ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް، ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) ގެ ސީޒަން 2 ލޯންޗްކޮށްފިއެވެ.

ދިރާގު ހެޑްއޮފީހުގައި ރޭ ބޭއްވި ޑީޖީޖީގެ ސީޒަން ލޯންޗު އިވެންޓުގައި މިއަހަރަށް ރާވައިފައިވާ މުބާރާތްތަކާއި، ގޭމިން ކޮމިއުނިޓީއަށް އަމާޒުކޮށްގެން ހިންގާ ތަފާތު ހަރަކާތްތަކުގެ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ.

އޭގެ އިތުރުން އެކި ގޭމިން ހަރަކާތްތައް ކުރިއަށްދިޔަ އިރު، 'ފެންފުޅި' ބޭންޑުގެ ފޯރިގަދަ މިއުޒިކީ ހުށަހެޅުންތަކުން އެ އިވެންޓު އިތުރަށް ފުރިހަމަވެގެން ގޮސްފައިވެއެވެ.

ދިރާގުން ބުނީ މިދިޔަ އަހަރަކީ ދިވެހި ގޭމިން ދާއިރާގައި ޑީޖީޖީއިން ބޮޑެތި ކާމިޔާބީތަކެއް ހޯދި އަހަރެއް ކަމަށާއި އެގޮތުން 11,000 އަށްވުރެ ގިނަ ގޭމް ކުޅުންތެރިން އެ ޕްލެޓްފޯމުގައި ރަޖިސްޓްރީވެފައިވާ އިރު، ތަފާތު 13 ކެޓަގަރީއަކުން 17 މުބާރާތް ކާމިޔާބުކަމާއެކު ބާއްވައި، ފައިސާގެ އިނާމުގެ ގޮތުގައި ޖުމުލަ 350,000 ރުފިޔާ ދީފައިވާ ކަމަށެވެ.

އޭގެ އިތުރުން، ގިވްއަވޭގެ ގޮތުގައި ޖުމުލަ 150,000 ރުފިޔާގެ އަގުހުރި އިނާމުތައް ދީފައިވާ ކަމަށާއި މިދިޔަ އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ހަރަކާތަކީ އޮގަސްޓް މަހު ބޭއްވި، ރާއްޖޭގެ ތާރީހުގައި ބޭއްވި އެންމެ ބޮޑު ގޭމިން ހަރަކާތް ކަމުގައިވާ "ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް ކަމަށެވެ. އެ ހުރިހާ މަސައްކަތްތަކަކީ ރާއްޖޭގެ އީ-ސްޕޯޓްސް ކުރިއަރުވައި، ވާދަވެރި ގޭމިން މާހައުލެއް ބިނާކުރުމަށް ޑީޖީޖީން ކުރާ މަސައްކަތްތަކުގެ ހެކިތައް ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ ޑީޖީޖީގެ އަމާޒަކީ މިއަހަރު ގޭމިން ކޮމިއުނިޓީ އިތުރު އާ އުސްމިންތަކަކަށް ގެންގޮސްދިނުން ކަމަށާއި އޭގެ ތެރޭގައި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން މުބާރާތްތައް ބޭއްވުމާއި، ޑީޖީޖީގެ ފުރަތަމަ ބައިނަލްއަގުވާމީ އޮންލައިން މުބާރާތް ބޭއްވުން ހިމެނޭ ކަމަށެވެ.

ރޭގެ ރަސްމިއްޔާތުގައި ޑީޖީޖީގެ "ލީޑާބޯޑްސް" ތައާރަފުކޮށް، މިއަހަރުގެ ތެރޭގައި "ގިލްޑް ފީޗާސް" ތައާރަފުކުރާނެކަން ވަނީ އިއުލާނުކޮށްފައެވެ. އޭގެ ސަބަބުން ކުޅުންތެރިންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ، ވާދަވެރި ރޫހު އިތުރުވެގެންދާނެ ކަމަށް ދިރާގުން ގަބޫލުކުރެއެވެ.

އެ ހަފުލާގައި، ރާއްޖޭގެ އީ-ގޭމިން ދާއިރާ ވަރުގަދަކުރުމުގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޑީޖީޖީގެ ޕާޓްނަރުންގެ އަގުވަޒަންކޮށް، ހަނދާނީ ފިލާ ވަނީ އަރުވައިފައެވެ. އެގޮތުން، ޑީޖީޖީގެ ޕްރީމިއަމް ސްޕޮންސަރު "މިނީސޯ"، އެލީޓް ޕާޓްނަރުން ކަމަށްވާ "ވިލާ މާޓް"، "މެގަޗިޕް" އަދި "ޝީޝާ" އަކީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީ ބާރުވެރިކުރުވުމަށް ޑީޖީޖީއަށް އެހީތެރިކަން ފޯރުކޮށްދީ މުހިންމު ދައުރެއް އަދާ ކުރަމުންދާ ފަރާތްތަކެވެ.

ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް ކަމުގައިވާ ޑީޖީޖީން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށް، އަންނަން އޮތް ޖީލުތަކުގެ ގޭމިން ހުނަރުތައް އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. ރާއްޖޭގެ ގޭމިން ދާއިރާ އާ އުސްމިންތަކަކަށް ގެންދިއުމަށް ދިރާގުން ކުރަމުންދާ މަސައްކަތުގައި، 'ޑީޖީޖީ' އިން ދަނީ ނަމޫނާ ދައްކަމުންނެވެ.

ދިރާގުން މައުލޫމާތުދޭ ގޮތުގައި އިތުރު މައުލޫމާތުތައް https://dgg.mv ގެ ޒަރިއްޔާއިން އިއުލާނުކުރެވިގެންދާނެއެވެ.