"ސުނާމީ ރެޑީ" ޕްރޮގްރާމް ތަންފީޒުކުރުމަށް ލޯކަލް ގަވަމަންޓް މިނިސްޓްރީ އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ލޯކަލް ގަވަމަންޓް މިނިސްޓްރީން މިއަދު ބުނީ އެ އެއްބަސްވުމަކީ، އެ މިނިސްޓްރީ އާއި އެންޑީއެމްއޭ ގުޅިގެން މިދިޔަ ޑިސެމްބަރު 10 ގައި ބޭއްވި ބައްދަލުވުމުގައި މަޝްވަރާކުރި ފަދައިން، އެންޑީއެމްއޭ އިން ކުރިއަށްގެންދާ ޔުނެސްކޯ-އައިއޯސީގެ "ސުނާމީ ރެޑީ" ޕްރޮގްރާމް ތަންފީޒުކުރުމުގައި ދެ މުއައްސަސާ ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ސޮއިކުރި އެއްބަސްވުމެއް ކަމަށެވެ.
އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ މުއުމިނާ ވަހީދެވެ. އަދި އެންޑީއެމްއޭގެ ފަރާތުން ސޮއިކުރެއްވީ އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަނެވެ.
މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގައިވާ ގޮތުން ސިޓީތަކާއި އަތޮޅުތަކުގައި ރަށު ފެންވަރުގައި ހިންގާ ވޯކްޝޮޕްތަކާއި، ޑިޒާސްޓާ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމާއި، ކޮމިއުނިޓީ ބޭސްޑް އެމަޖެންސީ ރެސްޕޮންސް ޓީމުތަކުގެ ތަމްރީނާއި، ޓީމުތައް އެކުލަވައިލުމުގެ މަސައްކަތްތަކުގައި މިނިސްޓްރީގެ އެއްބާރުލުމާއި، އެހީތެރިކަން ދޭގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
އޭގެ އިތުރުން އެ އެއްބަސްވުމުގައި ހިމެނޭ ކަންކަން ވިލަރެސްކުރުމަށްޓަކައި ދެ މުއައްސަސާއިން ވެސް ފޯކަލް ޕޮއިންޓެއް ކަނޑައަޅާގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
"ސުނާމީ ރެޑީ" ޕްރޮގްރާމަކީ އައްސޭރިފަށުގެ ސަރަހައްދުތަކުގައި ސުނާމީގެ ނުރައްކާ ކުޑަކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާ ކޮމިއުނިޓީ ބޭސްޑް އިނީޝިއޭޓިވެކެވެ.
އެ ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ އާންމުން ހޭލުންތެރިކުރުވުމާއި، ތައްޔާރީ ފިޔަވަޅުތައް ވަރުގަދަކޮށް، އިންސާނީ ފުރާނަ އާއި މުދާ ރައްކާތެރިކުރުމުގެ ވިލުންވެރިކަން އިތުރުކުރުމެވެ.
ފާތިމަތު ލިއުޝާ
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވޯކްސް