އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު ޔޫއެސްއެސް އެބްރަހަމް ލިންކަން އާއި އެ މަނަވަރާއެކުގައި ދަތުރުކުރާ އެހެނިހެން މަނަވަރުތަކުގެ މައްޗަށް އެކުލެވޭ ސްޓްރައިކް ގްރޫޕް ނުވަތަ އަރުމާދު މިހާރު އޮތީ އީރާނުގެ އައްސޭރިޔާ ގާތުގައެވެ. އައްސޭރިޔާ ގާތުގައޭ ދެންނެވިޔަސް އެތައް ސަތޭކަ މޭލެއްގެ ދުރުގައެވެ. އޮމާން ގަލްފުގެ ކޮންމެވެސް ހިސާބެއްގަައެވެ. އީރާނުގެ ކޯސްޓަލް ޑިފެންސް ބެޓެރީތަކުން އުދުއްސައިލާ މިސައިލްތައް ނުފޯރާނޭކަމަށް ބެލެވޭ ހިސާބުގައެވެ. އެމެރިކާގެ އަރުމާދު އޮތީ މުތުލަގަށް މިވެނި ޕޮޒިޝަނެއްގައިކަން އީރާނަށް އެނގުމަކީ ނުރައްކަލެކެވެ. އެހެންވީމާ ޔޫއެސްއެސް އެބްރަހަމް ލިންކަނާއި އެމަނަވަރާއެކު ދަތުރުކުރާ އަރުމާދުގެ އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް، އޭއައިއެސް ވަނީ ނިއްވާލައިފައެވެ. ދެކުނު ޗައިނާ ކަނޑުގައި އޮވެފައި މަލަކާ ކަނޑުއޮޅީގެ ތެރެއިން އިންޑިޔާ ކަނޑަށް ނުކުތް ފަހުން މިދެންނެވި ސިސްޓަމް ވަނީ ނިއްވާލައިފައެވެ.

މިދެންނެވި ބަހުގެ މާނަޔަކީ މި އަރުމާދު ދަތުރުކުރާ މަގާއި އޮތް ތަނެއް އާއްމު އުސޫލު ބޭނުންކޮށްގެން އެއްވެސް ބަޔަކަށް ނޭނގުމެވެ. ދެން ޖެހޭނީ ރާޑަރާއި ސެޓެލައިޓް ފޮޓޯތަކާއި މިހެންގޮސް އެތަކެއް ވަސީލަތްތަކުން ދެނެގަތުމަށެވެ. މިއީ ގިނަފަހަރަށް އެހާ އިތުބާރު ނިޒާމަކަށް ނުވެއެވެ. ކުރުގޮތަކަށް ދަންނަވަންޏާ ދެންނެވޭނީ މިހެންނެވެ. އީރާނާ މާދުރުނޫން ހިސާބެއްގައި މި އަރުމާދު އެއޮތީ ހިތުން ފޮރުވިގެންނެވެ. އެހެންވީމާ އެއޮތީ އީރާނުގެ އަސްކަރިއްޔާއިން ހީކުރާ ޕޮޒިޝަނުގައި ނޫންކަމަށްވެސް ވެދާނެއެވެ. ހީކުރާ ޕޮޒިޝަނުގައި ކަމަށްވެސް ވެދާނެއެވެ. ޔަގީންކަމަކީ ޗައިނާއާއި ރަޝިޔާއަށް އެނގޭނޭ ކަމެވެ. އެ ދެގައުމުން އީރާނަށް މައުލޫމާތު ފޯރުކޮށްދީފިއްޔާ އީރާނަށްވެސް އެނގޭނެއެވެ. ޔޫއެސްއެސް އެބްރަހަމް ލިންކަނަކީ އާއްމު ގޮތެއްގައި ޕެސިފިކް ކަނޑުގައި އޮޕަރޭޓްކުރާ މަނަވަރެކެވެ. އޭގެ މަރުކަޒަކީ ޕެސިފިކްގެ އައްސޭރިން ކެލިފޯނިއާގެ ސެންޑިއޭގޯ ބަނދަރެވެ.

