ގްރީސް ކައިރިން ދަތުރުކުރި ބޯޓެއް އެކްސިޑެންޓުވެ 15 މީހަކު މަރުވެއްޖެއެވެ.

ރިޕޯޓުތައް ބުނާގޮތުން އިއްޔެ އެ އެކްސިޑެންޓު ހިނގާފައިވަނީ ގްރީސްގެ އައިލެންޑް އޮފް ޝިއޯސްގެ އައްސޭރިފަށާ ކައިރިން ދަތުރުކުރަމުން ދިޔަ ހިޖުރަވެރިންގެ ބޯޓެއް ސްރީސްގެ ކޯސްޓްގާޑުގެ ބޯޓެއްގައި ޖެހި މުޑި އަރައިގެންނެވެ.

އޮފިޝަލުން ބުނީ ހިޖުރަކުރާ މީހުން ދުއްވަމުން ދިޔަ ބޯޓު ދިޔައީ ބާރު ސްޕީޑެއްގައި ދުއްވަމުން ކަމަށާއި އެކްސިޑެންޓު ހިނގުމާއެކު އެ ބޯޓު އަޑިއަށްދިޔަ ކަމަށެވެ.

ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން 24 މީހުން ސަލާމަތްކޮށްފައިވާ އިރު، އޭގެ ތެރެއިން ބައެއް މީހުންނަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

އެ ހާދިސާގައި 15 މީހަކު މަރުވެފައިވާ އިރު، ބައެއް މީހުން ގެއްލިފައިވާ ކަމަށާއި ގެއްލުނު މީހުންގެ އަދަދު އަދި ޔަގީން ނުވާ ކަމަށް އޮފިޝަލުން ބުންޏެވެ. އަނިޔާވި މީހުންނަށް އެ ސަރަހައްދުގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން އަންނަ އިރު، އޭގެތެރޭގައި މާބަނޑު ދެ މީހަކު ވެސް ހިމެނެއެވެ.

އޮފިޝަލުން ބުނީ ކޯސްޓްގާޑަށް ނިސްބަތްވާ ދެ މީހަކަށްވެސް އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.