ރާއްޖޭގެ ގައުމީ ފިރިހެން ނެޓްބޯޅަ ޓީމުން ފުރަތަމަ ފަހަރަށް މުބާރާތެއްގައި ވާދަކުރުމަށް ޗައިނާއަށް ފުރައިފިއެވެ.
ގައުމީ ފިރިހެން ޓީމުން އިއްޔެ ޗައިނާއަށް ދާން ފުރާފައި ވަނީ އޭޝިއާ ކަޕް 2026 ގައި ވާދަކުރުމަށެވެ. އެ މުބާރާތް ކުރިއަށްދާނީ ހޮން ކޮންގައެވެ. އެއީ މާދަމާއިން ފެށިގެން އަށް ވަނަ ދުވަހުގެ ނިޔަލަށެވެ. މުބާރާތުގައި ވާދަކުރާނީ މުބާރާތް އިންތިޒާމުކުރާ ހޮން ކޮންގާއި ޖަޕާނާއި ރާއްޖޭގެ އިތުރުން މެލޭޝިއާއެވެ. މިއީ މި ބައްރުގައި ފިރިހެން ޑިވިޝަނަށް އަމާޒުކޮށް ނެޓްބޯޅަ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ.
ފިރިހެނުންގެ ގައުމީ ނެޓްބޯޅަ ޓީމެއް އެކުލަވާލާ ފަރިތަކުރަމުން އަންނަތާ މިހާރު ގާތްގަނޑަކަށް ތިން މަހެއްހާ ދުވަސްވެފައިވާ އިރު، މިއީ ނެޓްބޯޅަ ޓީމުން މުބާރާތަކަށް ދާ ފުރަތަމަ ފަހަރެވެ. ކުރިން ރާއްޖޭން މަސައްކަތް ކުރީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބޭއްވުމަށް ހަމަޖެއްސި އޭޝިއަން މެންސް ނެޓްބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ނަމަވެސް، އެ މުބާރާތް މިހާރު ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ.
ފުރުމުގެ ކުރިން ޓީމުގެ ކޯޗު އީމާ އަބްދުއް ސައްތާރު "ޕީއެސްއެމް"އަށް ބުނީ ވާދަވެރި ޓީމުތަކުގެ ފެންވަރާއިމެދު އެއްޗެއް ބުނަން އަދި ދަތިކަމަށެވެ. އީމާ ފާހަގަކުރީ ރާއްޖޭގެ ޓީމުން އަބަދުވެސް ކުޅުންތެރިންގެ އެންމެ ރަނގަޅު ކުޅުން ދައްކަން މަސައްކަތް ކުރާނެ ކަމަށާއި، ޓީމުތަކުގެ ފެންވަރު އެނގޭނީ މުބާރާތް ކުރިއަށްދާ ވަރަކުން ކަމަށެވެ.
މުބާރާތަށް ދާން ރާއްޖޭން ފަރިތަކުރީ އައުޓްޑޯގައިކަމަށް ވިޔަސް މުބާރާތުގެ އެއް މެޗު ފިޔަވާ ދެން ބާކީ މެޗުތައް އިންޑޯގައި ކުޅެންޖެހުމަކީވެސް ޓީމަށް ދިމާވާނެ ޗެލެންޖެއް ކަމަށް ކޯޗު އީމާ ފާހަގަކުރިއެވެ.
ނެޓްބޯޅަ
ނެޓްބޯޅަ
ނެޓްބޯޅަ
ނެޓްބޯޅަ