ކުރިން މިދެންނެވި އަރުމާދު އީރާނާ ގާތުން އޮމާން ގަލްފުގައި ގާއިމުކޮށްފައިވާ ކަމަށް ބެލެވޭއިރު މިފަދަ ދެވަނަ އަރުމާދެއްވެސް މިހާރުވަނީ މެދުއިރުމައްޗަށް މިސްރާބު ޖަހައިފައެވެ. މިއީ ޔޫއެސްއެސް ޖޯޖް ބުޝްއޭ ކިޔުނު މަތިންދާބޯޓު އުފުލާ މަނަވަރާއި އެޔާއެކު ދަތުރުކުރާ ކުދިކުދި އެހެން މަނަވަރުތަކާއި ސަބްމެރީނުގެ މައްޗަށް އެކުލެވޭ ގްރޫޕެވެ. މި އަރުމާދުގެ މަރުކަޒަކީ އެޓްލާންޓިކް ކަނޑުގެ އައްސޭރިން އެމެރިކާގެ ވާރޖީނިއާ ސްޓޭޓްގެ ނޯފޯކެވެ. އެތަނުން ފުރައިގެން އެޓްލާންޓިކް ކަނޑު ހުރަސްކޮށް މެޑިޓެރޭނިއަން ކަނޑާ ދިމާލަށް ދަނީއެވެ. ބެލެވޭ ގޮތުން ޖިބްރޯލްޓަރ ކަނޑުއޮޅިން މެޑިޓެރޭނިއަން ކަނޑަށް ވަނުމަށްފަހު މި އަރުމާދު އޮންނާނީ އިޒްރޭލުގެ އައްސޭރިޔާ ގާތުގައެވެ. އީރާނުގެ ރައްދު ހަމަލާތަކުން އިޒްރޭލު ދިފާއުކޮށްދިނުމަށެވެ. ފަހަރުގައި މިސްރުގެ ސުއޭޒް ކެނަލް ހުރަސްކޮށް ރެޑްސީގެ ތެރެއިން ގޮސް އިންޑިޔާ ކަނޑަށް ނުކުމެ ޔަމަނާ ދިމާލުގައި ގާއިމު ކުރުމަކީވެސް ކައިރި ކަމެކެވެ.

މި އަރުމާދާމެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެފައިވަނީ މިހެންނެވެ. އަހަރެމެންގެ ނަލަނަލަ ބޮޑު އެހެން އަރުމާދެއް ފުރިހަމަ ދުވެލީގައި ނަލަކޮށް ދުވެފައި އެދަނީ އީރާނާ ދިމާލަށެވެ. ހަގުރާމައެއް ނުކޮށް ފަރުޖެއްސޭނެ ކަމަށް ހީކުރަމެވެ. އީރާނުން އެފަދަ ޑީލެއް ހަދަން ބޭނުމިއްޔާ އަހަރެމެން ތައްޔާރެވެ. ކޮންމެއަކަސް އެ ވިދާޅުވަނީ ކޮން ޒާތެއްގެ ޑީލެއް ކަމެއް ނޭނގެއެވެ. އެއީ އީރާނު އަމާންދީފައި ވެރިން އިސްތިއުފާ ދިނުމުގެ ޑީލަކަށްވެސް ވެދާނެއެވެ. އެޒާތުގެ ކަމަކަށް ޓްރަމްޕު އުންމީދު ކުރައްވާނަމަ އެއީ ވުން މުސްތަހީލު ކަމެކެވެ. ޓްރަމްޕު އެދެކެނީ ބިލާހެކެވެ. އީރާނާ ދެކޮޅަށް އެންމެފަހުން މިޒާތުގެ ލަޝްކަރެެއް އެމެރިކާއިން ޖަމާކުރީ ހުސްވި އަހަރުގެ ޖޫންމަހުގެ ތެރޭގައި ކުރެވުނު ބާރަ ދުވަހުގެ ހަގުރާމައިގެ ތެރޭގައެވެ. އިޒްރޭލާއި އެމެރިކާ ގުޅިގެން އެފަހަރު އީރާނަށް ހަމަލަ ދިނުމުގެ ކުރިން އެމެރިކާގެ ޖުމްލަ އެގާރަ އަރުމާދުގެ ތެރެއިން ދެ އަރުމާދު މެދުއިރުމައްޗަށް ފޮނުވިއެވެ.

