ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ ތިން ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ސަރުކާރުން އެކުލަވާލަން ނިންމާފައި ވަނީ "ޓޫރިޒަމް ސެކްޓާ އެޑްވައިޒަރީ ކޮމިޓީ" އާއި "ކޮންސްޓްރަކްޝަން ސެންޓާ އެޑްވައިޒަރީ ކޮމިޓީ" އާއި "ފިޝަރީޒް ސެކްޓާ އެޑްވައިޒަރީ ކޮމިޓީ" ކަމަށެވެ. އެއީ އެ ތިން ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް ކުރިއެރުވުމުގެ ބޭނުމުގައި ކަމަށް ވެސް ބުންޏެވެ. އެ ކޮމިޓީތަކުގެ މެންބަރުކަަމަށް ކުރިމަތިލުމަށް އެދި ހުޅުވާލާފައި ވަނީ މިމަހުގެ 16 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެެވެ.

ރައީސް އޮފީހުން ބުނީ މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ އެކަމަށް ކުރިމަތިލާން ދީފައިވާ މުއްދަތުގައި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްތަކުގައި ހެނދުނު 8:30 އިން 12:00 އަށް ރައީސް އޮފީހުން ކަމަށެވެ. އެކަމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުންނާއި އެ އޮފީހުގެ ރިސެޕްޝަނުން ލިބޭނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.