ހަމަލާއެއް ދީފިނަމަ މެދުއިރުމަތި ހަމަނުޖެހުމަކަށް ދާނެކަމަށް އިރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ ހާމަނާއީ ވިދާޅުވެއްޖެއެވެ.

އިރާނުގެ ތަސްނިމް ނިއުސް އެޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި ހާމަނާއީ ވިދާޅުވީ އެމެރިކާއިން ހަމަލާދީ ހަނގުރާމަ ފަށައިފިނަމަ މުޅި މެދުއިރުމަތި ހަނގުރާމަކައަކަށް ދާނެ ކަމަށާއި އެކަމަށް އެމެރިކާއިން ސަމާލު ވުމަށް އިލްތިމާސް ކުރައްވައިފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވަނީ، އިރާނާއެކު މަޝްވަރާއަކަށް ދިއުމުގެ ކޮޅުމަތި ފެންނަ ކަމަށާއި އެ މަޝްވަރާގެ ސަބަބުން އިރާނުން ގަބޫލުކުރެވޭ ކަންތައްތަކެއް ނިންމާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އިރާނުގެ ސެކިއުރިޓީ އިސް އޮފިޝަލު އަލީ ލަރިޖާނީ ވަނީ މަޝްވަރާއަށް ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށާއި އެކަމުގެ އަލިމަގު ފެންނަކަމަށެވެ.

އެމެރިކާއިން ވަނީ އިރާނާ ދެކޮޅަށް ހަމަލާ ދިނުމަށް އެމެރިކާ ސިފައިންގެ ބޮޑު ފޯހެއް މެދުއިރުމައްޗަށް ފޮނުވައިފައެވެ. އެގޮތުން އެމެރިކާގެ އެންމެ ބޮޑު އެއް މަނަވަރު އަބްރަހަމް ލިންކަންގެ އިތުރުން މިލިޓަރީގެ އެހެން މަނަވަރުތައްވެސް މެދުއިރުމައްޗަށް ފޮނުވާފައިވެއެވެ. މީގެ އިތުރުން މެދުއިރުމަތީގައި ހުންނަ އެމެރިކާގެ މިލިޓަރީ ބޭސްތައް ވަނީ ތައްޔާރީ ހާލަތަށް ގެނެސްފައެވެ.