެއް އޮތްކަން މި ފަދަ އެތައް ގޮތަކުން ކަށަވަރުވާތީ، ފޯޅަވަހީގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަށް ދިވެހިރާއްޖޭން އިއުތިރާޒުކޮށް އެ ކަމާ ދިވެހި ދައުލަތުން ދެކޮޅު ހަދާކަން ބަޔާންކޮށް ދިވެހި ސަރުކާރުގެ ފަރާތުން ވާނީ، އިނގިރޭސި ސަރުކާރަށް 8 ނޮވެމްބަރ 2024 ގައި އަދި 18 ޖެނުއަރީ 2026 ގައި ލިޔުމުން ހުށަހަޅާފައި. އަދި 15 ޑިސެންބަރު 2025ގައި އަޅުގަނޑާއި އިނގިރޭސި ވިލާތުގެ ޑެޕިޔުޓީ ޕްރައިމް މިނިސްޓަރ ދަ ރައިޓް އޮނަރަބްލް ޑޭވިޑް ލެމީއާއެކު އޮތް އޮންލައިން ފޯން ކޯލެއްގައި މިކަން އަޅުގަނޑުވާނީ އެމަނިކުފާނުގެ ސަމާލު ކަމަށް ގެނެސް، މި ކަމުގައި ދިވެހި ސަރުކާރުން އިނގިރޭސި ވިލާތުގެ ސަރުކާރާއެކު މަޝްވަރާކުރަން ބޭނުންވާކަމަށް ދަންނަވާފައި" ރައީސް ވިދާޅުވިއެވެ.

ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ބަދަލުކުރުމާ ގުޅޭގޮތުން އެއްވެސް ގައުމަކުން ނުވަތަ ބައިނަލްއަގުވާމީ ބައްދަލުވުމެއްގައި މަޝްވަރާކުރާ ނަމަ، އެކަމާ ގުޅޭގޮތުން ރާއްޖޭގެ ކަންބޮޑުވުންތައް ގަވައިދުން ހިއްސާކޮށް ވަކާލާތުކޮށްފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ފޯޅަވަހި ސަރަހައްދުގެ އިގްތިސޯދީ ބޭނުން ހިފުމުގައި މޮރިޝަސް އިން ކަނޑައަޅާ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް، ހާއްސަކޮށް މަސްވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތަށް، ކޮށްފާނެ ނެދޭވޭ އަސަރުތަކުގެ ސަބަބުން އެކަންތައްތަކަށް ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ދެކޮޅުހަދާކަން މޮރިޝަސް ސަރުކާރަށާއި އިންޓަނޭޝަނަލް ޔޫނިއަން ފޯ ނޭޗާ ކޮންޒަވޭޝަން (އައިޔޫސީއެން)އަށް ހިއްސާކޮށްފައިވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯންގެ ތެރެއިން ދެކުނު ކަނޑުގެ ސަރަހައްދުން ބޮޑުބައެއް ގެއްލޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ނިންމުމެއް ނިންމާފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ ދިވެހީންގެ ބިމުން ވެލިފުކެއްގެ މިންވަރު ވެސް، ދިވެހީންގެ އިމުން ޒައްރެއްގެ މިންވަރު ވެސް، ދޫކޮށްލެވިގެންނުވާނެ ކަމަށެވެ.

ނަމަވެސް ކުރީ ސަރުކާރުގެ ދުވަސްވަރު، ރާއްޖޭގެ ދެކުނުން ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުން ބައެއް ފޯޅަވައްސާ ފުށުއަރާކަމަށް ބުނެ ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން ހުށަހެޅި މައްސަލައިގައި، ދިވެހި ސަރުކާރުން ބައިވެރިވެ ދިވެހި ރާއްޖޭގެ އީއީޒެޑް ގެ ތެރެއިން ދެކުނު ކަނޑުގެ ސަރަހައްދުން ބޮޑުބައެއް ވަނީ ދޫކޮށްލާފައިކަމަށް ރައީސް ވިދާޅުވިއެވެ.

އެ ނިންމުން ދިރާސާކޮށް، ރާއްޖޭގެ ކަނޑުން ދޫކޮށްލި ސަރަހައްދު އަނބުރާ ހޯދުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތް ކުރުމަށް 19 ނޮވެންބަރު 2023ގައި ބަންޑާރަނައިބަށް އަންގާފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެއާއެކު އެ މައްސަލަ ދިރާސާ ކުރުމަށްޓަކައި ތިން މެމްބަރުންގެ ވިލަރެސް ކޮމިޓީއެއް ބަންޑާރަނައިބު އެކުލަވާލައްވައި، މި މައްސަލައިގައި އައްޔަނުކުރެވުނު ބައިނަލްއަގުވާމީ މާހިރުންގެ ލަފާގެ މައްޗަށް ބިނާކޮށް ކޮމިޓީއިން ތައްޔާރުކުރި ރިޕޯޓްތައް ބަންޑާރަނައިބު ވަނީ މިދިޔަ ޖެނުއަރީ މަހު ރައީސް އޮފީހަށް ފޮނުވާފައިކަމަށް ރައީސް ވިދާޅުވިއެވެ.

