މަޝްހޫރު ފިލްމު "ދަ ޑެވިލް ވެއާސް ޕްރާޑާ" ގެ ދެވަނަ ބައިގެ ރަސްމީ ޓްރެއިލާ ރޭ އާންމުކޮށްފިއެވެ. މިއަހަރުގެ މޭ މަހުގެ އެއްވަނަ ދުވަހު ސިނަމާތަކަށް އަންނަ މި ފިލްމަކީ އަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ އެއް ފިލްމެވެ.
މި ފިލްމުގައި ކުރީގެ ބައިން ފެނިގެންދިޔަ މެރިލް ސްޓްރީޕް، އޭން ހެތަވޭ އަދި އެމިލީ ބްލަންޓް އެމީހުންގެ އައިކޮނިކް ރޯލުތަކުން އަލުން ފެނިގެންދާނެއެވެ. ރޭ ނެރުނު ޓްރެއިލާއިން، ފެޝަންގެ ދުނިޔޭގައި "ރަންވޭ" މެގަޒިންގެ އެޑިޓަރ-އިން-ޗީފް މިރަންޑާ ޕްރީސްޓްލީ (މެރިލް ސްޓްރީޕް) އޭނާގެ ވިޔަފާރި އަލުން ކޮޅަށް ޖެހުމަށް ކުރާ މަސައްކަތްތައް ފެނިގެންދެއެވެ. ޕްރިންޓް މީޑިއާގެ ދާއިރާ ހީނަރުވަމުންދާ މި ދަނޑިވަޅުގައި، މިރަންޑާއަށް އެހީތެރިވުމަށް އަންދްރޭ ސެކްސް (އޭން ހެތަވޭ) ވަނީ އަލުން އޭނާގެ ގާތަށް ގޮސްފައެވެ.
މި ފަހަރު އަންދްރޭ ފެނިގެންދާނީ މެގަޒިންގެ އާ "ފީޗާސް އެޑިޓަރ" ގެ ގޮތުގައެވެ. އޭނާގެ މައިގަނޑު މަސައްކަތަކަށް ވަނީ މިރަންޑާ އާއި އޭނާގެ ކުރީގެ އެހީތެރިޔާ އެމިލީ ޗާލްޓަން (އެމިލީ ބްލަންޓް) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމެވެ. އެމިލީ މިހާރު މަސައްކަތް ކުރަނީ ލަގްޒަރީ ބްރޭންޑެއްގެ އިސް މަގާމެއްގައެވެ. އަދި މިރަންޑާގެ މެގަޒިންއަށް ބޭނުންވާ އިޝްތިހާރުގެ ބަޖެޓް ކޮންޓްރޯލް ކުރަނީވެސް އޭނާއެވެ.
ޓްރެއިލާ އިން ފެންނަ ގޮތުގައި، ކުރިއަށްވުރެ ބޮޑަށް އަމިއްލަ ނަފުސަށް އިތުބާރު އޮތް އަންދްރޭ، މިރަންޑާ އާއި އެމިލީގެ ކުރިމަތީގައި ސާބިތުކަމާއެކު ހުންނާނެއެވެ. ނަމަވެސް، އެމީހުންގެ ވިސްނުމާއި ޝަހުސިއްޔަތު ތަފާތުވުމުގެ ސަބަބުން ގިނަ ކުރިމަތިލުންތަކެއް ހިނގާނެކަން ޓްރެއިލާއިން ހާމަވެއެވެ.
2006 ވަނަ އަހަރު ނެރުނު ފުރަތަމަ ފިލްމުގެ ކާމިޔާބީއަށްފަހު، މި ފިލްމުގައިވެސް ސްޓެންލީ ޓޫޗީ، ޓްރޭސީ ތޯމްސް އަދި ޓިބޯ ފެލްޑްމަން ފަދަ ތަރިން އެމީހުންގެ ކުރީގެ ރޯލުތަކުން ފެނިގެންދާނެއެވެ.
20 ފިލްމް ސްޓޫޑިއޯސް އިން އުފައްދާ "ދަ ޑެވިލް ވެއާސް ޕްރާޑާ 2" ބައިނަލްއަގުވާމީ ސިނަމާތަކުގައި ދައްކަން ފަށާނީ 1 މޭ 2026 ގައެވެ. މި ފިލްމަކީ ފެޝަނާއި، މަސައްކަތުގެ މާހައުލުގައި ހިނގާ މަޖާ އަދި ސީރިއަސް ކަންތައްތަކެއް ފެނިގެންދާނެ ފިލްމެކެވެ.
ނެޓްފްލިކްސް
ނެޓްފްލިކްސް
ނެޓްފްލިކްސް
ނެޓްފްލިކްސް