އީރާނާއި އެމެރިކާގެ މެދުގައި ހަގުރާމައެއް ފެށިދާނެކަމުގެ ބިރު ބޮޑުވެފައިވާ މިދަނޑިވަޅުގައި އީރާނުން ބާރު އަޑެއް އިވުނަސް ވަރަށްބޮޑު ޚަބަރަކަށް ވާނެއެވެ. އެމެރިކާއިން ހަމަލައެއް ދިނީތޯ ކަށަވަރުކުރުމުގެ ޝައުގު ވަރަށް ބޮޑުވާނެއެވެ. ހަމައެބީދައިން ރައީސް ޑޮނަލްޑް ޓްރަމްޕު އެއްޗެއް ވިދާޅުވިޔަސް އަދި ރޫހީ ލީޑަރު އަލީ ޚާމަނާއީ އެއްޗެެއް ވިދާޅުވިޔަސް އެ އެއްޗެއް ތަހުލީލުކޮށް ފުރޮޅައި ބަލައި ނެރެވެންހުރި އެންމެހައި މާނަތައް ނެރުންވެސް އޮންނާނެއެވެ. ފާއިތުވި ސައުވީސް ގަޑިއިރު ތެރޭގައި މިގޮތަށް އިވިފައިވާ އަޑުއަޑާއި ފެނިފައިވާ މަންޒަރުތަކުގެ ތެރެއިން ދެ އަޑަކަށް ނުވަތަ ދެ ކަމަކަށް ދުނިޔޭގެ ސަމާލުކަން ވަރަށް ބޮޑަށް ވަނީ ލިބިފައެވެ. އެންމެ ފުރަތަމައީ އީރާނުގެ ދެ ސިޓީއަކުން އިވުނު ގަދަފަދަ އަޑުތަކެކެވެ. ވަރުގަދަ ގޮވުންތަކެއްގެ އަޑެވެ. ބަޔަކު ހަމަލަދިނީ ބާވައެވެ. ހަގުރާމަ ފެށުނީ ބާވައެވެ. މިއީ އެންމެ ފުރަތަމަވެސް އުފެދުނު ސުވާލުތަކެވެ. ދެވަނައީ ރައީސް ޓްރަމްޕު ވިދާޅުވި އައު ވާހަކަފުޅަކާއި އެވާހަކަފުޅަށް އީރާނުގެ ވަރުގަދަ ރައްދެވެ. ޖަވާބެވެ.

ގޮވާ ކޮންމެ އަޑަކުން ރެނދެއް ނުލާނެ

ފުރަތަމަ އަޑު އައީ އީރާނުގެ އެންމެ މުހިންމު ބަނދަރު ކަމަށްވާ ބަންދަރު އައްބާހުންނެވެ. އެއީ އީރާނުގެ އެންމެ ބޮޑު ކޮންޓޭނަރު ޕޯޓެވެ. އަދި އީރާނުގެ ކަނޑުގެ ފްލީޓުގެ އެންމެ މުހިއްމު މަރުކަޒެވެ. މި ބަނދަރު އޮންނަނީ ހަމަސީދާ ހޮރުމުޒް ކަނޑުއޮޅީގެ އަނގަމަތީގައެވެ. އެމެރިކާޔާއި އީރާނުގެ ފްލީޓުތަކުގެ ހަރަކާތްތައް އެންމެ ގަދައީ މި ދެންނެވި ކަނޑުއޮޅީގައެވެ. އެހެންވީމާ ބަންދަރު އައްބާހުގައި ގޮވާ ކޮންމެ ގޮވުމެއްގެ އަޑު މީޑިއާގައި ވަރަށްވެސް ގަދަވާނެއެވެ. ބަންދަރު އައްބާހުގައި ހޮނިހިރު ދުވަހު ބާރު ގޮވުމެއްގެ އަޑާއެކު 8 ބުރީގެ އިމާރާތެެއް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އިމާރާތުގެ ދެ ފަންގިފިލާއެއް ވަނީ އަލުން ބޭނުން ނުކުރެވޭވަރު ވެފައެވެ. ވީ ކިހިނެެެއް ހެއްޔެވެ. އެންމެ ފުރަތަމަ ގިނަބަޔަކު ހީކުރީ އިޒްރޭލުން ހަމަލަދިނީ ކަމުގައެވެ. މީސްމީޑިއާގައި ޚަބަރުތައް ދައުރުވާންފެށީ އެ އިމާރާތަކީ އީރާނުގެ އިންގިލާބީ ގާޑުންގެ އިމާރާތެއް ކަމުގައެވެ.

މި އިމާރާތުގައި އިންގިލާބީ ގާޑުންގެ ނޭވަލް ބްރާންޗުގެ އެންމެ އިސް ކޮމާންޑަރު އަލީ ރިޒާ ތަންސްގިރީ ހުންނެވި ކަމަށްވެސް އަޑުތައް ފެތުރުނެވެ. އޭނާ ޝަހީދުވެއްޖެ ކަމަށް ބުނެއެވެ. މި ޚަބަރު ހުރިހާ މަންސަތަކުގައި ވަރަށް އަވަހަށް ވައިރަލްވިއެވެ. ޚަބަރު ފެތުރުނުލެެއް އަވަސްކަމުން ތޯއްޗެކެވެ. އިޒްރޭލުން އަވަސް އަވަހަށް ބުންޏެވެ. ހޯހޯއެވެ. އަހަރެމެންގެ ކަމެއް ނޫނެވެ. އަހަރެމެންނާ ބެހުންހުރި ކަމެއްވެސް ނޫނެވެ. އެހެން ބަޔަކު ކުރިޔަސް އެކަމެއްވެސް ނުދެނަތިބީމެވެ. މިހައި އަވަހަށް މިކަމުން ރެކިގަތީ ސަބަބުތަކެއް ހުރެގެންނެވެ. އީރާނުން އޮތީ މާކުރިންވެސް އިންޒާރު ދީފައެވެ. އެއްވެސް ސިފައެެއްގައި ހަމަލަދީފިއްޔާ ލަސްތަކެެއްނުވެ އިޒްރޭލަށް ރައްދު ދޭނަމެވެ. އެހެންވީމާ ތިމަންނާމެންގެ ކަމެެއް ނޫނޭ ބުނެ އިންކާރު ކުރީއެވެ. އީރާނުން ވަނީ މި ހާދިސާގެ ތަފްސީލު ދާދި އަވަހަށް ހާމަކޮށްފައެވެ. އެކަކު މަރުވެ ވިއްސަކަށް މީހުން ޒަޚަމްވި މިހާދިސާއަކީ ގޭސް ހޮޅިއެއް ފަޅައިގެންގޮސް ލީކުވުމުގެ ސަބަބުން ހިނގި ހާދިސާއެކެވެ.

ގޭސް ލީކުވެ ވަރުގަދަ ގޮވުންތަކެއް ގޮވި މި އިމާރާތަކީ އިންގިލާބީ ގާޑުންނާ ބެހޭ ތަނެއްވެސް ނޫނެވެ. އާއްމުން ދިރިއުޅޭ އެޕާޓްމަންޓުތަކާއި ފިހާރަތަކާއި ޕްރައިވެޓް އޮފީސްތަކެއް ހިމެނޭ އިމާރާތެކެވެ. ނޭވީ ކޮމާންޑަރު އަލީ ރިޒާއެއް ނެތެވެ. އޭނާ އަވަހާރައެއް ނުވެއެވެ. މިކަން އީރާނުގެ ސިފައިން ވަނީ ވަރަށް އަވަހަށް ޔަގީންކޮށްދީފައެވެ. ރަސްމީ ނޫސް އެޖެންސީތަކާއި ރަސްމީ ޓީވީ މެދުވެރިކޮށް އާއްމުކުރި ބަޔާންތަކުންނެވެ. ބަންދަރު އައްބާހަކީ ހުސްވި 2025 ވަނަ އަހަރުގެ އެޕްރީލް މަހުވެސް ވަރުގަދަ ގޮވުންތަކެއް ގޮވާފައިވާ ސިޓީއެކެވެ. އެފަހަރުގެ ހާދިސާ ހިނގާފައިވަނީ ބަނދަރުމަތީގައިވާ ގުދަނެއްގައި ހުރި ކެމިކަލްތަކެއްގައި ރޯވެގެންނެވެ. މަދުވެގެން ފަންސަވީސް މީހުން މަރުވެ ހާހެއްހައި މީހުން ޒަޚަމްވިއެވެ. އެފަހަރުވެސް އެންމެ ފުރަތަމަ އަޑުތައް ފެތުރުނީ އިޒްރޭލުގެ ހަމަލައެއް އަމާޒުވީ ކަމުގައެވެ. އިޒްރޭލުން އީރާނަށް ހަމަލަދިނީ އޭގެ ދޮޅުމަސް ފަހުންނެވެ. ބަންދަރު އައްބާހުގެ ކޮންޓޭނަރު ޕޯޓަށްވެސް ހަމަލަދީފައިވެއެވެ.

ހޮނިހިރު ދުވަހު ދެވަނަ ގޮވުމެއްގެ އަޑު އިވުނީ އަހުވާޒުންނެވެ. މިއީ އިރާގުގެ ބޯޑަރާ ގާތުގައިވާ ސިޓީއެކެވެ. އީރާނުގެ ރަސްމީ ފަރާތްތަކާ ހަވާލާދީ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން މި ހާދިސާއަކީވެސް ގޭސް ލީކުވުމާ ގުޅިފައިވާ ގޮވުމެކެވެ. ލިބުނު ގެެއްލުންތައް ބަންދަރު އައްބާހުގެ ގޮވުމަށްވުރެވެސް ބޮޑެވެ. އިމާރާތެއް ފުނޑުފުނޑުވެ މަދުވެގެން ހަތަރު މީހަކު ވަނީ މަރުވެފައެވެ. އިތުރު އެތައް ބަޔަކު ޒަޚަމްވެފައިވާއިރު ހަލާކުވެފައިވާ ބައިތަކުގެ ދަށުން ގިނައަދަދެއްގެ ބަޔަކު ސަލާމަތް ކުރެވިފައިވާ ކަމަށްވެސް ރަސްމީ އިދާރާތަކުން ބުނެއެވެ. އަހުވާޒުގެ ގޮވުމުގެ ނުރައްކާ ބޮޑުވިޔަސް އެއީ މުހިންމު ސިޓީއަކަށް ނުވާތީ ލިބުނު ސަމާލުކަން ބަންދަރު އައްބާހަށްވުރެ މާކުޑައެވެ. ކޮންމެއަކަސް މި ދެ ގޮވުމަކީވެސް ހަމަލައެއް ނޫންކަމާއި ގޭސް ލީކުވުމުގެ އެކްސިޑެންޓެއްކަން އީރާނުން ވަނީ ކަށަވަރުކޮށްދީފައެވެ. އެއްދުވަހަކު ދެ ގޮވުމެއް ގޮވުމަކީ އިއްތިފާގެއް ކަމަށްވެސް ވަނީ ބުނެފައެވެ.

ރައީސް ޓްރަމްޕުގެ އައު ވާހަކަފުޅު

ރައީސް ޓްރަމްޕު ވަނީ ހޮނިހިރު ދުވަހު އަނެެއްކާވެސް އައު ވާހަކަފުޅެއް ވިދާޅުވެފައެވެ. ވިދާޅުވިއެވެ. ޑީލަކަށް ދިއުމަށްޓަކައި މަޝްވަރާޔަށް އެދިގެން އީރާނުން ވަރަށް ބޮޑަށް އާދޭސް އެބަކުރެއެވެ. އެހެން ބައެއް ގައުމުތައް މެދުވެރިކޮށްގެންނެވެ. ޑީލެއް ހެދުމަށް އީރާނު މިފަހަރު ވަރަށް ސީރިއަސްކަމަށް ފެނެއެވެ. އެހެންވީމާ ހަގުރާމައެއްގެ ފުރުސަތު މިހާރު ވަރަށް ކުޑަވެއްޖެއެވެ. ޓްރަމްޕު މިހެން ވިދާޅުވިޔަސް އެއީ ސައްހަ ވިދާޅުވުމެއް ކަމަށް އެއްވެސް ބަޔަކު ގަބޫލެއް ނުކުރެއެވެ. މީގެކުރިންވެސް އެޒާތަށް އޭނާ ވާހަކަފުޅު ދައްކަވާފައިވާތީއެވެ. އީރާނަކުން ޑީލެއް ބޭނުންވެގެން ނޫޅެއެވެ. އީރާނުގެ ޚާރިޖީވަޒީރު އައްބާސް އަރާގްޗީ ހޮނިހިރު ދުވަހު ވިދާޅުވެފައިވަނީ އީރާނު އޮތީ މަޝްވަރާޔަށް ރުހިގެން ކަމަށާއި އެކަމަކު އެ މަޝްވަރާޔަކީ އެެއްވެސް ކަހަލަ އިންޒާރަކާއި ބިރުދެެއްކުމަކާއި ވަކި ނަތީޖާއެއް ނެރުމަށް ޝަރުތު ކުރެވިގެން ފެށޭ މަޝްވަރާޔަކަށް ވެގެން ނުވާނޭ ކަމުގައެވެ.

އީރާނުގެ މިސައިލް ޕްރޮގްރާމާއި އީރާނުގެ ފައްކާކުރި ޔުރޭނިއަމް އެހެން ބަޔަކާ ހަވާލުކުރުމާމެދު އެއްވެސް މަޝްވަރާއެއް ނުކުރާނޭ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ޑީލެއް ހެދުމަށްޓަކައި އީރާނުން މަޝްވަރާޔަށް އެދި އާދޭސްކުރަނީއޭ ޓްރަމްޕު އެވިދާޅުވީ މަޝްވަރާޔަށް ރުހެމޭ އީރާނުގެ ޚާރިޖީވަޒީރު ވިދާޅުވެފައިވާތީ އެވާހަކަފުޅުން ބައެއް އުނިކުރައްވައިގެން ކަމަށް ވެދާނެއެވެ. ނޫނީ މިހިސާބަށް މަސްރަހު ހޫނުކުރެވުނީތީ ދެން މިކަމުން ރެކިގަނެ ދުރަށް ދެވޭނެ ގޮތެެއް ހޯއްދެވުމުގެ ގޮތުން ކޮންމެވެސް ހުއްޖަތެއް އުފަންކުރެއްވީ ކަމަށްވެސް ވެދާނެއެވެ. ހައްތާވެސް ވެދާނެ ގޮތްގޮތެވެ. ޔަގީންވާ އެއްޗަކީ ރައީސް ޓްރަމްޕު ދެފަހަރަކު އެކައްޗެއް ވިދާޅުނުވާ ކަމާއި އިތުރުފުޅު ހެއްދެވުން ގިނަ ކަމެވެ. ދުނިޔޭގެ ސަތޭކައަށްވުރެ ގިނަ ގައުމުގެ ލީޑަރުން ތިމަންނާޔަށް އާދޭސްކޮށް ވިޔަފާރީގެ ލުއިފަސޭހަކަމަށް ސަލާން އެބަޖަހައޭ ވިދާޅުވީވެސް ހަމަ މި ޓްރަމްޕެވެ. އެހެންވީމާ އޭނާ ދައްކަވާ ވާހަކަފުޅުތައް ގަބޫލުކުރުމަކީ ފަސޭހަކަމެއް ނޫނެވެ.