އިންޑިއާގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު ރޯހިތު ޝެޓީ ދިރިއުޅޭ މުމްބާއީގެ ޖޫހޫގައި ހުންނަ ގޭގެ ބޭރުގައި، އާދިއްތަ ދުވަހުގެރޭގެ ވަގުތެއްގައި ބަޑީގެ ހަމަލާތަކެއް ދީފިއެވެ. މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ސަލާމަތީ ފިޔަވަޅުތައް މިހާރު ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.
ރިޕޯޓްތައް ބުނާގޮތުން، ނޭނގޭ ބަޔަކު ރޯހިތު ޝެޓީގެ ގޭގެ ބޭރުގައި ހަތަރު ފަހަރަށް ބަޑި ޖަހާފައިވަނީ އާދިއްތަ ދުވަހުގެ ދަންވަރު 12:43 އެހާކަންހާއިރުއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، މިއީ މުމްބާއީ ފުލުހުންނަށް ލިބުނު ބޮޑު ސިހުމަކަށް ވުމާއެކު، މުޅި ސަރަހައްދަށް ވަނީ ސަލާމަތީ އެލާޓެއް ނެރެފައެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުންނާއި ފޮރެންސިކް ޓީމުތަކުން މިހާރު އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯތަކުން ފެންނަ ގޮތުގައި، ރޯހިތު ޝެޓީގެ ގޭގެ ވަށައިގެންވާ ސަރަހައްދު ބަންދުކޮށް، ގިނަ އަދަދެއްގެ ފުލުހުން ވަނީ އެ ސަރަހައްދުގައި ފޯރިމަރަން ފަށައިފައެވެ. ބެރިކޭޑްތައް ޖަހައި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެއްވެސް މީހަކަށް އެ ސަރަހައްދަށް ނުވަދެވޭ ގޮތަށް ވަނީ ކޮންޓްރޯލް ކޮށްފައެވެ.
މުމްބާއީ ފުލުހުންނާ ހަވާލާދީ އޭ.އެން.އައި ނިއުސް އެޖެންސީން ބުނެފައިވަނީ، މި ހަމަލާ ދިން ސަބަބެއް އަދި މިހާތަނަށް އެނގިފައި ނުވާ ކަމަށެވެ. ފުލުހުން އަންނަނީ މިއީ ބިރުދެއްކުމުގެ ގޮތުން ދިން ހަމަލާއެއްތޯ ނުވަތަ އެ ނޫންވެސް މަގުސަދެއް އޮވެގެން ދިން ހަމަލާއެއްތޯ ބަލައި ތަހުގީގު ކުރަމުންނެވެ. ހަމަލާ ދިން މީހުން މިހާތަނަށް ހޯދިފައި ނުވާ ކަމަށްވެސް ހަބަރުތައް ބުނެއެވެ.
މި ނުރައްކާތެރި ހާދިސާއާ ގުޅިގެން ރޯހިތު ޝެޓީ ނުވަތަ އޭނާގެ އާއިލާގެ ފަރާތުން އަދި މިހާތަނަށް އެއްވެސް ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ. ފުލުހުން ބުނެފައިވަނީ ތަހުގީގު ކުރިއަށްދާ ވަރަކަށް އިތުރު ތަފްސީލު ހާމަކުރަމުންދާނެ ކަމަށެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް