އުރީދޫން ރޯދަ މަހަށް ހާއްސަކޮށް، ޓެމޫއިން 100 ޑޮލަރުގެ ޑިސްކައުންޓު ބަންޑަލެއް ލިބޭ އޮފާއެއް ތައާރަފްކޮށްފިއެވެ.

އުރީދޫން ވަނީ ދުނިޔޭގެ އެންމެ ބޮޑު އެއް އޮންލައިން ވިޔަފާރިކުރާ ޕޯޓަލް ކަމަށްވާ ޓެމޫއާ އެކު ޕާޓްނަޝިޕެއް ހަދައިފައެވެ. އުރީދޫން މިއަދު ބުނީ މިޕާޓްނަޝިޕާއެކު ރޯދަމަހަށް ތައްޔާރުވުމަށްޓަކައި ދިވެހިންގެ ތެރޭގައި ކުރާ ވިޔަފާރިއަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެ ކަމަށެވެ.

އުރީދޫން ބުނީ އެ އެއްބަސްވުމުގެ ދަށުން އުރީދޫ އެޕް މެދުވެރިކޮށް 100 ރުފިޔާ ހޭދަކޮށްގެން 50،000 ކަސްޓަމަރުންނަށް 100 ޑޮލަރުގެ ޑިސްކައުންޓް ވައުޗާ ބަންޑްލްއެއް ލިބިގެންދާނެ ކަމަށެވެ. އަދި އުރީދޫ އެޕް މެދުވެރިކޮށް އުރީދޫގެ ކަސްޓަމަރުންނަށް ޑިސްކައުންޓް ކޫޕަންތަކުގެ ހާއްސަ ބަންޑަލްއެއް ސީދާ އެޕް މެދުވެރިކޮށް ރިޑީމް ކުރެވޭނެއެވެ.

"ގިނަ ދިވެހިން އޮންލައިން ޝޮޕިންއަށް މިސްރާބު ޖަހާފައިވާ އިރު، އުރީދޫ މޯލްޑިވްސްގެ ވެލިއު އެޑެޑް ހިދުމަތްތައް މެދުވެރިކޮށް އިތުރު ފައިދާތަކެއް ހޯދައިދީ، އެ މީހުންގެ ތަޖުރިބާ އިތުރަށް ރަނގަޅުކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ޓެމޫއާ އެކު މި ޕާޓްނާޝިޕް ވެގެންދާނީ ކަސްޓަމަރުންނަށް ފައިދާ ހުރި އިނާޔަތްތަކެއް ހޯދައިދީ، އާންމު ދިރިއުޅުމުގައި އިތުރު ލުއި ފަސޭހަތަކެއް ހޯދައިދިނުމަށް އެޅުނު އިތުރު ފިޔަވަޅެއް،" އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވިއެވެ.

އުރީދޫ އާއި ޓެމޫ ގުޅިގެން ހަދާފައިވާ މި ޕާޓްނާޝިޕަކީ އުރީދޫގެ ޑިޖިޓަލް މޯލްޑިވްސް ސިޔާސަތުގެ ދަށުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި ކަސްޓަމަރަކަށް ވެސް ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް މުއާމަލާތް ކުރުމަށް ބާރުދޭ އެއްބަސްވުމަކަށް ވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.