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާާ ކަންކަން ދިރާސާ ކުރެއްވުމަށް ފަހު ކެބިނެޓަށް ހުށަހެޅުއްވި ރިޕޯޓާ ގުޅިގެން ފިޔަވަޅުތަކެއް އެޅުމަށް ވަޒީރުންގެ މަޖިލީހުން ނިންމައި، އެ ނިންމުންތައް ތަންފީޒު ކުރުމުގެ މަސައްކަތް ފަށައިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އެ ގޮތުން މި މައްސަލާގައި އައްޔަކުރައްވާފައިވާ ގާނޫނީ މާހިރުން ދެއްވާފައިވާ ލަފައާ އެއްގޮތަށް، ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުން ދޫކޮށްލި ބައި ހޯދުމަށް ގާނޫނީގޮތުން ކުރަންޖެހޭ ކަންކަން ސަރުކާރުން ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ 22 އޮގަސްޓު 2022 ގައި މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުއްވި ސިޓީގެ ސަބަބުން ދިވެހިރާއްޖޭގެ ސިޔާދަތީ ސަރަހައްދުގެ ރައްކާތެރިކަމަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް ބައިނަލްއަގުވާމީ މާހިރުންގެ ލަފާ ލިބިފައިވާތީ، ދިވެހިރާއްޖެއިން އެސިޓީ އަނބުރާ ގެނައުމަށް ނިންމިކަން މި ފަހްރުވެރި ދިވެހި ދައުލަތާއި ލޮބުވެތި އެންމެހައި ދިވެހި ރައްޔިތުންގެ ހައްގުގައި، ތިޔަ ޢިއްޒަތްތެރި މަޖިލިސް މެންބަރުންގެ ކުރިފުޅުމަތީގައި މި ވަގުތު އަޅުގަނޑު އިއުލާނުކުރަން" ރައީސް ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ރާއްޖޭގެ އާކިޕެލަޖިކް ބޭސް ޕޮއިންޓްތަކަށް ހަވާލާދީ، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަކީ، ދޫކޮށްލި ކަނޑުގެ ސަރަހައްދު ހިމެނޭ ގޮތަށް، ގާނޫނުގައި މިހާރު ވެސް ކަނޑައަޅާފައިވާ ސަރަހައްދުކަމަށް ނިންމައިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ގާނޫނުއަސާސީއަށް ގެނެވުނު ހަވަނަ އިސްލާހަށް ރިއާޔަތްކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު އިސްލާހުކުރުމަށް މަޖިލީހަށް ފޮނުވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ސަރަހައްދުތައް ކަނޑައެޅުމާއި، ސަރަހައްދުތަކުގެ ކޯޑިނޭޓްތަކާއި ބޭސްލައިން ކަނޑައެޅުމާއި، ރާއްޖޭގެ ސަރަހައްދުތަކާބެހޭ ހުރިހާ ކަންކަމާއި މައްސަލަތައް ބެލުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރާނެ އޮފީހެއް ގާއިމުކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެ އޮފީހަށް ކިޔާނެ ނަމަކީ "ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އޮފީސް" ކަމަށް ރައީސް ވިދާޅުވިއެވެ.

މިމައްސަލައާ ގުޅޭ ގޮތުން ނިމިދިޔަ ސަރުކާރުން ނިންމަވާފައިވާ ބައެއް ނިންމެވުންތަކުގެ ސަބަބުން ދިވެހި ދައުލަތަށް އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް މައްސަލައިގައި އައްޔަނުކުރެވުނު ބައިނަލްއަގުވާމީ މާހިރުންގެ ލަފާ ލިބިފައިވާތީ، އެ ނިންމެވުންތައް ނިންމެވި ފަރާތްތަކާ ސުވާލުކޮށް އެނިންމެވުންތައް ނިންމަވާފައިވާ ސަބަބުތައް ދެނެގަތުމަށާއި، އެކަންކަމާ ގުޅިގެން ގާނޫނީ ފިޔަވަޅު އަޅަންޖެހޭނަމަ އެކަންކުރުމަށާއި އަދި އެފަދަ ކަންކަން ތަކުރާރު ނުވާނެގޮތަކަށް ކަންކަން އެކަށައެޅުމަށް ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން "ކޮމިޝަން އޮފް އެންކުއަރީ" އެއް އުފެއްދުމަށްވެސް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.