އިސްރާއީލުން ގްރީސްގައި ވައިގެ ދިފާއީ ނިޒާމެއް ގާއިމުކުރުމަށްޓަކައި، އެ ދެ ގައުމުގެ ދެމެދުގައި 3 ބިލިއަން ޔޫރޯގެ ހަތިޔާރު އެކްސްޕޯޓުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

“އަކިލީސް ޝީލްޑް” ގެ ނަމުން ނަންދީފައިވާ މި އެއްބަސްވުމުގައި ސޮއިކުރީ އިސްރާއީލުގެ ޑިފެންސް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އާމިރް ބަރާމް އާއި ގްރީސްގެ ޑިރެކްޓަރ ޖެނެރަލް ފޯ ޑިފެންސް އިންވެސްޓްމަންޓްސް އެންޑް އާމަމެންޓްސް އިއޮއާނިސް ބޫރާސް އެވެ.

އިސްރާއީލުގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން އިސްރާއީލުގެ ރަފައެލް ކުންފުނިން އުފައްދާފައިވާ ‘ޑޭވިޑްސް ސްލިންގް’ އާއި ‘ސްޕައިޑަރ’ އަދި އިސްރާއީލް އޭރޯސްޕޭސް އިންޑަސްޓްރީޒްއިން އުފައްދާފައިވާ ‘ބަރަކް އެމްއެކްސް’ ފަދަ ވައިގެ ދިފާއީ ނިޒާމުތައް ގްރީސްއަށް ފޯރުކޮށްދޭނެއެވެ.

މީގެ އިތުރުން، ޑްރޯން ހަމަލާތަކުން ދިފާއުވުމަށް ބޭނުންކުރާ ‘ޑްރޯން ޑޯމް’ ނިޒާމު ގަތުމަށް 26 މިލިއަން ޔޫރޯގެ އިތުރު އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ. މިއީ އިސްރާއީލާއި ގްރީސްއާ ދެމެދު މިހާތަނަށް ވެވުނު އެންމެ ބޮޑު ދިފާއީ އެކްސްޕޯޓުގެ އެއްބަސްވުން ކަމަށް ވެސް އިސްރާއީލުން ބުނެއެވެ.

އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކާޓްޒް ވިދާޅުވި ގޮތުގައި، ދެ ގައުމުގެ ދެމެދުގައި މިފަދަ އެއްބަސްވުމެއް ގާއިމުކުރީ ދެ ގައުމުގެ ސްޓްރެޓީޖިކް މަސްލަހަތުތައް އެއްގޮތްވުމާއެކު، ސަރަހައްދީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކާ ގުޅިގެންނެވެ. އަދި ގްރީސްގެ ޑިފެންސް މިނިސްޓަރު ނިކޯސް ޑެންޑިއާސް ވިދާޅުވީ، މިއީ އެ ގައުމުގެ އަސްކަރިއްޔާ ޒަމާނީކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، އިސްރާއީލުގެ ހަތިޔާރު އެކްސްޕޯޓުކުރާ މިންވަރު ރެކޯޑު އަދަދަކަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ރަސްމީ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރު އިސްރާއީލުން 19 ބިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ ހަތިޔާރު އެކްސްޕޯޓުކޮށްފައިވެއެވެ.