ހުސްވި އަހަރުގެ ޖޫންމަހު އީރާނަށް ބިރުދައްކައި ހަމަލަ ދިނުމަށް އެމެރިކާއިން ދެ އަރުމާދެއް ފޮނުވިއިރު އެކައްޗަކީ މަތިންދާބޯޓު އުފުލާ މަނަވަރު ޔޫސްއެސް ކާލް ވިންސަންއާއި ގުޅިފައިވާ އަރުމާދެވެ. ދެން މަތިންދާބޯޓު އުފުލާ މަނަވަރު ޔޫއެސްއެސް ނިމިޒްއާ ގުޅިފައިވާ އަރުމާދެވެ. އީރާނުގެ އިސްފަހާނަށް ޓޮމަހޯކް ކްރޫޒް މިސައިލުން ހަމަލަދިނީ މީގެ ތެރެއިން ޔޫއެސްއެސް ކާލް ވިންސަން ސްޓްރައިކް ގްރޫޕުގައި ހިމެނުނު ޔޫއެސްއެސް ޖޯޖިޔާ ނަމަކަށް ކިޔުނު ނިއުކުލިއަރ ސަބްމެރީނަކުން ކަމަށް ގަބޫލު ކުރެވިފައިވެއެވެ. ގިނައިން ހަމަލަދިނީ މިއިން އަރުމާދަކާ ގުޅުމެއްނެތް ބޮންއަޅާ ބޯޓުތަކުންނެވެ. ބެލެވެނީ ފޯޅަވަހީގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުން އުދުއްސައިލި ބޯޓުތަކެއް ކަމަށެވެ. ކޮންމެއަކަސް އެފަހަރުވެސް މި ދެ އަރުމާދު އޮޕަރޭޓްކުރީ އޮމާނުގެ ބޭރުންނާއި ޔަމަނުގެ ބޭރުންނެވެ. މީގެ އިތުރަށް މެޑިޓެރޭނިއަން ކަނޑުގައިވެސް އެމެރިކާގެ ޚާއްސަ މަނަވަރެއް ހަރަކާތްތެރިވިއެވެ. އިޒްރޭލު ހިމާޔަތް ކުރުމަށެވެ.

ކުރީފަހަރު އެމެރިކާގެ އަރުމާދުތައް އޮޕަރޭޓްކުރި ގޮތާއި ހަމަލަދިން ތަންތަނާއި އީރާނުގެ ރައްދު އެންމެނަށްވެސް އޮތީ ފެނިފައެވެ. އެނގިފައެވެ. މިފަހަރުވެސް ވާނީ އެހެން ބާވައެވެ. ނޫނެކެވެ. މިފަހަރު އެހެނެއް ނުވާނެއެވެ. ކުރީފަހަރު އީރާން އޮތީ ހަގުރާމަ ފުޅާކުރާ ގޮތަކަށް ނޫނެވެ. ގަތަރުގައި ހުންނަ އެމެރިކާ ސިފައިންގެ މަރުކަޒަކަށް އީރާނުން ރައްދު ހަމަލައެއް އެފަހަރު ފޮނުވައިލިޔަސް އީރާނުން އިސްކުރީ ހަގުރާމަ ފުޅާ ނުކުރުމުގެ ސިޔާސަތެކެވެ. އެކަމަކު މިފަހަރު ވަރަށް ތަފާތުވާނެއެވެ. މިފަހަރު އެމެރިކާއިން އިސްވެ އީރާނަށް ހަމަލަދީފިނަމަ އީރާނަށް ލިބިގެންވާ އެންމެހައި ވަސީލަތްތަކުގެ ބޭނުން ހިފައި މެދުއިރުމަތީގައިވާ އެމެރިކާގެ އެންމެހައި މަރުކަޒުތަކަށް ހަމަލަދޭނެއެވެ. އެއްވެސް ތަނެއް އިސްތިސްނާ ކުރުމެއް ނެތިއެވެ. އެވާހަކަ ވަރަށް ސާފު ބަހުން ބުނެ އީރާނުންވަނީ އިންޒާރުވެސް ދީފައެވެ. މިފަހަރު މިކަން ކޮންމެވެސް ކޮޅެއްގައި ޖައްސާފައި ނޫނީ ހުއްޓާލުމެއް ނޯންނާނެކަން ވަނީ އަންގައިފައެވެ. އެހެންވީމާ ދެންވާ އެއްޗެއް ބަލަން ތިބެމާ ބަހީއެވެ.