ރާއްޖެއަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ ތެރޭގައި ބަސް ކިޔާ، ބަސް ވިކޭ ގައުމަކަށް ވެފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސް ތަޅުމުގައި މިއަދު އިއްވެވި މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ މި ސަރުކާރުގެ "މޯލްޑިވްސް-ފަސްޓް" ހާރިޖީ ސިޔާސަތާ އެއްގޮތަށް، ދިވެހީންގެ މި ރާއްޖެއަށް އިހުތިރާމުކުރާ، އަދި ދިވެހި ރައްޔިތުންގެ މަސްލަހަތު ކުރިއެރުވުމަށް ގުޅިގެން މަސައްކަތްކުރާ ކޮންމެ ގައުމަކާއި، ކޮންމެ ޖަމިއްޔާއަކާއެކު މަސައްކަތްތައްކޮށް ވޭދުވެދިޔަ އަހަރުގެ ތެރޭގައި ވެސް ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށެވެ.
"ދިވެހިރާއްޖެ، ވަކި ގައުމަކަށް ނުވަތަ މަދު ގައުމުތަކަކަށް ބަރޯސާވެފައި އޮތް އޮތުން ކުޑަކޮށް، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ދުނިޔޭގެ އިހުތިރާމް ހޯދުމާއެކު، ރާއްޖެއަކީ ދުނިޔޭގެ މަސްރަހުގައި ބަސްހިނގާ، ބަސްވިކޭ، ބަސްކިޔާ ގައުމަކަށް ވާނީ ހަދާފައި،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދައުލަތް ދިފާއުކުރުމުގައި ގައުމުގެ އަގީދާއާއި އަމިއްލަވަންތަކަމާއި ދިފާއީ ލަޝްކަރު ހަރުދަނާވުމާއެކު، ބޭރާ އޮންނަ ގުޅުންތައް ހަރުދަނާކުރުމަކީ ކޮންމެހެން ފަރުވާތެރިވާން ޖެހޭނެ ކަމެއް ކަމަށާއި ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަންކުރުމުގައި މި ސަރުކާރުން އިސްކުރަނީ އަވަށްޓެރިންނާއި، އިސްލާމީ ގައުމުތަކާ ގުޅުން ބަދަހިކުރުމުގެ ވިސްނުން ކަމަށެވެ.
"ބުރަވަނީ ވިޔަފާރިއާއި އިގުތިސާދީ ފުރުސަތުތައް ހޯދުމަށް، ބޭރުގެ ބައިވެރިންނާއެކު އެއްބާރުލުން އިތުރުކުރުމަށް. ބަރޯސާވަނީ މަޝްވަރާގެ މަތިވެރި އުސޫލުތަކަށާއި ޑިޕްލޮމަސީގެ ރިވެތި ހަމަތަކަށް. އަދި މިކަންކަމުގައި އަބަދުވެސް އެންމެ ބޮޑު އިސްކަމެއްދެނީ ރާއްޖޭގެ ނަން ބޭރު ދުނިޔޭގައި އުފުލައި ދިވެހިންގެ މަސްލަހަތު އިސްކުރުމަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު