މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ (މައިންޑްކޯ) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން އޭއައި އަދި ޑޭޓާ ކޮމްޕިޓެންސީ ސެންޓަރެއް ގާއިމުކުރުމަށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާއެކު، ސަރުކާރުން ފައްޓާފައިވާ 'މޯލްޑިވްސް 2.0' ޑިޖިޓަލް ޓްރާންސްފޮމޭޝަން އެޖެންޑާގެ ދަށުން ކުރިއަށްގެންދާ ގައުމީ ފެންވަރުގެ މަޝްރޫއެކެވެ.
ބީއެމްއެލުން ބުނީ މި ސެންޓަރު ގާއިމުކުރުމަކީ ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށާއި، އާންމު ހިދުމަތްތައް ދިނުމުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ޑޭޓާގެ ބޭނުން ހިފުމަށް ރައީސް ގެންގުޅުއްވާ އިސްތިރާތީޖީ ތަސައްވުރު ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.
މި ސެންޓަރަކީ ދައުލަތުގެ އިދާރާތަކަށާއި އިގުތިސާދީ މުހިންމު ދާއިރާތަކަށް ރައްކާތެރި އަދި ޒިންމާދާރު ގޮތެއްގައި ޑޭޓާ އާއި އޭއައި ބޭނުންކުރުމަށް އެހީތެރިވެދޭނެ ގައުމީ ވަސީލަތަކަށް ވެގެންދާނެ ކަމަށެވެ.
މި ސެންޓަރުގެ މައިގަނޑު އަމާޒަކީ ގައުމުގެ ތަރައްގީގައި އިސްކަންދޭ ކަންތައްތައް ހާސިލުކުރުމަށްޓަކައި އާންމު ހިދުމަތްތައް ރަނގަޅުކުރުމާއި މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރުމާއި ވިލުންތެރި އިގުތިސާދެއް ބިނާ ކުރުމަށް ބޭނުންވާ ހައްލުތައް ހޯދައިދިނުން ކަމަށެވެ.
ބީއެމްއެލުން ބުނީ ސަރުކާރުގެ އެކި ދާއިރާތަކަށް ދިމާވާ ގޮންޖެހުންތަކަށް އަމަލީ ހައްލު ހޯދުމަށްޓަކައި، އޭއައި އަދި ޑޭޓާ ޓޫލްސްތައް އުފެއްދުމުގައި ރާއްޖޭގެ ޕްރައިވެޓް ސެކްޓާއަށް ދައުވަތު ހުޅުވާލައި، އެ ފަރާތްތަކާ ގުޅިގެން މި ސެންޓަރުން މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި ރާއްޖޭގެ ޓެކްނޮލޮޖީ ކުންފުނިތަކާއި، އަލަށް ފަށާ ވިޔަފާރިތަކާއި، މި ދާއިރާގެ މާހިރުންނާއެކު ރޭވުންތެރިކަމާއެކު ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، އާ އީޖާދުތަކާއި ޓެކްނޮލޮޖީތައް ބޭނުންކުރުމަށް މަގުފަހިކޮށްދިނުމަށް މި ސެންޓަރުން މަސައްކަތްކުރާނެ ކަމަށެވެ. އެއާއެކު، ގައުމީ އިސްކަންދޭ ކަންކަމާ އެއްގޮތްވާ ގޮތުގެ މަތިން، އާންމު ހިދުމަތްތައް ފޯރުކޮށްދިނުމަށް އެކަށީގެންވާ، ރައްކާތެރި، އަދި ފުޅާކުރެވޭނެ ފަދަ ހައްލުތަކެއް މި މަރުކަޒުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށެވެ.
މި ސެންޓަރު ގާއިމުކުރުމުގެ މަސައްކަތް މައިންޑްކޯ އިން އިސްވެ ކުރިއަށްގެންދާއިރު ބީއެމްއެލުން މި މަޝްރޫއުގައި ބައިވެރިވަނީ، ސެންޓަރު ފެށުމުގެ މަރުހަލާގައި އެހީތެރިވެދޭނެ ސްޓްރެޓީޖިކް ޕާޓްނަރެއްގެ ގޮތުގައެވެ.
ބީއެމްއެލުން ބުނީ އެ ކުންފުނީގެ ތަޖުރިބާ ހުރި ދާއިރާތައް ކަމަށްވާ ޑިޖިޓަލް ޕޭމެންޓް، ފައިނޭންޝަލް ޓެކްނޮލޮޖީ، ޑޭޓާ އާއި އޭއައި ބޭނުންކުރުމުގައި ހޯދަމުންދާ ތަޖުރިބާ، މި މަޝްރޫއު ކާމިޔާބު މަޝްރޫއަކަށް ހެދުމުގައި އެހީތެރިވެދޭނެ ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން ބީއެމްއެލްގެ މާލީ ދާއިރާގެ ތަޖުރިބާ އާއި ޕްރެކްޓިކަލް އިންސައިޓްސް އަދި ޑިޖިޓަލް ގޮތުން ހޯދާފައިވާ ގާބިލުކަން ބޭނުންކޮށްގެން އާންމު ހިދުމަތްތައް ދިނުމަށް ބޭނުންކުރާ ސިސްޓަމްތައް ހަރުދަނާކުރުމަށާއި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި ޑޭޓާގެ މައްޗަށް ބިނާކޮށް ފުރިހަމަ ނިންމުންތައް ނިންމަން ސަރުކާރުގެ އިދާރާތަކަށް ފަސޭހަވެގެންދާނެ ކަމަށެވެ.
މި ޕާޓްނާޝިޕްގެ ސަބަބުން ރާއްޖޭގެ މާލީ އަދި ޕޭމެންޓްގެ ނިޒާމަށް މިހާރުވެސް އަންނަމުންދާ ހެޔޮ ބަދަލުތަކާއި ކުރިއެރުންތަކަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން ދައުލަތުގެ އިދާރާތައް ޑިޖިޓަލްކުރުމަށް ހިންގަމުންދާ މަޝްރޫއުތަކާއި، ރާއްޖޭގައި ހަލުވިކަމާއެކު ތަރައްގީވަމުން އަންނަ ޑިޖިޓަލް މާލީ އޮނިގަނޑު އެއް މިސްރާބަކަށް ގެނެސް، އެކަންކަން އިތުރަށް ހަރުދަނާކުރުމަށް މި މަޝްރޫއުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށެވެ. ރައްކާތެރި ޑިޖިޓަލް ވަސީލަތްތަކާއި ޕޭމަންޓް ސިސްޓަމްތައް ބޭނުންކޮށްގެން ހިދުމަތްތައް ދިނުން ފަދަ މަސައްކަތްތަކުން ބީއެމްއެލުން ހޯދާފައިވާ ތަޖުރިބާ ބޭނުންކޮށްގެން މި ސެންޓަރުގެ ހިދުމަތްތައް ވީހާވެސް އަވަހަށް އަދި ޒިންމާދާރުކަމާއެކު އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަކީ މި ސެންޓަރުގެ އެންމެ ބޮޑު އަމާޒު ކަމަށްވެސް ބީއެމްއެލުން ބުންޏެވެ.
ފިޔަވަހިތަކަކަށް ބަހާލައިގެން ހިންގުމަށް ހަމަޖެހިފައިވާ މި ސެންޓަރުގެ މަސައްކަތް އަންނަ އޭޕްރީލް މަހުގައި ފަށަން ވަނީ ނިންމައިފައެވެ.
އާއިޝަތު މާހާ
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް