ރަފާ ބޯޑަރު ހުޅުވާލުމުން އަނިޔާވެފައިވާ ފަލަސްތީނުގެ އާންމުން މިސްރަށް ދަތުރުކުރަން ފަށައިފިއެވެ.

2024 ވަނަ އަަހަރުގެ މެއި މަހުން ފެށިގެން ބަންދުކޮށްފައި އޮތް މިސްރާއީ ފަލަސްތީނު ގުޅޭ ބޯޑަރު ސަރަހައްދު ހުޅުވާލާފައިމިވަނީ ފަލަސްތީނާއި އިސްރާއީލުން އެއްބަސްވެފައިވާ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ގުޅިގެންނެވެ.

ބޯޑަރު ހުޅުވާލުމަށްފަހު އިސްރާއީލުން ވަނީ ކޮންމެ ދުވަހަކު ބޯޑަރު ހުރަސްކޮށް މިސްރަށް ދެވޭނީ ބަލި 50 މީހަކަށް ކަމަށާއި ކޮންމެ ބަލި މީހަކާއެކު އާއިލާގެ ދެ މީހަކަށް ބޯޑަރު ހުރަސްކުރުމަށް ފުރުސަތު ދިނުމަށް ނިންމައިފައެވެ.

ޑަބްލިއުއެޗްއޯ އިން އާންމުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި އިސްރާއީލުން ގާޒާގައި ހިންގަމުންގެންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން އަނިޔާ ވެ ފަރުވާއަށް ބޭނުން ޖެހިފައިވާ 20،000 މީހުން އެބަތިއްބެވެ.

އިސްރާއީލާއި ފަލަސްތީނުން މިދިޔަ އަހަރު ވި އެއްބަސްވުމަށް އިސްރާއީލުން އެތައް ދުވަހެއް ފަހުން އިއްޔެ އަމަލުކުރާން ފަށާފައިވާއިރު ރަފާ ބޯޑަރު ވެފައިވަނީ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ އާންމުންނަށް ލިބުނު ބޮޑު ލުޔަކަށެވެ.

ރިޕޯޓުތަކުން ބުނާގޮތުން އިސްރާއީލުން ބޯޑަރު ހުޅުވާލި ނަމަވެސް ބޯޑަރު ހުރަސްކޮށް ފަލަސްތީނަށް އެއްވެސް އެހީއެއް ގެންދިއުން ވަނީ މަނާކޮށްފައެވެ. ނަމަވެސް ކޮންޓްރޯލްކޮށްގެން އާންމުންނަށް ބޯޑަރު ހުރަސްކޮށް މިސްރަށް ދެވޭގޮތް ވަނީ މެދުވެރިވެފައެވެ.