މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) އަށް ދިމާވެފައިވާ ލޭ ލިބުމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް އެހީތެރިވުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިންތިޒާމުކޮށްގެން "ޕޯޓް ކޮމިއުނިޓީ ބްލަޑް ޑޮނޭޝަން ކޭމްޕް" ގެ ނަމުގައި މިއަދު ބްލަޑް ޑޮނޭޝަން ކޭމްޕެއް ފަށައިފިއެވެ.

އެމްޕީއެލުން ބުނީ އެ ކޭމްޕް ކުރިއަށްދާނީ އެ ކުންފުނީގެ ހެޑް އޮފީހުގައި މިއަދު ހެނދުނު 11:00 އިން އިރުއޮއްސި 18:30 އަށެވެ. އެ ކޭމްޕުގައި އެ ކުންފުނީގެ މުވައްޒަފުންނާއި، މާލޭ ވިޔަފާރި ބަނދަރުގައި މަސައްކަތްކުރާ ފަރާތްތަކާއި އާންމުންނަށް ބައިވެރިވެވޭނެ ކަމަށެވެ.

އެ ކޭމްޕް ކުރިއަށްގެންދަނީ އެމްޕީއެލް އާއި އެމްބީއެސް އާއި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އަދި ލޭ އެޕްއާ ގުޅިގެން ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ހަރަކާތަކީ ރާއްޖޭގެ ބްލަޑް ބޭންކްގައި ހުރި ލޭ މަދުވެ، އާންމުންގެ އެހީތެރިކަަމަށްވެސް އެމްބީއެސްއިން އެދިފައިވާތީ އެމްޕީއެލުން އިސްނަގައިގެން އިންތިޒާމްކުރި ކޭމްޕެއް ކަމަށެވެ.

މި ބްލަޑް ކޭމްޕްގައި އެ ކުންފުނީގެ ގިނަ މުވައްޒަފުންތަކެއް ވަނީ ބައިވެރިވެފައިވާ ކަމަށް އެމްޕީއެލުން ބުންޏެވެ.

ލޭ ލިބުން ދަތިވެ އެމްބީއެސް އިން އާންމުންގެ އެހީތެރިކަމަށް އެދިފައިވަނީ މިދިޔަ މަހުގެ 22 ގައެވެ. އެމްބީއެސް އިން މިއަދު ކުރި ޕޯސްޓެއްގައި ވަނީ ހަ ގްރޫޕެއްގެ ލޭ ލިބުން ދަތިވެ އެހީއަށް އެދިފައެެވެ.

އެ ގްރޫޕްތަކަކީ:

  • އޭ ޕޮޒިޓިވް
  • އޯ ޕޮޒިޓިވް
  • ބީ ޕޮޒިޓިވް
  • އޭބީ ޕޮޒިޓިވް
  • ބީ ނެގެޓިވް
  • އޯ ނެގެޓިވް

އުމުރުން 18 އަހަރުފުރި އަދި ބަރުދަނުގައި 45 ކިލޯއަށްވުރެ މަތިން ހުރި، ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް ލޭ ހަދިޔާކުރެވޭނެއެވެ. އަދި ލޭ ހަދިޔާ ކުރަން ދިއުމުގެ ކުރިން ހަ ގަޑިއިރުގެ ނިދި ހަމަކޮށް އަދި ގަޑިއެއްހާއިރު ކުރިން ކައިގެން ދިއުމަކީ މުހިންމު ކަމެކެވެ.

އަދި ލޭ ހަދިޔާ ކުރަން ބޭނުން ފަރާތްތަކުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8 އިން ރޭގަނޑު 8 އަށް ހުޅުމާލެ ފޭސް 1ގައި ހުންނަ އޮރެންޖު ހިޔާއަށް ގޮސް ލޭ ހަދިޔާކުރުމަށް ވަނީ އެދިފައެވެ.