ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ 4,000 ފްލެޓަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށްފިއެވެ.

ސްޓެލްކޯއިން ވަނީ އެ މަސައްކަތުގެ ދަށުން މެއިން ޕެނަލްތަކަށް ކޭބަލް އެޅުމާއި، ކަނެކްޝަންތައް ހަދައި ޓެސްޓުކުރުމުގެ އިތުރުން، ޕެނަލްތަކުން ފެށިގެން އެޕާޓްމަންޓްތަކާ ހަމައަށް ކަރަންޓު ގުޅައިދިނުމަށް ކުރަންޖެހޭ ހުރިހާ ފަންނީ މަސައްކަތްތަކެއް ފުރިހަމަކޮށް ނިންމައިފައެވެ.

ސްޓެލްކޯ އިން މިއަދު ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ 4,000 ފްލެޓަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރިއަށްގެންދިޔަ ހާއްސަ މަސައްކަތުގައި ބައިވެރިވި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން އެ ކުންފުންޏާ ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރާއި ކުންފުނީގެ އިސްވެރިން މިއަދު ވަނީ އެ މުވައްޒަފުންނާ ބައްދަލުކުރައްވާފައި ކަމަށެވެ.

27 ޖެނުއަރީ 2026، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ 4,000 ފްލެޓަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކުރުން -- ފޮޓޯ/ ސްޓެލްކޯ

އެ މަސައްކަތުގައި ބައިވެރި މުވައްޒަފުންނާ ބައްދަލުކުރައްވައި، މުވައްޒަފުންގެ މަސައްކަތަށް ޝުކުރު އަދާކުރައްވައި ހިތްވަރުދެއްވާފައިވާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

މިހާރު ގިނަ ފްލެޓުތަކެއްގައި މީހުން ދިރިއުޅެމުންދާ އިރު، ފްލެޓުތައް ހަވާލުކޮށްފައިވަނީ ފިނިޝިންގެ މަސައްކަތްތަކަށްފަހުއެވެ.

ގެދޮރުވެރިޔާ ފްލެޓުގެ ތިން ކޮޓަރީގެ ފުލެޓުތަކަށް މަހު ކުލީގެ ގޮތުގައި 8،500 ރުފިޔާ ނަގާ އިރު، މެއިންޓެނަންސް ފީ އަކީ 1،500 ރުފިޔާއެވެ. އެއާއެކު މަހަކު ދައްކަންޖެހޭ ޖުމުލަ ކުއްޔަކީ 10،000 ރުފިޔާއެވެ. އަދި ސެކިއުރިޓީ ޑިޕޮސިޓް ނުވަތަ ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހޭނީ 8،500 ރުފިޔާއެވެ.

އޭގެ އިތުރުން ދެ ކޮޓަރީގެ ފުލެޓުތަކަށް މަހު ކުލީގެ ގޮތުގައި 6،000 ރުފިޔާ ނަގާ އިރު، މެއިންޓެނަންސް ފީ އަކީ 1،000 ރުފިޔާއެވެ. އެއާއެކު މަހަކު ދައްކަންޖެހޭ ޖުމުލަ ކުއްޔަކީ 7،000 ރުފިޔާއެވެ. އަދި ސެކިއުރިޓީ ޑިޕޮސިޓް ނުވަތަ ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހޭނީ 6،000 ރުފިޔާއެވެ.