ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އެންމެ އިސްވެރިޔާ، ޑިރެކްޓާ ޖެނެރަލް (ޑީޖީ)ގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިިފިއެވެ.

އެ މަގާމަށް އިއުލާންކުރީ، އެ މަގާމުގައި ފާއިތުވި ނުވަ އަހަރު އުޅުއްވި މައިމޫނާ އަބޫބަކުރު ރިޓަޔާކުރެއްވުމުންނެވެ.

ސިވިލް ސާވިސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހު 11 ވާ ބުދަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން ކުރިމަތިލެވޭނެ ކަމަށެވެ.

އެ އިއުލާނުގައިވާ ގޮތުން ޑީޖީގެ މުސާރައަށް މަހަކު 21,884 ރުފިޔާ، އެލަވަންސަށް 12,534 ރުފިޔާ އަދި ހާޒިރީ އެލަވަންސަށް 339 ރުފިޔާއާއެކު މަހަކު 41،876 ރުފިޔާ ލިބޭނެއެވެ.

ޑީޖީގެ ޝަރުތުތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި ހަތަރު އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމެވެ. އެ މުއްދަތުގެ ތެރެއިން މަދުވެގެން ދެ އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވާން ޖެހެއެވެ.

ނުވަތަ މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި އަށް އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމެވެ. އެ މުއްދަތުގެ ތެރެއިން މަދުވެގެން ދެ އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވާން ޖެހެއެވެ.