ނާގް އަޝްވިން ޑައިރެކްޓްކުރި ސައިންސް ފިކްޝަން ފިލްމު "ކަލްކީ 2898 އޭޑީ" ގެ ދެވަނަ ބައިގެ މަސައްކަތްތަކާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ގިނަ ވާހަކަތަކެއް ދެކެވެމުންދާއިރު، ފިލްމުގެ ބަތަލާ ދީޕިކާ ޕަދުކޯންގެ ބަދަލުގައި ސާއީ ޕައްލަވީ ފެނިދާނެ ކަމުގެ އަޑުތަކެއް ވަނީ ގަދަވެފައެވެ.

މި ފިލްމުގެ ޕްރޮޑަކްޝަން ހައުސް، ވައިޖަޔަންތީ މޫވީސް އާއި ފިލްމުގެ ޑައިރެކްޓަރު މިކަމާ ގުޅޭގޮތުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައި ނުވި ނަމަވެސް، ހިންދުސްތާން ޓައިމްސްއަށް މައުލޫމާތު ދިން ފިލްމު ޓީމުގެ މެންބަރަކު ވަނީ ދީޕިކާގެ ބަދަލުގައި ސާއީ ޕައްލަވީ ގެނައުމަށް މަޝްވަރާ ކުރެވެމުންދާކަން ކަށަވަރުކޮށްދީފައެވެ.

ރިޕޯޓްތައް ބުނާގޮތުން، ސެޕްޓެމްބަރު 2025 ގައި ދީޕިކާ ވަނީ މި ފިލްމުގެ ސީކުއަލްއިން ވަކިވެފައެވެ. އޭނާ ފިލްމުން ވަކިވީ 20 ދުވަހު ޝޫޓްކުރުމަށްފަހު، އަގު ބޮޑުކުރަން އެދުމުން އެކަމާ މެދު އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން ކަމަށް ހަބަރުތައް ބުނެއެވެ. ފިލްމު ޓީމުގެ މެންބަރު ބުނެފައިވާގޮތުގައި، "ސުމް-80" ގެ ރޯލަށް ސާއީ ޕައްލަވީ އަކީ ވަރަށް އެކަށީގެންވާ ފިޓެއް ކަމަށް އުފެއްދުންތެރިން ގަބޫލުކުރެއެވެ.

"ސުމް-80" ނުވަތަ ސުމަތީއަކީ "ޕްރޮޖެކްޓް ކޭ" ގެ ތަޖުރިބާއެއްގެ ގޮތުގައި ގެންގުޅޭ މާބަނޑު އަންހެނެކެވެ. އޭނާއަކީ "ކަލްކީ" ގެ މަންމައެވެ. ފުރަތަމަ ފިލްމު ނިމިގެންދަނީ، ކަމަލް ހާސަންގެ ސުޕްރީމް ޔަސްކިންގެ ލެބުން ސުމަތީ ސަލާމަތްވެ، އަމީތާބް ބައްޗަންގެ އަޝްވަތަމާގެ އެހީތެރިކަމާއެކު އުޅެނިކޮށް، ޕްރަބާސްގެ ބައިރަވާ އޭނާ ގޮވައިގެން ފިލާ މަންޒަރާއެކުގައެވެ.

ޖޫން 2024 ގައި ރިލީޒްކުރި "ކަލްކީ 2898 އޭޑީ" އަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ. ޕްރަބާސް، އަމީތާބް ބައްޗަން އަދި ކަމަލް ހާސަން މުހިންމު ރޯލުތަކުން ފެނިގެންދިޔަ މި ފިލްމަށް މުޅި ދުނިޔެއިން 1042 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ވަނީ ލިބިފައެވެ. ސީކުއަލްގެ މަސައްކަތްތައް އަލުން ފެށުމަށް ތައްޔާރުވަމުންދާއިރު، ބަތަލާއަށް އަންނަ މި ބަދަލަކީ ފިލްމުގެ ސަޕޯޓަރުންގެ މެދުގައި ބޮޑު ބަހުސަކަށް ވަނީ ވެފައެވެ.