ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ބަހާ މަސްދަޅު ކޭސްތައް މާލޭ ސަރަހައްދުގައި ބަހައި ނިންމައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މި ރަމަޟާން މަހު ވެސް، ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް މާލޭގައި ބަހަން ފެށީ މިދިޔަ މަހުގެ 24 ގައެވެ. އަދި މިދިޔަ މަހުގެ 26 ގައި އަތޮޅުތެރޭގެ ރަށްތަކަށް މަސްދަޅު ކޭސްތައް ފޮނުވަން ވަނީ ފަށައިފައެވެ.

ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސްގެ ވައުދުފުޅާ އެއްގޮތަށް މިއަހަރުގެ ރަމަޟާންމަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ދޭ ރޯދަ ހަދިޔާ ގްރޭޓާ މާލެ ސަރަހައްދުގައި ދޫކުރުމުގެ މަސައްކަތް ރޭގެ ނިޔަލަށް ނިންމާލާފައިވާ ކަމަށެވެ.

އެއްވެސް ސަބަބަކާ ހުރެ މިހާތަނަށް ރޯދަ ހަދިޔާ ހޯދާފައިނުވާ ފަރާތްތަކަށް ވެސް މުލަ ރޯދަ ދުވަހާ ހަމައަށް މާލޭގައި ހުންނަ މިފްކޯ މަރުކަޒުން ރޭގަނޑު 8.30 އިން 11.00 އަށް ދޫކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށާއި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތުގައި އުޅުއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ލޯކަލް ގަވަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޔޫސުފް އަބްދުލް ގަފޫރް ވިދާޅުވެފައިވާ ގޮތުގައި މާލެ ސަރަހައްދުން މިދިޔަ އަންގާރަ ދުވަހުގެ ރެއާ ހަމައަށް 43،923 ގޭބިސީއަކަށް މަސްދަޅު ކޭސް ވަނީ ދޫކޮށްފައެވެ.

މިއަހަރު ރޯދަ ހަދިޔާ ބެހުމަށް އެކުލަވައިލި ގޭބިސީ ލިސްޓުގައިވާ ގޮތުން ރަށްރަށާއި ސިޓީތަކުގެ ގޭބިސީގެ ޖުމުލަ އަދަދަކީ 56,918 އެވެ. ޑޮމެސްޓިކް މީޓަރުގެ އަދަދަކީ 61,755 އެވެ.

މި އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ޖުމުލަ 118,673 މަސްދަޅު ކޭސް ބަހަން ވަނީ ނިންމައިފައެވެ. ރަށްތަކުގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށްގެންދަނީ އެ ރަށެއްގެ ކައުންސިލުގެ ބެލުމުގެ ދަށުންނެވެ.