ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 828.7 މިލިއަން ރުފިޔާގެ ހިންގުމުގެ ފައިދާއަކާއެކު ރެކޯޑް މާލީ ނަތީޖާއެއް ހާސިލްކޮށްފިއެވެ.

ބީއެމްއެލްގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 837.5 މިލިއަން ރުފިޔާ ލިބިފައިވާ އިރު މިއީ ތިން ވަނަ ކުއާޓަރާ އަޅައި ބަލާއިރު 76.2 ޕަސަންޓުގެ ކުރިއެރުމެކެވެ.

މާލީ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ބީއެމްއެލަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވާ ވަރު ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރު އެ ބޭންކަށް ޖުމްލަ އާމްދަނީގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ލިބިފައިވާ އިރު މިއީ އޭގެ ކުރީ އަހަރާ އަޅައި ބަލާއިރު 16.1 ޕަސަންޓުގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރު ބީއެމްއެލަށް ޓެކްސްއަށް ކެނޑުުގެ ކުރިން ލިބުނު ފައިދާވެސް ވަނީ އޭގެ ކުރީ އަހަރަށްވުރެ 10 ޕަސަންޓު އިތުރުވެ، 3.2 ބިލިއަން ރުފިޔާއަށް އަރައިފައެވެ.

ބޭންކުގެ ޖުމްލަ އެސެޓް 55.7 ބިލިއަން ރުފިޔާއަށްވުރެ މަތިވެފައިވާ އިރު، މިއީ 2024 ވަނަ އަހަރާ އަޅައި ބަލާއިރު 15 ޕަސަންޓުގެ ކުރިއެރުމެކެވެ. މިކަމުން ބޭންކުގެ ބެލެންސް ޝީޓްގެ ހަރުދަނާކަން ދަމަހައްޓަމުންދާކަން ހާމަކޮށްދެއެވެ.

ބީއެމްއެލުން ވަނީ މިދިޔަ އަހަރު ވިޔަފާރިތަކާއި އާންމު ފަރުދުންނަށް ދިހަ ބިލިއަން ރުފިޔާގެ އާ ލޯނު ދޫކޮށްފައެވެ. އަދި ބޭންކުގެ ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯ ގާނޫނު ލާޒިމުކުރާ މިންގަނޑަށްވުރެ މަތީގައި ދެމެހެއްޓިފައިވާ ކަން މާލީ ހިސާބުތަކުން ސާފުވެއެވެ.

ބީއެމްއެލްގެ ހަރުދަނާ މާލީ ނަތީޖާއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މިދިޔަ އަހަރު ކާމިޔާބު ކަމާއެކު ނިންމާލެވުނުކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ނަތީޖާއިން ދައްކުވައިދެނީ ބޭންކުގެ އިސްތިރާޖީ އަމާޒަށް ވާސިލްވެފައިވާކަމާއި ބޭންކުން މުވައްޒަފުންނަށް ދޭ އަހުމިއްޔަތުކަން ކަމަށެވެ.

10 ޑިސެމްބަރު 2025، ބީއެމްއެލުން ވިސާ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވާހަކަދައްކަވަނީ -- ފޮޓޯ/ ބީއެމްއެލް

"ބޭންކުގެ މައިގަނޑު ވިޔަފާރީގެ ދާއިރާތަކުން ހޯދި ކުރިއެރުމާއި ހަރުދަނާ ރިސްކް މެނޭޖްމަންޓެއްގެ ސަބަބުން، ބޭންކުގެ މާލީ ދުޅަހެޔޮކަން ދަމަހައްޓައި ވަރުގަދަ މާލީ ނަތީޖާއެއް ހާސިލްކޮށް ވަރުގަދަ ބެލެންސް ޝީޓެއް ދެމެހެއްޓިފައިވޭ. ވަކިވަކި ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން ދެމިތިބޭނަން،" ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލުން ބުނި ގޮތުގައި މިދިޔަ އަހަރަކީ އެ ބޭންކުގެ ސްޓްރެޓިޖިކް ކުރިއެރުމާއި އާ ވިސްނުންތަކާ އެކު ކަސްޓަމަރުންނާއި މުޖުތަމައުތަކާއި މުވައްޒަފުންނަށްޓަކައި ވެފައިވާ ވަރުގަދަ އަޒުމް ދައްކުވައިދިން ތާރީހީ އަހަރެއް ކަމަށެވެ. އަދި މާލީ ދާއިރާގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާއި ޑިޖިޓަލް ކުރިއެރުންތަކާ އެކު ގައުމީ ތަރައްގީގެ ރޮނގުން ބޭންކުން ވަނީ ބޮޑެތި ކާމިޔާބީތައް ހޯދުނު އަހަރެއް ކަމަށްވެސް އެ ބޭންކުން ފާހަގަ ކުރެއެވެ.

މީގެ ތެރޭގައި 'ގްރީން ރިސޯޓް ފައިނޭންސިން' ތައާރަފުކުރުމާއި ކޮންސްޓްރަކްޝަން މިނިސްޓްރީއާ ގުޅިގެން ފަސް ޕަސަންޓުގެ ކުޑަ ރޭޓެއްގައި 'ހިޔާވެހި ފައިނޭންސިން' ދޫކުރަން ފެށުމާއި ގެދޮރު ގަތުމަށް ދޫކުރާ ލޯނުތަކުގެ އިކުއިޓީ ފަސް ޕަސަންޓަށް ދަށްކުރުމުގެ އިތުރުން 'ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ޕްރައިވެޓް ލިމިޓެޑް' އުފެއްދުން ހިމެނޭ ކަމަށް ބުންޏެވެ.