ބަނދަރާއި މަގުތައް މަރާމަތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތަކަށް ރަށްރަށުގައި ގާއިމުކުރާ ޕަބްލިކް ވޯކްސް ޔުނިޓުތަކަށް، 9.1 މިލިއަން ރުފިޔާގެ ތަކެތި ގަންނަން ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ޝަރީފް ވިދާޅުވީ، 19 ރަށެއްގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ޕަބްލިކް ވޯކްސް ޔުނިޓް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ރަށްރަށުގައި ވަރަށް އަވަހަށް ފަށާނެ ކަަމަށެވެ.

އެކަމަށް ބޭނުންވާ އިމާރާތްތަކާއި ތަކެތި ހޯދުމަށް ހިނގާނެ ހަރަދުގެ ތަފްސީލުތައް ފިނޭންސަށް ހުށަހަޅާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ޔުނިޓުތައް ގާއިމުކުރާ ރަށްތައް:

  • ހއ. ދިއްދޫ
  • ށ. ފުނަދޫ
  • ށ. މިލަންދޫ
  • ނ. މަނަދޫ
  • ރ. މާކުރަތު
  • ބ. އޭދަފުށި
  • ޅ. ނައިފަރު
  • ކ. ތުލުސްދޫ
  • އއ. ރަސްދޫ
  • އދ. މަހިބަދޫ
  • އދ. މާމިގިލި
  • ވ. ފެލިދޫ
  • މ. މުލި
  • ފ. ނިލަންދޫ
  • ދ. ކުޑަހުވަދޫ
  • ތ. ވޭމަންޑޫ
  • ތ. ވިލުފުށި
  • ލ. ގަން
  • ގއ. ވިލިނގިލި

މިނިސްޓަރު ވިދާޅުވީ އެ ޔުނިޓުތައް ހަދާ ރަށްތަކުގައި އެކަމަށް ބޭނުންވާ ހެވީ ވެހިކަލްތަކާއި މެޝިނަރީ ބެހެއްޓުމަށް ބޭނުންވާ ބިންތައް މިހާރު ހުރިހާ ރަށެއްގައިވެސް ހަމަޖެހިފައިވާ ކަމަށެވެ.

ޔުނިޓުތަކަށް ބޭނުންވާ މެޝިނަރީ:

  • އެކްސްކަވޭޓަރު
  • ލޯޑަރު
  • ގްރޭންޑަރު
  • ކޮމްޕެކްޓަރު
  • ޑަމްޕްލޮރީ (15 ޓަން)
  • ޑަމްޕްލޮރީ (10 ޓަން)
  • ކޮމްޕްރެސަ
  • ވެލްޑިން ޕްލާންޓް
  • ޓްރޯލީޖެކް

މިނިސްޓަރު ވިދާޅުވީ ދެމަހެއްހާ ދުވަހުގެ ތެރޭގައި އެ ތަކެތި ރާއްޖެ ގެނައުމުގެ މަސައްކަތް ކުރެވޭނެ ކަމަށެވެ.