ބޮލީވުޑްގެ މަޝްހޫރު ބަތަލާ އާލިއާ ބަޓް، "ދްރިޝްޔަމް 2" ގެ ޑައިރެކްޓަރު އަބީޝެކް ޕާތަކްގެ އާ ފިލްމު "ހައުސްވައިފް" ގައި މަސައްކަތް ކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ވެރައިޓީ އިންޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދެމަފިރިއެއްގެ ގުޅުމުގެ މައްޗަށް ބިނާކޮށް އުފައްދާ މި ޑްރާމާ ފިލްމުގައި އާލިއާ ފެނިގެންދާނީ ގޭގައި އުޅޭ އަނބިމީހާ ނުވަތަ ހައުސްވައިފެއްގެ ރޯލުންނެވެ. މި ފިލްމުގެ ފިރިހެން ލީޑް ރޯލަށް ކުޅަދާނަ އެކްޓަރު ރާޖްކުމާރު ރާއޯއާ މަޝްވަރާ ކުރެވެމުން އަންނަ ކަމަށް ހަބަރުތައް ބުނެއެވެ. ރާޖްކުމާރު މި ފިލްމަށް ޝައުގުވެރިކަން ފާޅުކޮށްފައިވީ ނަމަވެސް، އަދި ރަސްމީކޮށް ސޮއިކޮށްފައެއް ނުވެއެވެ. މި ދެ ތަރިން މި ފިލްމަށް އެއްބަސްވެއްޖެނަމަ، މިއީ މި ދެ ފަންނާނުން އެކުގައި ފެންނާނެ ފުރަތަމަ ފިލްމަށް ވެގެންދާނެއެވެ.

މި ފިލްމުގެ މުހިންމު ރޯލެއް ކުޅުމުގެ އިތުރުން، އާލިއާގެ އަމިއްލަ ފިލްމު ކުންފުނި "އެޓާނަލް ސަންޝައިން ޕްރޮޑަކްޝަންސް" އާއި އަބީޝެކްގެ "ޕެނޮރާމާ ސްޓޫޑިއޯސް" ގުޅިގެން މި ފިލްމު ކޯ-ޕްރޮޑިއުސް ވެސް ކުރާނެއެވެ. ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮގަސްޓް ނުވަތަ ސެޕްޓެމްބަރުގައެވެ. އެއީ އަބީޝެކް އޭނާގެ އާ ފިލްމު "ދްރިޝްޔަމް 3" ގެ މަސައްކަތް ނިންމުމަށްފަހުގައެވެ.

އާލިއާގެ ކުރިއަށް ހުރި އެހެން ފިލްމްތަކަށް ބަލާއިރު، އޭނާ ދެން އެންމެ އަވަހަށް ފެންނާނީ ޝިވް ރަވައިލް ޑައިރެކްޓްކުރާ އެކްޝަން ތުރިލާ "އަލްފާ" އިންނެވެ. ޔާޝް ރާޖް ފިލްމްސް ގެ ސްޕައި ޔުނިވާސްގެ މި ފިލްމުގައި އާލިއާ ކުޅޭނީ އަންހެން ހަނގުރާމަވެރި ޔުނިޓެއްގެ ކޮމާންޑިން އޮފިސަރެއްގެ ރޯލެވެ. މީގެ އިތުރުން ސަންޖޭ ލީލާ ބަންސާލީގެ "ލަވް އެންޑް ވޯ" ގައި ރަންބީރު ކަޕޫރާއި ވިކީ ކޯޝަލްއާއެކު އާލިއާ ފެނިގެންދާނެއެވެ.

މީގެ އިތުރުން 2027 ވަނަ އަހަރަށް ރޭވިފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި މެޑޮކް ފިލްމްސްގެ ހޮރޯ-ކޮމެޑީ "ޗާމުންޑާ" އާ ގުޅޭގޮތުން ވެސް އާލިއާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ. އާލިއާ އެންމެ ފަހުން ފެނިގެންގޮސްފައިވަނީ ވަސަން ބާލާގެ "ޖިގްރާ" އިންނެވެ.