އަންނަ ރޯދައިގެކުރިން އަލަށް އިމާރާތްކުރާ އަށް މިސްކިތެއްގެ މަސައްކަތް ނިންމައި ހުޅުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ، މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރައީސް ވިދާޅުވީ، ވޭތުވެދިޔަ 2025 ވަނަ އަހަރު 74 މިސްކިތާއި ހަތް އިސްލާމީ މަރުކަޒާއި ތިން ގުރުއާން މަރުކަޒާއި ހަ ވަގްފް ބިނާއާއެކު މުޅި ޖުމުލަ 90 މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށްގެންދިޔަ ކަމަށެވެ.
މީގެ ތެރެއިން ހއ. ދިއްދޫ އިސްލާމިލް ސެންޓަރާއި 10 ރަށެއްގެ މަސައްކަތް ނިންމައި ހުޅުވާފައިވާ ކަމަށްވެސް ވިދާާޅުވިއެވެ. އޭގެ އިތުރުން ރަަމަޟާން މަސް ފެށުމުގެ ކުރިން އިތުރު އަށް މިސްކިތެއް ހުޅުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިސްކިތްތައް އިމާރާތް ކުރުމުގެ އިތުުރުން ދައުލަތުގެ ބަޖެޓުން މިސްކިތްތައް އިމާރާތްކުރުމަށް ސަރުކާރުން ހާއްސަ ސަމާލުމަކެއް ދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން ނިމިދިޔަ އަހަރު މިސްކިތްތައް އިމާރާތްކުރުމަށް 19.4 މިލިޔަން ރުފިޔާ ހަރަދުކުރި ކަމަށާއި، މިއަހަރު އެކަމަށް 15 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އޭގެ އިތުރުން މިއަހަރު އިތުރު 10 ރަށެއްގައި އިސްލާމީ މަރުކަޒު ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، އޭގެ ތެެރެއިން ތިން އެއްބަސްވުމެގައި މިދިޔަ ޖެނުއަރީ މަހުގެ 21 ގައި ސޮއިކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އޭގެ އިތުރުން މިއަހަރު އިތުރު 17 ރަށެއްގައި މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް ރައީސް ވިދާާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ހުލުމާލެ ގްރޭންް މިސްކިތުގެ ތަސައްވުރު އެކުލަވާލައި އަމަލީ މަސައްކަތް މިއަހަރު ފަށާނެ ކަމަށެވެ.
މީގެ އިތުރުން 800 މީހުންނަށްވުރެ ގިނައިން ނަމާދު ކުރެވޭ މިސްކިތްތަކުގެ މައިހޯލާއި އަންހެނުންގެ ނަމާދުކުރާ ބައި ދައުލަތުގެ ބަޖެޓުން އޭސީކުރުމަށް ސަރުކާރުން ކުރިއަށްގެންދިޔަ މަޝްރޫއުގެ ދަށުން މާލޭގައި ހުރި ހަތަރު މިސްކިތެއް ރަމަޟާން މަހުގެ ކުރިން އޭސީ ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު